ވައިގެ މަގުން ސްރީލަންކާއަށް މީހުން އެތެރެވުން މަނާކޮށްފި

ސްރީލަންކަން އެއާލައިންސްގެ ކެބިންކްރޫއިންތަކެއް: ލަންކާގައި އެގައުމުގެ މީހަކަށް ވަނީ ކޮރޯނާވައިރަސް ޖެހިފަ --- ފޮޓޯ: ރޮއިޓާސް

އަވަށްޓެރި ސްރީލަންކާއަށް ވައިގެ މަގުން މީހުން އެތެރެވުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ކޮރޮނާވައިރަސްގެ ނުރައްކާ ލަންކާއަށްވެސް ކުރަމުން އަންނައިރު، އެގައުމުން މިދިޔަ ހަފްތާގައި ވަނީ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމާފައެވެ. އޭގެތެރޭގައި މިހާރު ދިވެހިންނަށްވެސް އޮންއެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފައެވެ.

ލަންކާގެ ވިޔަފާރީގެ ދާއިރާއާ ގުޅޭ މިނިސްޓަރު ވިމަލް ވީރަވަންޝާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރޯނާވައިރަސްއާ ގުޅިގެން ލަންކާއަށް އަންނަ ފްލައިޓުތައް އައުން ހުއްޓާލުމަށް އެގައުމަށް މިއަދު ރައިސް ގޯޓަބަޔާ ރާޖަޕަކްސަ ނިންމަވާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ހަލުވިކަމާއެކު ލަންކާގައި ވައިރަސް ފެތުރުމެންދާއިރު، ވައިރަސް ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރުމަށް ރައީސް ގޯޓާބަޔަ މިރޭ ލަންކާ ގަޑިން 7:30 ގައި ގައުމާ މުހާތަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިއަދު އެގައުމުން ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ކޮންމެހެން ބޭނުންވާނެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ، ސިއްހީ، ދަތުރުފަތުރު، ކާބޯތަކެތި ސަޕްލައިސް، ބޭންކްތައް އަދި ޑިސްޓްރިކްޓް ސެކްރެޓޭރިއެޓްތައް ނުހިމެނެއެވެ.

ލަންކާއިން މިހާތަނަށް ކޮރޯނާވައިރަހަށް 29 މީހަކު ވަނީ ޕޮޒިޓިވްވެފައެެވެ.

ލަންކާއަށް އަންނަ ފުލައިޓުތައް ހުއްޓާލުމަށް ސަރުކާރުން މިއަދު ނިންމެވިއިރު، މީގެ ކުރިން ބައެއް ގައުމުތަކުން މީހުން އައުންވެސް މަނާކުރިއެވެ. އަދި ސްކޫލްތަކާއި ޒޫތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ސްކޫލްތައް ބަންދުކުރުމަށް ނިންމީ އަންނަ މަހު 20 އަށެވެ.

comment ކޮމެންޓް