ކޮޕާ އެމެރިކާ ވެސް 2021އަށް ފަސްކޮށްފި

ކޮޕާ އެމެރިކާގެ ޓްރޮފީ ---

މި އަހަރު ޖޫން ޖުލައި ގައި ބޭއްވުމަށް، ތާވާލު ކޮށްފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް، ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ފަސް ކޮށްފި އެވެ.

ކޮންމެބޯލްއިން މިއަދު އެގޮތަށް ނިންމީ މިއަހަރުގެ ޖޫން ޖުލައި އަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސްކުރުމަށް ޔޫއެފާއިން ނިންމުމުންނެވެ. ސައުތު އެމެރިކާ ގައުމުތަކުގެ މެދުގައި ހަތަރު އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް މިއަހަރު ބާއްވަން ކުރިން ތާވަލުކޮށްފައި އޮތީ ޖޫން 11 އިން ޖުލައި 11 އަށެވެ.

މުބާރާތް އަންނަ އަހަރު އޮންނާނީ ޖޫން 11 އިން ޖުލައި 11 އަށެވެ.

އާޖެންޓީނާއާއި ކޮލޮމްބިއާއަށް ބަހާލައިގެން މިއަހަރު ބާއްވަން އުޅުނު ކޮޕާ އެމެރިކާ 12 މަހަށް ފަސްކުރެވިފައިވާ އިރު ޔޫރޯ މުބާރާތް ވެސް އެއް އަހަރަށް ވަނީ ފަސްކޮށްފަ އެވެ. ކޮރޯނާގެ ނުރައްކާ އިންތިހާއަށް ބޮޑުވެ ގިނަ ގައުމުތަކެއްގައި އެބަލި ހަލުވި ކަމާ އެކު ފެތުރެމުންދާތީ ބޮޑެތި ހުރިހާ ފުޓުބޯޅަ ލީގެއް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެހެން ކަމުން ޔޫރޯ އަދި ކޮޕާ އެމެރިކާގެ މުބާރާތް މިއަހަރު ބާއްވާ ނަމަ ލީގުތައް ނިންމުމަކީ ވާނެ ކަމެއް ނޫނެވެ. އަދި އެއާ އެކު އަންނަ ސީޒަނުގެ ތާވަލަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 މުޅި ދުނިޔޭން 182,881 މީހަކަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 79,886 މީހުން އެ ބަލިން ފަސޭހަވެފައިވާއިރު، 7،174 މީހުން ވަނީ މަރުވެފަ އެވެ. ޗައިނާ އިން މިދިޔަ ޑިސެމްބަރު ފެނުނު މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގަ އެވެ.

"މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ސިއްހަތާއި ބެހޭ ޖަމިއްޔާތަކާއި، އިންޓަނޭޝަނަލް ފެޑެރޭޝަންތައް އަދި ފުޓުބޯޅަ އިދާރާތަކުގެ އިރުޝާދުތައް ވަރަށް ގާތުން ދިރާސާކުރުމަށްފަހު މިއަހަރު ބާއްވަން ހަމަޖެހިފައިވާ 47 ވަނަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް އަންނަ އަހަރަށް ފަސް ކުރަން ނިންމައިފިން،" ކޮންމެބޯލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮންމެބޯލްއިން މި ނިންމުން ނިންމާފައިވަނީ އެ އިދާރައިގެ ރައީސް އެލެޖެންޑްރޯ ޑޮމިނިގުއެޒްއާއި މުބާރާތުގައި ވާދަކުރާ ދިހަ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ ރައީސުންނާއި މަޝްވާރާކުރުމަށްފަހު ފުރިހަމަ އަގުލަބިއްޔަތާ އެކު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ފަހުގެ ކޮޕާ އެމެރިކާ މުބާރާތް ބްރެޒިލުން އަމިއްލަ ގައުމުގައި ކާމިޔާބު ކުރީ ފައިނަލުގައި އުރުގުއޭ ބަލިކުރުމަށްފަހު އެވެ.

comment ކޮމެންޓް