ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރާން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ރޮނާލްޑީނިއޯ މިވަގުތު ހުރި ޕެރަގުއޭ ޖަލުގައި އޭނާ ކުޅުނު މުބާރާތެއްގެ ފައިނަލުގައި ފަސް ގޯލު ޖަހައި ހަ އެސިސްޓް ކޮށްފި އެވެ.
ފޭކް ޕާސްޕޯޓް މައްސަލާގައި ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ޕެރަގުއޭއިން ހައްޔަރުކުރީ މި މަހުގެ ހަތްވަން ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފަ އެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާއަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީ އެވެ.
އެއާކު ރޮނާލްޑީނިއޯ ޖަލަށްލާފައި ހުންނަތާ ހަފްތާއެއް ވެފައިވާ އިރު އޭނަގެ ފުރަތަމަ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހަށެވެ. އަދި އެހެންމެ އޭނާ މިނިވަން ކުރުމަށް އެކި ފަރާތްތައް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބްރެޒިލްގެ ޖަސްޓިސް މިނިސްޓްރީގެ އިތުރުން އޭނަގެ ކުރީގެ ޓީމް މޭޓް މެސީވެސް އަންނަނީ ރޮނާލްޑޯނިއޯ މިނިވަން ކުރުމަށް އެހީތެރިވަމުން ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
ބްރެޒިލުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބު ކުރި އިރު އެ ޓީމުގައި ހިމެނުނު އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ރޮނާލްޑީނިއޯ ވަނީ 2005 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައި ސްޕެއިނުގެ ބާސެލޯނާއަށް ޖެހިގައި އައި އަހަރު ގިނަ ދުވަސްތަކަކަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދީފަ އެވެ. މިޒަމާނުގެ ގިނަ މީހުން ފުޓުބޯޅައަށް ލޯބިކުރަން ފެށި އެއް ސަބަބަކީ ވެސް ރޮނާލްޑީނިއޯ ކަމަށްވާ އިރު އުމުރުން 39 އަހަރުގައި އަދި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެގޮތުން ރޮނާލްޑީނިއޯ މިވަގުތު ހުރި އަގްރުޕަސިއޮން އެސްޕެޝަލައިޒަޑާ ޖަލުގައި ކުރިއަށް ދިޔަ މުބާރާތެއްގައި އޭނާ ވަނީ ބައިވެރިވެފަ އެވެ. އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލުގައި ރޮނާލްޑީނިއޯ ކުޅުނު އިރު އޭނާ ވަނީ މުޅި ޖަލުގައި ތިބި އެންމެން އާޝޯޙް ކޮށްލައިފަ އެވެ. އެ މެޗުގައި ޖެހި ފަސް ގޯލާއި ހަ އެސިސްޓާ އެކު ރޮނާލްޑީނިއޯއަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވާ އިރު އެ މެޗުން އޭނާގެ ޓީމު މޮޅުވީ 11-2 އިންނެވެ.
ރޮނާލްޑީނިއޯގެ ވަކީލު ސާޖިއޯ ކުއިރޯޒް ވަނީ ރޮނާލްޑީނިއޯގެ ބަންދަކީ ގާނޫނާ ހިލާފު ބަންދެއްކަމަށް ކުރިން ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ރޮނާލްޑީނިއޯ ކުށެއް ނުކުރެ އެވެ. ސަބަބެއް ކަމަށް ދެއްކީ ރޮނާލްޑީނިއޯއަށް ދީފައިވާ ޕޯސްޕޯޓް ފޭކްކަމެއް އޭނާއަށް ނޭގުމެވެ.