ކޮވިޑް-19 އާއި ގުޅިގެން އެތުލެޓިކްސް ހަރަކާތްތައް މެދުކަނޑާލައިފި

ޖަޕާންްގެ ގީފޫގައި ބޭއްވި އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 400 މީޓަރު ރޭހުގައި ހިމްނާ ވާދަކުރަނީ --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޮނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް މެދުކަނޑާލަން ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ އެސޯސިއޭޝަނުން ބޭއްވި އެކްސްކޯ މީޓިންގްއަށް ފަހު އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަން މެދުވެރިކޮށް ރާއްޖެއިން ބޭރަށް އެތުލީޓުން ފޮނުވުމާއި އޭޕްރީލްގެ ނިޔަލަށް އެ އެސޯސިއޭޝާނުން ބައިވެރިވާން ނިންމާފައިވާ މުބާރާތްތަކާއި އެސޯސިއޭޝަން މެދުވެރިގެވެގެން ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މުބާރާތްތަކުގައި ބައިވެރިވާން ނުވާން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ރާއްޖޭން ފުރަތަމަ ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެރޭ ބައްޔަށް ޕޮޒިޓިވްވިކަން އިއުލާން ކުރީ ޅ. ކުރެއްދޫ ރިސޯޓުން ދެ މީހެކެވެ. އެކަމަކު ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ އއ. ސޭންޑީސް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ޕޮޒިޓިވްް ވެފައިވާކަން އިއުލާން ކޮށްފަ އެވެ.

މީގެ އިތުރުން ފަރުކޮޅުފުށީގައި ގާއިމު ކޮށްފައި ހުންނަ ވަގުތީ ފެސިލިޓީގައި އިތުރު ދެ މީހަކު ކަރަންޓީން ކޮށްފައިވާ އިރު އިތުރު އަށް މީހަކު އައިސޮލޭޓް ކޮށްފައި ހުރިކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

"ވައިރަސްގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވުމުން، ފަސްކުރެވުނު މުބާރާތްތައް ރީޝެޑިއުލްކޮށް، އެތުލެޓިކްސް ޓްރެއިނިންތަކާއި އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އެވެ." އެތުލެޓިކްސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޔޫތު އެތުލެޓިކްސް ޓްރެއިނިން އާއި ކިޑްސް އެތުލެޓިކްސް ޓްރެއިނިންތައް ވެސް ވަނީ މެދުކަނޑާލަން ނިންމާފަ އެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަނުގެ މެމްބަރު ކްލަބް އަދި އެކަޑަމީ ތަކުން ވެސް މި ގޮތަށް އަމަލުކުރަން އެސޯސިއޭޝަނުން އިލްތިމާސްކުރެ އެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 24 މީހަކު ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް