ގުރޫޕުގެ ވަރުގަދަކަން އިނގޭނީ މިއަދުގެ މެޗަށް ފަހު: ސެކުލޮސްކީ

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕުގައި އިންޑިއާގެ ޗެންނާއީއާ ދެކޮޅަށް މިއަދު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ނުކުންނަ އިރު އެ ޓީމު ލައްވާލާފައި އޮތް ގްރޫޕް "އީ"ގެ ވަރުގަދަކަން އިނގޭނީ ފުރަތަމަ މެޗު ކުޅުމުން ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ޗެންނާއީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ސެކުލޮސްކީ ބުނީ މާޒިޔާ އަކީ އަބަދު ވެސް މޮޅުވާން ކުޅޭ ޓީމެއް ކަމަށެވެ. އެހެން ކަމުން މިއަދު ޗެންނާއީއާ ދެކޮޅަށް ނުކުންނާނީ ސީދާ މޮޅެއް ހޯދުމަށްކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

މާޒިޔާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް އައީ ވަރުގަދަ ހަތަރު މެޗެއް ޕްލިމިނަރީ ރައުންޑާއި ޕްލޭ އޮފް ރައުންޑުގައި ކުޅުމަށް ފަހު އެވެ. ސެކުލޮސްކީ ބުނީ މިއަދުގެ މެޗަށް ނުކުންނަ އިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވެސް އިންޑިއާގެ ޓީމެއް ކަމަށްވާ ބެންގަލޫރު އެފްސީ އަތުން މޮޅުވެގެން އައިސް މި މެޗާއ ކުރިމަތިލާން ޖެހުމެވެ.

އެކަމަކު އެ މެޗާއި މި މެޗަކީ ވަރަށް ތަފާތު ދެ މެޗެއް ކަން ފާހަގަކުރަމުން ސެކުލޮސްކީ ބުނީ ކުރީ މެޗުގައި މާޒިޔާއަށް ލިބުނު އެއްވެސް އެޑްވާންޓޭޖެއް މި މެޗުން ނުނެގޭނެ ކަމަށެވެ.

"މާޒިޔާގެ ޓީމުގެ ފަރާތުން އަބަދު ވެސް ރަނގަޅު ޕާފޯމެންސެއް ދައްކާ. އެކަމާ ވަރަށް ހިތްހަމަ ޖެހޭ. މިއަދުގެ މެޗަކީ ވަރަށް މުހިއްމު މެޗެއް. މި މެޗު ކުޅުމުން ޗެންނާއީގެ ފެންވަރާއި ގްރޫޕުގެ ވަރުގަދަކަން އަންދާޒާ ކުރެވޭނެ." ސެކުލޮސްކީ ބުންޏެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ މި މެޗަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި އިންޑިއާގައި ކުރި ފަރިތަކުރުންތަކަށް ފަހު ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަމާޒަކީ މި މެޗުން މޮޅުވެ އެނބުރި ގައުމަށް ދިޔުން ކަމަށެވެ.

މާޒިޔާއާއި ޗެންނާއީގެ އިތުރުން މި ގްރޫޕުގައި ދެން އޮތީ ނިއުރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ސްޕެއިނުގެ އޮސްކާ ބްރުޒޯން ކޯޗުކަން ކޮށްދެމުން އަންނަ ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސްއާއި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބެވެ.

ގްރޫޕް ސްޓޭޖުގައި ޗެންނާއީ ސިޓީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. މި މެޗު ކުޅޭނީ ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގަ އެވެ.

comment ކޮމެންޓް