ގއ. ގެމަނަފުށީގެ މަގުތައް ތަރައްގީކުރާއިރު އިތުރު މަގުތަކުގައި ތާރު އަޅާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ގއ.ގެމަނަފުށީ، ހުސްނޫގޭ، ސަމީރު އަޙްމަދު ވަނީ، ގެމަނަފުށީގެ މަގުތައް ތަރައްގީ ކުރުމުގެ ތެރެއިން ތާރުއަޅަން ނިންމާފައިވަނީ ފަސް މަގުގައިކަން ފާހަގަކޮށްފައެވެ. އަދި، ގެމަނަފުއްޓަކީ މުޅި އަތޮޅުން ވެސް ދެވަނައަށް އެންމެ ބޮޑު ރަށް ކަމާއި އެ އަތޮޅުގެ މާ ކުދި ރަށްރަށުގައި މާ ގިނަ މަގުތަކުގައި ތާރު އަޅާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ސަމީރުގެ އެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ އިތުރު މަގުތަކުގައި ވެސް ތާރު އަޅައިދެއްވާނެ ކަމަށެވެ.
"މި ރަށުގައި ހަދަންޖެހޭ މަގުތައް އަޅުގަނޑުމެން ހަދަނީ، ދެންމެ ތި ވިދާޅުވީ ފަސް މަގު އިތުރު ކުރެވިގެން. އިރާދަކުރެއްވީތީ ރަށަށް ފުރިހަމަ ފައިދާ އޭގެން މަސްވެރިކަމަށް އަދި ދިރިއުޅުމަށް ވެސް ކުރެވޭނެހެން،" ރައީސް ވިދާޅުވިއެވެ
މީގެ އިތުރުން ސަމީރު ވަނީ، އެ ރަށު ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ނެތުމުގެ ދަތިކަން ތަހަންމަލް ކުރަންޖެހޭ ކަމަށެވެ.
"ދާދި ފަހުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަޅުގަނޑުމެންމެ ތެރޭގައި ބޭއްވި ބައްދަލުވުމެއްގައި ވެސް ހޯލެއް ނުލިބުމުގެ ސަބަބުން އެ ކްލާސްރޫމެއްގައި އިތުރު ވަގުތާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހުނީ،" ސަމީރު ބުންޏެވެ.
ރައީސް ވިދާޅުވީ، އެ ކަންބޮޑުވުން ވެސް ހައްލު ކޮށްދެއްވާނެ ކަމަށެވެ.
ގެމަނަފުށީ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ގާއިމްކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެެކެވެ. އެގޮތުން ރައީސް ގެމަނަފުއްޓަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި:
- މާރެހާގައި ރިސޯޓެއް ތަރައްގީ ކުރުން
- ބޭންކްގެ ބްރާންޗެއް ގާއިމުކޮށްދެއްވުން
- ސިއްހީ މަރުކަޒު ތަރައްގީކޮށްދެއްވުން
- ހައުސިންގެ މަޝްރޫތައް ގެމަނަފުށީގައި ހިންގުން
- މަލްޓިޕާޕަސް ހޯލެއް ގާއިމްކޮށް ދިނުން