މާދަމާ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ

ޔާމީން: މާދަމާ އެމަނިކުފާނު ފުލުހަށް ހާޒިރުކުރުމަށް ވަނީ އަންގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މާދަމާ ފުލުހަށް ހާޒިރުކުރުމަށް އަންގައިފިއެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، ރައީސް ޔާމީންގެ ވަކީލުންނާއި ކަރެކްޝަސްއަށް ވަނީ އެކަން އަންގާފައެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރު 1:30 އަށެެވެ.

ފުލުހުން އަންނީ ރައީސް ޔާމީންއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގެއް ހިންގަމުންނެވެ. ބެެލެވޭ ގޮތުގައި މާދަމާ ފުލުހަށް ހާޒިރުކުރަނީ އެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށެވެ.

ރައީސް ޔާމީންގެ ގާނޫނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ކޮރޮނާގެ ނުރައްކާ ރާއްޖެއަށް އައިސްފައިވާއިރު، މިހާލަތުގައި އެމަނިކުފާނު ގެންނަވާތީ ކަންބޮޑުވުން ފާޅުކޮށް ޓްވީޓްކުރައްވާފައެވެ. ރައީސް ޔާމީން އަކީ ޖަލު ބަންދުގައި ހުންނެވި މީހަކަށްވާއިރު، ކޮންމެ ވަގުތެއްގައިވެސް ފުލުހުންނަށް ސުވާލުކުރެވިދާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެހެންވީއިރު، ކޮން ކަމެއްތޯ މިހާ ބޮޑަށް ކުއްލިއަކަށް ހާސިލުކުރަން ޖެހިގެން މި އުޅެނީ" ޖަމީލް ސުވާލު އުފެއްދެވިއެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހުވެސް ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އެންގިއެވެ. އޭރުވެސް އިދިކޮޅު ފަރާތްތަކުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް ފަހު ވަގުތު ރައީސް ޔާމީން ގެނައުން ކެންސަލްކުރިއެވެ.

ރައީސް ޔާމީންއާ ގުޅޭ ގޮތުން ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅިގެން ދެ ފަހަރެއްގެ މަތިން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިއެވެ. އެންމެ ފަހުން ހާޒިރުކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެ ދުވަހު ފުލުހުން ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ގަޑިއެއްހާއިރަށް ގެއަށްވެސް ދޫކޮށްފައެވެ.

ރައީސް ޔާމީންއާ ގުޅޭގޮތުން މިހާރު ތަހުގީގުކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މިހާރު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށްވެސް އިދިކޮޅުން ވަނީ ސަރުކާރުގެ ކިބައިން އެދިފައެވެ.

comment ކޮމެންޓް