ދުވާލަކު 1300 ބުކިންސް ކެންސަލް، ޓޫރިޒަމް 29.5 ޕަސެންޓް ދަށަށް

ޓޫރިސްޓަކު މާސްކު އަޅައިގެން --- ސަން/ މުހައްމަދު މުޒައްޔިން ނާޒިމް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރަމުން އަންނާތީ އެ ކަންބޮޑުވުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރާ ގުޅޭގޮތުން މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ ފަތުރުވެރިކަން 29.5 ޕަސެންޓު ދަށަށް ދާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ޓޫރިސްޓު ބުކިންގްސް ކެންސަލްވާ ރޭޓު އަދިވެސް އިތުރުވަމުންދާ ކަމަށް ވެސް ބުންޏެވެ.

"އެއީ ފާއިތުވި މަހަށް ބަލާނަމަ 41،289 ބުކިން ކެންސަލޭޝަން. ދުވާލަކަށް ބަލާނަމަ 1،376 ކެންސަލޭޝަން،" މަޓާޓޯގެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ލައްކަ އަކަށްވުރެ ގިނަ ބުކިންގްސް ވަނީ ކެންސަލްވެފަ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާ އާއި އިޓަލީގެ މާކެޓުން ފަތުރުވެރިން ގެނައުން ވަނީ ހުއްޓާލައިފަ އެވެ. މީގެ އިތުރުން ސައުތު ކޮރެއާ އާއި ޖަޕާނަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓުތަކެވެ. މިއީ ވައިރަސްގެ އަސަރުވެސް އެންމެ ބޮޑަށް ކުރާ ސަރަހައްދުތައްކަން ފާހަގަކޮށް މަޓާޓޯ އިން ބުނީ އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާ ކަމަށެވެ.

އދ. ގެ ޓޫރިޒަމާބެހޭ ޖަމްއިއްޔާ އިން ލަފާކޮށްފައިވާގޮތުގައި ކޮވިޑްގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމަށްވެސް ބޮޑު ލޮޅުމެއް އަންނާނެ އެވެ. އެގޮތުން ދުނިޔޭގެ ޓޫރިޒަމް ތިން ޕަސެންޓާއި ހަމައަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި އޭގެ ގެއްލުން 30 ބިލިއަނާއި 50 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

މަޓާޓޯ އިން ވަނީ ކޮވިޑްއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ޓޫރިސްޓު ޕްރޮޕަޓީތަކުން އެއްބާރުން ދިނުމަށް ގޮވާލައިފަ އެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކާ ގުޅިގެން އިގްތިސާދަށް އަންނަ ލޮޅުން ކުޑަކުރުމަށް މަސައްކަތް ކުރުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް