އިންތިހާބް ފަސްކޮށްދޭން އެމްއާރުއެމްއިން އީސީގައި އެދިއްޖެ

ޑިސެމްބަރ 7، 2019: މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމަށް މުލިއާގޭގައި ބޭއްވެވި ޚާއްޞަ ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އަންނަ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްދޭން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރަސްމީކޮށް އިލެކްޝަން ކޮމިޝަނަ (އީސީ)އަށް ހުށަހަޅައިފި އެވެ.

އެމްއާރުއެމްއިން މިއަދު އީސީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެކަށީގެންވާ އަދަދަކަށް ރައްޔިތުން ވޯޓުލާން ނުނިކުމެދާނެ ކަމަށެވެ. އެހެންކަމުން އެހާ ބޮޑު ހަރަދެއްކޮށް ރައްޔިތުންގެ އެއްބާރުލުން ނުލިބިއްޖެނަމަ އެއީ ބޮޑު އިސްރާފަކަށް ވެދާނެކަން އެ ޕާޓީގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"އަދި މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ގާނުނޫ އަސާސީން ލިބިފައިވާ ތާއީދު ހޯދުމުގެ ހައްގު ލިބިގަތުމަށްވެސް ހުރަސްތަކެއް ހުރި ދަނޑިވަޅެއްކަމަށް މި ޕާޓީން ދެކެމެވެ." އެމްއާރުއެމްގެ ސިޓީގައިވެ އެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކާއި އަދި ކަމާ ގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާކުުރުމަށްފަހު އިންތިހާބު ފަސްކޮށްދިނުމަށް އެމްއާރުއެމްއިން ވަނީ އެދިފަ އެވެ.

އިންތިހާބް ފަސްކޮށްދޭން އެދުނުއިރު އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ، އިންތިހާބު ލަސް ކުރަން ޖެހޭފަދަ ހާލަތެއް އޮތް ކަމަށް ކޮމިޝަންގެ އެއްވެސް މެންބަރަކު ގަބޫލު ނުކުރައްވާކަމަށެވެ.

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް އިއްޔެ ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖޭގެ އަށް ރިސޯޓަކުން ތިން މީހަކު ވަނީ ފެނިފަ އެވެ. އެއީ ބަތަލާ، ކުރެއްދޫ އަދި ކުރަމަތި ރިސޯޓުންނެވެ.

comment ކޮމެންޓް