އޮޑިޓް އޮފީހުންވެސް މުވައްޒަފުންނަށް ލުއިތަކެއްދީ، ބައެއް ފީލްޑް އޮޑިޓްތައް މެދުކަނޑާލައިފި

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވާހަކަ ދައްކަވަނީ -- ފޮޓޯ: އޮޑިޓް އޮފީސް

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މުވައްޒަފުންނަށް ލުއިތަކެއް ދޭން އޮޑިޓާ ޖެނެރަލްގެ އޮފީހުންވެސް ނިންމައިފިއެވެ.

އޮޑިޓް އޮފީހުން ބުނީ ކޮރޯނާވަރިރަހުގެ އެކި ލެވެލްތަކުގައި އެ އޮފީހުގެ މަސައްކަތްކުރާނެ އުސޫލުތައް ރާވާފައިވާ ކަމަށެވެ. އެގޮތުން މިހާރު މިއޮތް ޔެލޯއެލާޓްގައި އޮޑިޓުކުރުމަށް އޮފީސްތަކަށް ޒިޔާރަތްކުރުމުގައި، ހޮސްޕިޓަލްތަކާއި ޕޯޓްތައް ފަދަ ބަލިފެތުރުމުގެ ބިރުވެރިކަން ބޮޑު ތަންތަނުގެ އޮޑިޓްކުރުމަށް އޮޑިޓަރުން ފީލްޑަށް ދިއުން މަޑުޖައްސާލާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ވީވަރަކުން އޮފީހުން ބޭރުގައި ބާއްވާ މީޓިންތަކާއި، ޓްރެއިނިންތަކާއި ވިޒިޓްތައް މަދުކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށާއި މިހާރުން މިހާރަށްވެސް މުވައްޒަފުންގެ ތެރޭގައި ހިމެނޭ، ރިސްކު ލެވެލް ހައި ކެޓަގަރީ ކަމުގައިވާ، 55 އަހަރުން ފެށިގެން މަތީގެ މުވައްޒަފުންނާއި، މާބަނޑު އަންހެނުންނާއި، ފުއްޕާމޭގެ ބަލިތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެ މުވައްޒަފަކު ސެލްފް އައިސޮލޭޓްކުރުމަށް ގޭގައި މަޑުކުރުވާގޮތަށްވެސް ނިންމާފައިވާ ކަމަށާއި މުވައްޒަފުން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމުގައި ހުންނަން ޖެހިއްޖެނަމަ މިހާރު ހުށަހަޅަންޖެހޭ މެޑިކަލް ސެޓްފިކެޓް ހުށަހެޅުން ވަގުތީގޮތުން ހުއްޓާލުމުގެ ލުއިވެސް ދީފައިވާކަމަށް އެ އޮފީހުން ބުންޏެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ބުނީ މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހުމަކީ، މުވައްޒަފުން ހޮސްޕިޓަލްތަކަށް ދާންޖެހި، ބަލި ޖެހުމަށް މަގުފަހިވެދާނެކަމެއް ކަމަށް ފެންނާތީމިވަގުތު އެކަން ނުކުރާގޮތަށް ނިންމީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

މި ބަދަލުތަކާއިއެކު ގޭގައި މަޑުކުރަންޖެހޭ މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު އެ އޮފީހުން މިހާރުވަނީ ފަހިކޮށްދީފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 13 މީހަކު ވަނީ ފެނިފައެވެ.

comment ކޮމެންޓް