ވާޑީގެ ދެ ގޯލާ އެކު ލެސްޓާއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާއާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ބެން ސްޕްރެޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓޮން ވިލާ އަތުން ހޯދި ބޮޑު މޮޅާ އެކު ލެސްޓާ ސިޓީއިން މަގާމު ވަރުގަދަ ކޮށްފި އެވެ.

ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެސްޓޮން ވިލާ އަތުން އެ ޓީމު ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެ ޓީމު މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވުރެން ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެން މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތް އިރު ލިވަޕޫލް އެއްވަނައިގައި އޮތީ 82 ޕޮއިންޓާ އެކު އެވެ.

މިފަހަރުފެ އިނގިރޭސި ލީގުގެ ދެތިން މަހުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ޓީމަކީ ލެސްޓާސިޓީއެވެ. ބޮޑެތި ޓީމުތައް ގާތުން ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އައި އިރު ޓީމަށް ދިމާވި އެންމެ ބޮޑު ދެރައަކަށްވީ އެންމެ ގިނަ ގޯލު ޖަހަމުން އައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީއަށް އަނިޔާވުމެވެ.

އަދި އިތުރު ބައެއް ކުޅުންތެރިންގެ އަނިޔާއާއި ފޯމު ގެއްލުމުގެ ސަބަބުން ފަހަކަށް އައިސް ލެސްޓާގެ ފަރާތުން އާދައިގެ ކުޅުމެއް ފެންނަމުން ދިޔައިރު ގިނަ މެޗުތަކަކުން ވަނީ ޕޮއިންޓް ގެއްލިފަ އެވެ. އެކަމަކު ވާޑީގެ އެނބުރިއައުމަކާ އެކު ރޭގެ މެޗުގައި އެ ޓީމުން ވަނީ ގިނަ ގޯލުތަކެއް ޖަހައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރޭގެ މެޗުގައި ލެސްޓާއަށް ފުރަތަމަ ހާފު ނިމެންދަނިކޮށް ގޯލު ހުޅުވައިދިނީ ހާވީ ބާނެސް އެވެ. އެއަށްފަހު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ވާޑީ އެ ޓީމަށް ލީޑު ފުޅާކޮށްދިން އިރު ވާޑީ ވަނީ 79 ވަނަ މިނަޓުގައި ވެސް ގޯލެއް ޖަހައިފަ އެވެ. ލެސްޓާގެ ފަހު ގޯލަކީ ބާނެސް ޖެހި ގޯލެކެވެ.

އެ މެޗުން ލިބުނު ބައްޔާއެކު އެސްޓޮން ވިލާއަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅިފަ އެވެ. މިވަގުތު އެ ޓީމު ފުލުން ދެވަނައިގައި އޮތީ 28 މެޗުން ލިބުނު 25 ޕޮއިންޓާ އެކު އެވެ.

comment ކޮމެންޓް