އެމްވީކްރައިސިސް ހިންގާ ޝުމްބާގެ ފޯނާއި ސިމްކާޑްތައް ފުލުހުން އަތުލައިފި

އަހުމަދު އަޝްރަފް (ޝުމްބާގޮންގު)

"އެމްވީކްރައިސިސް" ކިޔާ ޓެލެގުރާމް ޗެނަލަކުން ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަކުރާ ކަމަށް ބުނެ، އެ ކޮމިއުނިޓީ ހިންގަމުން އަންނަ އަހުމަދު އަޝްރަފް (ޝުމްބާގޮންގު)ގެ ފޯނާއި ސިމްކާޑްތައް ފުލުހުން ހިފަހައްޓައިފި އެވެ.

ފުލުހުން މިރޭ ބުނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝުމްބާ މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން އެދިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ޝުމްބާގެ ފޯނާއި ސިމްކާޑުތައް ހިފަހައްޓައި ފޯނުގެ ލޮކް ކޯޑް ދިނުމުގެ އަމުރެއް ނެރެނީ، އެމްވީކްރައިސިސް ނަމަކަށް ކިޔާ ޓެލެގުރާމް ޗެނަލަކުން ދައުލަތުގެ ސިއްރު މައުލޫމާތުތައް ހުއްދަ ނޫން ގޮތުގައި ހާމަކުރަން އެދިފައި ވާތީ އާއި ދައުލަތުގެ މަސައްކަތަށް ހުރަސް އަޅަމުން އަންނާތީ އެވެ. އެގޮތުން އެތަކެތި 30 ދުވަހަށް ހިފެހެއްޓުމުގެ އަމުރެއް ވަނީ ކޯޓުން ދީފަ އެވެ. ްް

އެމްވީކްރައިސިސް ޓެލެގްރާމް ޗެނަލަކީ، ސްރީލަންކާގައި މިދިޔަ އަހަރު ދިން ބޮމުގެ ހަމަލާތަކުގެ ދުވަސްވަރު އެކަމުގެ މައުލޫމާތު ދިވެހިންނަށް ފޯރުކޮށްދޭން ޝުމްބާ އިސްވެހުރެ ހިންގަން ފެށި ކޮމިޔުނިޓީއެކެވެ. އެގޮތުން އެ ގްރޫޕްގައި 22،396 މީހަކު ބައިވެރިވެފައިވާ އިރު، ރާއްޖެއާ ގުޅުންހުރި އެކި ތަންތަނުގައި ހިނގާ ކަންކަމުގެ މައުލޫމާތާއި ފޮޓޯ، އަދި ވީޑިއޯ އެ ގުރޫޕުން ފަތުރަމުންދެ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޝުމްބާ މިރޭ ބުނީ ކޮރޯނާ ރެސްޕޮންސް ސެންޓަރުން ދަރުބާރު ގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ނިކުތްތަނުން ފުލުހުން ކޯޓު އަމުރެއް ދެއްކުމަށް ފަހު ކާރެއްގައި އޭނާ ފުލުހުންގެ މައ ިއިދާރާަށް ގެންދިޔަ ކަމަށެވެ. އަދި ކޯޓްއަމުރު ދައްކައި، ފޯނު އަތުލުމަށް ފަހު ދޫކޮށްލީ ކަމަށް ވެސް ޝުމްބާ ބުންޏެވެ.

"ފޯނު އަތުލުމަށް ފަހު މާދަމާ ސުވާލުކުރަން ފުލުހަށް ހާޒިރުވާން އެންގީ،" ޝުމްބާ ބުންޏެވެ.

މިއަދު މެންދުރު 1:00 ގައި ނެރެފައިވާ އެ ކޯޓް އަމުރުގައި ބުނެފައިވާ ގޮތުގައި، އެ އަމުރު ނެރުމުގެ ހެއްކަކީ އެމްވީކްރައިސިސް އިން ކޮށްފައިވާ ޕޯސްޓާއި އިންޓެލިޖެންސް ރިޕޯޓެވެ. އަދި އެ އަމުރު ނެރެފައި ވަނީ 72 ގަޑިއިރަށެވެ.

އެ ގްރޫޕް މެދުވެރިކޮށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާގެ ކަންތައްތަކުގައިވެސް ހަގީގަތާއި ހިލާފު ކަށަވަރު ނުވާ އެތައް ހަބަރެއް އެ ޗެނަލުން ފަތުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިފަހުން ދައުލަތުގެ އިދާރާތަކުގައި އެދިފައި ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ ހަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވަން ފިޔަވަޅު އަޅައިދިނުމަށެވެ. އެނގިފައިވާ ގޮތުގައި އެމްވީކްރައިސިސް އެއްވެސް ސިފައެއްގައި ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް