ޔޫރަޕްގެ އަށް ގައުމަކުން ލަންކާއަށް ދަތުރުކުރުން މަނާކޮށްފި

ސްރީލަންކާއިން ވަނީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައި -- ފޮޓޯ: ކޮލަމްބޯޕޭޖް

ކޮލަމްބޯ (މާޗް 15): ސްރީލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، މިރެއިން ފެށިގެން ދެ ހަފްތާ ވަންދެން ޔޫރަޕްގެ އަށް ގައުމަކުން އެގައުމަށް ދަތުރުކުރުން މަނާކޮށްފި އެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި މިރޭ ދަންވަރުން ފެށިގެން ލަންކާއަށް ދަތުރުކުރުން ހުއްޓާލަން އަންގާފައި ވަނީ ފްރާންސް، ސްޕެއިން، ޖަރުމަނު، ސްވިޒަލޭންޑް، ޑެންމާކް، ނެދަލޭންޑްސް، ސްވިޑެން އަދި އޮސްޓްރިއާއިން ލަންކާއަށް ދާ ފްލައިޓުތަކެވެ.

މީގެ އިތުރުން ލަންކާއަށް ދާ އެއާލައިންތަކަށް ވަނީ އެގައުމަށް ދަތުރުފެށުމުގެ ކުރިން، 14 ދުވަހުގެ ތެރޭގައި އެ އަށް ގައުމުގެ ތެރެއިން ގައުމެއްގައި ހުރި މީހަކު ވެސް ލަންކާއަށް ނުގެންދިޔުމަށް އަންގައިފަ އެވެ.

ލަންކާއިން ވަނީ އެ އަށް ގައުމުގެ ތެރެއިން ސުވިޒަލޭންޑު ފިޔަވާ ހުރިހާ ގައުމަކަށް ހުރިހާ ބާވަތެއްގެ ވިސާ ދިނުން ހުއްޓާލާފަ އެވެ. އަދި އެ ހަތް ގައުމުގެ އިތުރުން ދެކުނު ކޮރެއާ، އީރާން، އިޓަލީ، ގަތަރު އަދި ބަހުރޭނަށްވެސް ވިސާ ދިނުން ހުއްޓާލާފަ އެވެ.

ލަންކާގައި މިދިޔަ ހަފްތާގައި އެގައުމުގެ ރައްޔިތަކަށް ކޮރޯނާވައިރަސް ޖެހުނު ފަހުން، އެގައުމުން ވަނީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފަ އެވެ. އަދި ރާއްޖޭ ސިންގަޕޫރު އަދި ސީޝެލްސް އެ ގަވާއިދުން ފުރަތަމަ އިސްތިސްނާ ކުރި ނަމަވެސް، ފަހުން ލަންކާއިން ވަނީ އެ ތިން ގައުމަށްވެސް އޮން އެރައިވަލް ވިސާ ނުދޭން ނިންމާފަ އެވެ.

ސްރީލަންކާގައި މިހާތަނަށް 10 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެގައުމުގައި ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވި ޗައިނާގެ މީހާ ވަނީ އޭނާގެ ބަލި ރަނގަޅު ވުމުން މިދިޔަ މަހު އެނބުރި ގައުމަށް ގޮސްފަ އެވެ.

comment ކޮމެންޓް