އިޓަލީ ޓޫރިސްޓަށް ފުރުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށްފި

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ނޫނީ ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި، އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވައިފި އެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ފަތުރުވެރިއަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުވެ އެކަމުގެ އަލާމާތްތަކެއް ފެންނަމުން ދަނިކޮށް އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އޭނާ ގައުމަށް އެނބުރި ދިޔަފަހުން ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ އިރު އޭނާގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފަކަށް ވަނީ ކޮރޯނާ ޖެހިފަ އެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިގެން ދިޔުމުގައި ޖިނާއީ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބެލެވޭތީ، އެކަންކަން ތަހުގީގު ކުރަން އަމުރެއް ނެރުއްވީ، ގާނޫނީ އަސާސީއިން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

"ރާއްޖެއަށް ފުރަތަމަ ކޮރޯނާ ފެތުރިގެން ދިޔުމުގައި ޖިނާއީ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުވާތީ ޕްރޮސިކިއުޓާ ޖެނެރަލަށް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ބ. ގެ ދަށުން ތަހުގީގެއް ހިންގުމަށް އަޅުގަނޑު އަމުރުކޮށްފައިވާނެ،" ޕީޖީ ޝަމީމްގެ ޓްވީޓްގައިވެ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި، އިޓަލީގެ އެ ފަތުރުވެރިޔާ ބަލިވުމާ ގުޅިގެން ކުރެއްދޫ ރިސޯޓުން އޭނާ ބެލި ޑޮކްޓަރާއި އެކު ޖުމްލަ ހަތަރު މީހަކު ވަނީ އެ ރިސޯޓުން ޕޮޒިޓިވްވެފަ އެވެ.

އެއާ އެކު ކުރެއްދޫ ރިސޯޓަށް މީހުން އަރައިފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު، 175 މީހަކު މިހާތަނަށް އެ ޓޫރިސްޓާ ކޮންޓެކްޓްވެފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މިއަދު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ މީހާ ފުރަން އޮތް ފްލައިޓުން ނުފުރޭ ގޮތްވުމުން އޭނާ އެނބުރި މާލެ އައިސް މާގިރި ހޮޓަލްގައި މަޑުކުރުމަށް ފަހު، މާލޭގައި ހުންނަ އެމިރޭޓްސްގެ ޓިކެޓިން އޮފީހަށް ގޮސް އޭނާ ވަނީ ޓިކެޓްވެސް ނަގައިފަ އެވެ. އަދި އެ އޮފީހުން އޭނާއަށް ހިދުމަތް ދިން ދިވެހި އަންހެން މުވައްޒަފެއްގެ ގައިން ވައިރަހުގެ އަލާމާތްތައް ފެންނާތީ އޭނާ ވަނީ މިހާރު، ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

ކުރެއްދޫއިން ބައްޔަށް ޕޮޒިޓިވްވި ހަތަރު މީހުންނާއި ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނާ އެކު ޖުމްލަ ހަ މީހަކު ރާއްޖެއިން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް