ސަފާރީތަކުން ބާލާ ކުންޏާއި އާންމު ކުނި އެއްކޮށްގެން ގެންދިއުމާއި އަމިއްލަ އެއްގަމު އުޅަނދު ގެންގުޅޭ ފަރާތްތަކުން ސަފާރީ އުޅަނދު ފަހަރުގެ ކުނި ވެމްކޯގެ އެއްވެސް ސައިޓަކަށް ގެންދިއުން މަނާކޮށްފިއެވެ.
ރާއްޖެއިން ކޮރޯނާވައިރަސް (ކޮވިޑް19) ފެނިފައިވާތީ، ވެމްކޯގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތަފާތު ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
ވެމްކޯއިން ބުނީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި ހުންނަ ވެމްކޯގެ ސައިޓުތަކަށް ކަސްޓަމަރުން ގެންދާ ކުނީގެ ތެރޭގައި ސަފާރީ އުޅަނދުފަހަރުން ގެންދާ ކުނި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ސަފާރީތަކުގެ ކުންޏާއި އާންމު ކުނި އެއްކޮށްގެން ގެނައުމާއި، އަމިއްލަ އެއްގަމު އުޅަނދު ގެންގުޅޭ ފަރާތްތަކުން ސަފާރީ އުޅަނދު ފަހަރުގެ ކުނި ވެމްކޯގެ އެއްވެސް ސައިޓަކަށް ގެނައުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ،" ވެމްކޯގެ ބަޔާނުގައިވެއެވެ.
ވެމްކޯއިން ބުނީ ސަފާރީ އުޅަނދުފަހަރުން ހުޅުމާލެ ސައިޓަށް ކުނި ގެންދާކަމުގައި ވާނަމަ، އެކަން ކުރިއަށް ގެންދަން ޖެހޭނީ ސައިޓު ސުޕަވައިޒަރަށް އަންގައިގެން ކަމަށެވެ.
އެގޮތުން ސައިޓު ސުޕަވައިޒަރުގެ ނަންބަރު 7871666 އަށް ގުޅައި އެ ކޯޕަރޭޝަނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުނި ގެނައުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ވެމްކޯއިން ބުނީ އެގޮތަށް ގެންދާ ކުނި ހުންނަން ޖެހޭނީ ކޮތަޅު ލެވި ރަނގަޅަށް ބަންދު ކޮށްފައި ކަމަށާއި ބަންދުނުކޮށް ގެންދާ ކުނި އެ ކޯޕަރޭޝަނުގެ ސައިޓުން ބަލައިނުގަންނާނެ ކަމަށެވެ.
ސަފާރީތަކުން އެނޫންގޮތަކަށް ކުނި ގެންދިއުމަކީ މިވަގުތަށް އެންމެ ރައްކާތެރި ކަމަކަށް ނުފެންނާތީ، ވެމްކޯއިން އެކުލަވާލާފައިވާ އުސޫލަށް އަމަލުކުރަން އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ވެމްކޯއިން ބުނީ އުސޫލާ ހިލާފުވާ ފަރާތެއް ފާހަގަ ކުރެވިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.