ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.
"ކޮވިޑް 19 އިން ރައްޔިތުން ރައްކާތެރި ކުރުމަށާއި މި ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށް ސަރުކާރަށް ގޮވާލަން،" އިލެކްޝަންސް ކޮމިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގު ކުރައްވާ ރައީސް މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއާ ގުޅިގެން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގެ ހާލަތައް ބަލައި، އިންތިހާބު ފަސް ކުރަން ޖެހިއްޖެ ނަމަ ކޮމިޝަންގައި އިންތިހާބު ފަސް ކުރުމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.
އެ ކޮމިޝަނުގެ ތަރުޖަމާނު އަދި ނައިބު ރައީސް އަހުމަދު އަކްރަމް މީގެ ކުރިން "ސަން" އަށް ވިދާޅުވީ މިހާތަނަށް އިންތިހާބު ފަސްކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމަށް ކޮމިޝަންގައި މަޝްވަރާވެސް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު ގޮވާލައްވާފައިވާއިރު އިދިކޮޅު ޕީޕީއެމް ކޯލިޝަނާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކޮރޯނާއާ ގުޅިގެން އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައްވެސް މެދުކަނޑާލައިފަ އެވެ.
ނަމަވެސް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީ އިން ވަނީ ކެމްޕެއިން މެދުކަނޑާލުމަށްފަހު، ކޮރޯނާ އެވެއަނެސް އާއި އެކު ކެމްޕެއިން ކުރިއަށްގެންދަން ނިންމައިފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ހަ މީހަކު ޕޮޒިޓިވް ވެފައިވާއިރު 19 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.