ގެމަނަފުށީ ދޯނި ބިންދައިގެން ދިޔުން: ފަސް މިލިއަން ރުފިޔާގެ ގެއްލުން

ގެމަނަފުށިން ބިންދައިގެން ދިޔަ "އޯކިޑް 707" ދޯނި--

މިއަދު މެންދުރު ގއ. ގެމަނަފުށީ "އޯކިޑް 707" ދޯނި ބިންދައިގެން ދިޔުމުން ފަސް މިލިއަން ރުފިޔާގެ ގެއްލުން ލިބިއްޖެއެވެ.

ގެމަނަފުށީގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ މި ދޯންޏަކީ 2016 ވަނަ އަހަރު ރާއްޖޭގައި ހުރި އެންމެ ޒުވާން ކެޔޮޅު ކަމަށްވާ ހަސަން ޒާހިރުގެ ކެޔޮޅު ކަމުގައި ދުއްވާ ދޯންޏެކެވެ.

އެ ދޯނި ބިންދައިގެން ދިޔައީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުގައި އޮށްވައެވެ.

'ސަން' އާ ވާހަކަދައްކަމުން ދޯނީގެ ވެރިފަރާތުގެ ދަރިފުޅު އަލީ އާދިލް ބުނީ، ދޯނި ބިންދައިގެން ދިޔައީ ވިއްސާރައިގެ ސަބަބުން ނެގި ބޮޑު ރާޅެއްގައި ޖެހިގެން ކަމަށެވެ.

އާދިލް ބުނި ގޮތުގައި އަށް އަހަރު ވެފައިވާ އެ ދޯންޏަކީ 15 މިލިއަން ރުފިޔާގެ ދޯންޏެކެވެ. އެ ދޯނި އިންޝުއާ ކޮށްފައިވީ ނަމަވެސް، ދޯނީގެ މަރާމާތަށާއި އެ ނޫން ވެސް ކަންކަމަށް ފަސް މިލިއަނެއްހާ ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ގެމަނަފުށިން ބިންދައިގެން ދިޔަ "އޯކިޑް 707" ދޯނި--

އާދިލްގެ ކޮއްކޮއެއް ކިޔައިދިން ގޮތުގައި ގެމަނަފުށީގެ އިތުރު ދެ ދޯންޏެއްގެ އެހީތެރިކަމާއެކު މިހާރު ބިންދައިގެން ދިޔަ ދޯނި ކަފުޖަހައިގެން ރަށަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވިއްސާރަވެ، ކަނޑު ވެސް ގަދަވުމާއެކު ރަށާ ހަމައަށް އެ ދޯނި ގެނެވޭނީ މާދަމާ ހެނދުނު ކަމަށް އޭނާ ލަފާކުރިއެވެ.

"މި ރަށުގެ ދެ ދޯންޏަކުން ކަފު ޖަހައިގެން އެ ގެންނަނީ. ވަރަށް ކަނޑު ވެސް ގަދަ. ދެން އެއީ ވަރަށް ހެޔޮ ބައެއް،" އާދިލްގެ ކޮއްކޮ ކިޔައިދިނެވެ.

ގެމަނަފުށި "އޯކިޑް 707" ދޯނި--

މިއަދު މެންދުރު ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށެވެ. ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅުކަމަށް ސިފައިން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ، މި ދޯންޏަކީ އެ ރަށުގައި އެންމެ ވަރުގަދައަށް މަސްވެރިކަން ކުރާ ދޯނި ކަމަށެވެ.

ދޯނި ބިންދައިގެން ދިއުމަކީ މީގެ ކުރިން ވެސް ރާއްޖޭގައި ހިނގާފައިވާ ކަމެކެވެ. އެގޮތުން ގެމަނަފުށީގެ އިތުރު މަސް ދޯންޏެއް ވެސް މީގެ ކުރިން މިގޮތަށް ބިންދައިގެން ގޮސްފައިވެއެވެ.

comment ކޮމެންޓް