މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަން ގޮވާލައިފި

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭން ކޮރޯނާ ވައިރަސް ފެނި، މި ބަލި ފެތުރުމުގެ ފުރުސަތު އޮތް ހާލަތަށް ބަދަލުވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)އިން ބުނެފި އެވެ.

އެންއެފްއެމްއީން ނެރުނު ސާކިއުލާއެއްގައި އެ ފެޑެރޭޝަންގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޮވިޑް-19އާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ތަންތަން ތައްޔާރުކުރަން ޖެހޭ ކަމަށެވެ.

"އެޗްޕީއޭގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ވަޒީފާ އަދާކުރާ ތަންތަން ތައްޔާރުކޮށް މައުލޫމާތު ދީ، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމުތައް ވަޒީފާ އަދާކުރާ ތަންތަނުގައި ހަމަޖައްސައި، މާސްކާއި ޓިޝޫ ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުކޮށްދީ، ބޭނުންކުރެވޭ ޓިޝޫ ރައްކާތެރިކަމާއެކު ނައްތާލެވޭނެ އިންތިޒާމުތައް ހަމަޖައްސަވައި، ކޮވިޑް-19އާ ގުޅޭ ހާއްސަ ފިިޔަވަޅުތައް އެޅުމަށް ދަންނަވަން." ޖަނާހު ވިދާޅުވި އެވެ.

ވަޒީފާ އަދާކުރާ ތަންތަނާއި މުވައްޒަފުން ތިބޭ ތަންތަނުގެ އިތުރުން އާންމު ތަންތަނަށް ކުޅުން ޖެހުން މަނާ ކުރުވައި، ކެއްސައި ކިނބިހި އަޅާނަމަ އަމަލުކުރަން އެންމެ ރައްކާތެރި ގޮތްތަކާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރަން އިރުޝާދު ދިނުމަށް ވެސް އެ ސާކިއުލާގައި އެންއެފްއެމްއީގެ މެމްބަރު ޖަމިއްޔާތަކުގެ ފަރާތުން އެދިފައިވެ އެވެ.

ކޮވިޑް-19 ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ ހުރިހާ ސިނާއަތްތަކެއް ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް، މި ބަލިން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށް ވެސް ޖަނާހު ފާހަގަކުރެއްވި އެވެ.

"މި ބަލިން އަރައިގަތުމަށް އެންމެން އެކީ އެއް އަމާޒެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވައި، ކޮވިޑް-19 ޓާސްކްފޯހާއި އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ގެންދިޔުމަށް ނަސޭހަތްތެރިވަން." ޖަނާހު ވިދާޅުވި އެވެ.

މި ވަގުތު ރާއްޖޭން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ ހަތަރު މީހުންނެވެ. އެއީ މި މަހުގެ ހަތްވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުން އެ ބައްޔަށް ޕޮޒިޓީވްވި ދެ ބިދޭސީންނާއި ޖެހިގެން އައި ދުވަހު ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ ފަތުރުވެރިންނެވެ.

އެއާއެކު ރާއްޖޭގެ ޕަބްލިކް ހެލްތު ރިސްކް އެލާޓް ލެވެލް ރީނދުލަށް ބަދަލުކުރުމަށްފަހު ކުރެއްދުއާއި ބަތަލާ ރިސޯޓު އެލާޓް ލެވެލް އޮރެންޖަށް ވަނީ މަތިކޮށްފަ އެވެ.

comment ކޮމެންޓް