ކޮރޯނާވައިރަސް: ގެމަނަފުއްޓަށް ފަތުރުވެރިން ނޭރުމަށް އިލްތިމާސް ކޮށްފި

ގއ. ގެމަނަފުށީ ޒީރޯއިން ބީޗް: ކޮރޯނާވައިރަހާ އެކު ރަށުފަތުރުވެރި ކަމަށް ވަނީ ނޭދެވޭ އަސަރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކޮރޯނާ ވައިރަސް ނުވަތަ ކޮވޮޑް-19 އާ ގުޅިގެން ގއ. ގެމަނަފުއްޓަށް ފަތުރުވެރިން އެރުން މަނާކޮށްފި އެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ތިން ރިސޯޓަކުން އަށް ބިދޭސީން ވަނީ ޕޮޒިޓިވްވެފަ އެވެ.

ގެމަނަފުށީ ކައުންސިލް އިދާރާ އިން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށްވެސް އައިސްފައިވާއިރު، މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެރަށުގައި އެކުލަވާލައިފައިވާ "ކޮވިޑް19 ރަށު ކޮމިޓީ" ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިން ފިޔަވަޅެއް އެޅުމަށް އެ ކޮމިޓީން ނިންމާފައިވާކަން ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އަޅަން ނިންމި ފިޔަވަޅުތައް:

  1. މިހާލަތުގައި އެއްވެސް ފަތުރުވެރިޔަކު ރަށަށް ނޭރުން.
  2. ރަށުގެ ރައްޔިތުން ރަށުން ބޭރުގައި އުޅެފައި ރަށަށް އައުމުގެ ކުރިން ކަމަބެހޭ ފަރާތްތަކަށް އެކަން އެންގުން.
  3. ވަކިން ހާއްސަކޮށް ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތައް ރަށަށް އައުމުގެ ކުރިން ކަމާބެހޭ ފަރާތްތައްކުގެ އިރުޝާދު ހޯދާ، ރަށު ކޮމިޓީގެ ހޮޓްލައިން ގުޅާ އެކަން އެންގުން.

ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނީ، އެ ނިންމުންތަކަކީ ރަށުގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެންމެހާ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަށް ކައުންސިލުން އިލްތިމާސްކުރެެއްވި އެވެ.

އެގޮތުން ވައިރަހުގެ އެއްވެސް އަލާމާތްތެއް އެއްވެސް މީހެއްގެ ގައިން ފެނިއްޖެ ނަމަ، އެކަން ލަސްނުކޮށް ރަށު ކޮމިޓީއަށް އަންގައިދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

ރަށު ކޮމިޓީގެ ހޮޓްލައިން އަކީ، 9991159، 7916609 އެވެ. ކޮވިޑް19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިން އަކީ، 1676 އެވެ.

ގެމަނަފުށީން ފަތުުރުވެރިން ނޭރުވުމަށް ނިންމި އިރު، ގއ. ގައި ޖުމްލަ ހަ ރިސޯޓު އޮވެ އެވެ.

އާންމުގެ އެދުމުގެ މަތިން އއ. ތޮއްޑޫއިން ވެސް ވަނީ އެރަށަށް މީހުން އަރައިފޭބުން ކޮންޓްރޯލްކޮށްފަ އެވެ.

https://sun.mv/132857

މިހާތަނަށް ކޮރޯނާ ވައިރަސް 121 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 126,621 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 68,320 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,638 އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް-19 އަކީ "ޕެންޑަމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ ކޮރޯނާ ވައިރަސްއަކާ ގުޅިގެން "ޕެންޑަމިކް" ކަނޑައެޅި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް