ރަވީގެ ތަފާތު ފެނިލުމެއް "އެހެނަސް" ސީޒަން ދޭކުން!

އެހެނަސް ގެ ތަރިން----

ވާހަކަލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް އުފައްދާފައި ވެބް ސީރީޒް "އެހެނަސް"ގެ ދެވަނަ ސީޒަނުން ޑައިރެކްޓަރު ރަވީ ފާރޫގް ފެނިގެންދާނެއެވެ.

ރަވީ އެންމެ ފަހުން ފެނިގެން ދިޔައީ ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" އިންނެވެ. ވިޝްކާގެ ރޯލަކުން ވެސް ފެނިގެންދިޔަ ރަވީ އަކީ އަބަދުވެސް ތަފާތު ރޯލުތަކުން ފެންނަ ތަރިއެކެވެ. މި ދެ މަސައްކަތުން ވެސް ރަވީ ފެނުނީ ތަފާތު ދެ ރޯލަކުންނެވެ. އެހެނަސް ސީޒަން ދޭއް މިހާރު ދެއްކުމަށް ތައްޔާރުވަމުން އަންނަ އިރު މި ފަހަރު މި ސީޒަނުން ރަވީ ފެނިގެންދާނެ ކަމަށް އައިކިއު ވަނީ ބުނެފައެވެ.

އޭނާ ބުނީ ރަވީ އެހެނަސް ދޭކުން ފެނިގެންދާނީ ހާއްސަ ފެނިލުމަކުން ނަމަވެސް އެ ރޯލަކީ މިހާތަނަށް ރަވީ ކުޅެފައިނުވާފަދަ ކެރެކްޓާއެއް ކަމަށެވެ.

އައިކިއު ބުނީ އެންމެ ޗެލަންޖިން ކަމަކަށްވެގެންދިޔައީ މި ސީރީޒްގެ ރޯލުތަކަށް ކެރެކްޓާއިން ހޯދުމަށް ކަމަށެވެ. ނަމަވެސް ރިޝްމީ އާއި ރަވީގެ އެހީގައި އެކަންވެސް ހަމަޖެހުނުކަމަށް އައިކިއު ބުންޏެވެ.

"އަސްލު ޝާއިރާ ކެރެކްޓާ ރިޝްމީ އަށް އޮފާކުރަންވެސް ހުރީ ޖެހިލުންވެފައި. ކެރެކްޓާގެ ގޮތުން ދޯ. އެކަމަކު ރިޝްމީގެ ޕާފޯމަންސް ހަމަ ވަރަށް ބަރާބަރު. އެ ރޯލު ރިޝްމީ ކުޅެދިނީ އެންމެ ފުރިހަމައަށް. ދެން ކާސްޓް ހޯދަން އެންމެ އުނދަގޫ އެއް ކެރެކްޓާ ކުޅެން ރަވީ އެއްބަސްވީ،"

އައިކިއު ބުނީ އެ ކެރެކްޓާ އަށް ރަވީ ރެޑީވި ވަރުފެނިފައިވެސް ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. ރަވީގެ ފެނިލުމާއި ހުރިހާ ކަމެއް ހަމަ ކެރެކްޓާ އަށް ބޭނުންވި ގޮތަށް ރަވީ އެ ރޯލު ވަރަށް ފުރިހަމައަށް ކުޅެދިން ކަމަށްވެސް އޭނާ ބުންޏެވެ.

ބައިސްކޯފު އެޕްލިކޭޝަނުން ދައްކާ އެހެނަސް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒްއެކެވެ. މިހާރު ވަނީ ސީޒަން ދޭއްގެ ޓީޒާ ދައްކާލައިފައެވެ. އެހެނަސް 2 ގެ ޓްރެއިލާ މި މަހު ފަހުކޮޅު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ބުލީކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި އުފެއްދި އެ ސީރީޒް ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.

comment ކޮމެންޓް