ކޮރޯނާގެ ސަބަބުން ޕްރެކްޓިސް ދޫކޮށް ރޮނާލްޑޯ ޕޯޗުގަލްގައި

ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި އެތްލެޓިކޯ ސަޕޯޓަރުންނަށް ރައްދު ދޭ މަންޒަރު --- ފޮޓޯ/ ޖެކް ޑޭވިސް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ އިޓަލީގެ ލީގު މެޗުތައް ސަސްޕެންޑް ކުރުމުން ޔުވެންޓަސްގެ ޕްރެކްޓިސް ދޫކޮށް ރޮނާލްޑޯ ހުރީ ޕޯޗުގަލްގައި ކަމަށް އެ ކުލަބުން ބުނެފި އެވެ.

ޕޯޗުގަލްގެ މަޑެއިރާއަށް އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ރޮނާލްޑޯ ދިޔައީ މި ހަފުތާގެ ކުރީކޮޅު އެވެ. އެކަމަކު ރޮނާލްޑޯ ޕޯޗުގަލްގައި ހުއްޓާ އިޓަލީގެ ހާލަތު ގޯސްވެ ގިނަ ބަޔަކު ކޮރޮނާއަށް ޕޮސިޓިވްވުމުން އެގައުމު ވަނީ ލޮކްޑައުންކޮށް އެއްވެސް މީހަކު އެތެރެވުމާއި ބޭރުވުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެހެން ކަމުން ޔުވެންޓަސްއިން މިހާރު ކުރާ ޕްރެކްޓިހުގައި ރޮނާލްޑޯއަށް ބައިވެރިނުވެވޭނެ އެވެ.

އަންނަ ހަފުތާ އޮންނަ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގަށް ތައްޔާރުވުމުގެ ގޮތުން ޔުވެންޓަސް މިހާރު ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން 0-1 އިން ފްރާންސްގެ ލިޔޮން އަތުން އެ ޓީމު ބަލިވި އިރު އިޓަލީގައި ކުޅުމަށް ހަމަޖެހިފައިވާ ހޯމް މެޗު އެގައުމުގައި ނުކުޅެވޭނެ އެވެ. އެކަމަކު އަދި އެ މެޗު ކުޅޭނެ ވަކި ތަނެއް ޔޫއެފާއިން އަންގާފައި ނުވާއިރު ޔުވެންޓަސްއަށް ކުރިއަށް އޮތް 14 ދުވަސްތެރޭގައި މެޗެއް ކުޅުމަކީ ވަރަށް ނާދިރު ކަމެކެވެ.

ސަބަބަކީ އެ ޓީމުގެ ޑިފެންޑަރު ޑެނިއަލް ރުގާނީ ރޭގެ ވަގުތެއްގައި ކޮރޮނާއަށް ޕޮސިޓިވްވެފައި ވުމުން، އޭނާއާ ކޮންޓެކްޓްވި އެންމެން މިހާރު ވަނީ އައިސޮލޭޓް ކުރަން ނިންމާފަ އެވެ. މީގެ ތިން ދުވަސް ކުރިން ޔުވެންޓަސްްގެ ކުޅުންތެރިންނާ އެކު ރުގާނީ ވަގުތު ހޭދަކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފައިވާ އިރު ޕޮސިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓް ވެއްޖެ ނަމަ މަދުވެގެން 14 ދުވަހު އައިސޮލޭޝަންގައި ހުންނަން ޖެހޭނެ އެވެ.

"މިހާރު އޮތް ހާލަތުގެ ސަބަބުން ރޮނާލްޑޯ މަޑެއިރާއިން އެނބުރި އައިސްފައެއް ނުވޭ. އަދި ޕްރެކްޓިހުގައި ވެސް ބައިވެރިނުވެވޭ." ޔުވެންޓަސްގެ އޮފިޝަލް ވެބްސައިޓުގައި އެކުލަބުން ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް މިހާރު ހަލުވި ކަމާއެކު ފެތުރެނީ ޗައިނާ އަދި އިޓަލީގައި ކަމަށްވިޔަސް ކުރިއަށް އޮތް ތަނުގައި އެހެނިހެން ގައުމުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ޖަރުމަނުގެ ޗާންސެލާ އެންޖަލާ މޭކަލް ވިދާޅުވީ އެގައުމުގެ ތިންބައިކުޅަ ދެބައި މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އިޓަލީގައި މިހާތަނަށް 10،149 މީހުނަށް ކޮރޮނާ ޖެހިފައިވާ އިރު މި ބަލީގެ ސަބަބުން 631 މީހުން ވަނީ މަރުވެފަ އެވެ. އަދި އެގައުމުގައި އެއްވެ އުޅުން މަނާކޮށްފައިވާ އިރު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

comment ކޮމެންޓް