"އެއީ ފަސޭހަކަމެއްނޫން. ވަރަށް ގިނަ ގުރުބާނީތައް ވާން ޖެހޭނެ. އެކަމަކު ކަލޭ ނޫން މީހަކަށް އިތުބާރުނުކުރެވޭތީ މި މިޝަން ހަވާލުކުރަނީ......" މާޒިން އެއްމިޔަކަނުން ހީލިއެވެ. މާޒިން ދެއްކި ވާހަކަތައް އަހަން އޮތް ކައިސްގެ ތުންފަތަށް ވެރިވި ހިނިތުންވުން ލަސްލަހުން ފުޅާވިއެވެ.

"ވޯހް.............." ކައިސްގެ ލޯ އުފަލުން ވިދައިގަތެވެ.

"މިޝަން ނިމުނީމަ އަގުދޭނަން...." މާޒިން ވައުދުވިއެވެ

"ޖާސޫސްކުރުމަށްވުރެ އިންޓެރެސްޓިން ހޮބީއެއް މީހަކަށް ނުލިބޭނެ. ސޯ މަ ޑޮޓަކަށްވެގެން އެމީހުންނާއެކު އުޅެން ފަށަންވީ ދޯ. އަދި އެމީހުންގެ ޕްލޭންތައް ފަނިކޮށްލަން ޖެހެނީ. ޒިންގެ އެންމެ ގާތް އެކުވެރިޔާގޮތުގައި ހުރެފައި ދުޝްމިނަކަށް ވާކަށް ފަސޭހައެއް ނޫން އެކަމަކު ގުރުބާންވެގެންވެސް މިކަން ހުއްޓުވަން އެބަޖެހޭ............." ކައިސް މާޒިންގެ ގައިގަ ކުޑަކޮށް ބައްދައިލީ ހީގަނެފައެވެ.

މިންކާ އެތައް އިރެއްވާންދެން ދޮރުގައި ދަމާފައިވާ ބޯ ފަރުދާގެ ނިވަލުގައި ފިލާ ހުރެގެން އަރްސަންއާއި އަދާގެ ގައިގޯޅިކަން ދެކެން ހިތުގައި އަތް އަޅައިގެން ހުއްޓެވެ، އެދެމީހުން އެކޮޓަރިއަށްވަން އިރު މިންކާ އެތެރޭގައި ހުރިކަން ރޭކާނުލީއެވެ. މިންކާވެސް ހާސްކަމާއެކު އެތަނުން ނިކުންނަން ނޭގިފައި ހުރީ ދެލޯ ތަންމިނަށް ހުޅުވާލައިގެންނެވެ. އެންމެފަހުން ލޯ މަރައިލަން މަޖުބޫރުވިއެވެ. އޭރު ހިތުގައި ވި އަދާވާތްތެރިކަން އުތުރު އަރައިގެންފިއެވެ. އަމިއްލަ ކޮއްކޮ އޭނަގެ ހިތުގައި ރޯވި އަލިފާންގަނޑުތެރޭގައި ފިއްސައިލިއިރު އެކުވެރިޔާއަށްޓަކާ ކޮންމެހެން އޭނަގެ ހިތުގައިވާ ލޯބި ގުރުބާންކުރަން ޖެހޭހެއްޔެވެ؟ މި ރީތި ރީތި އަރްސަންވާން ޖެހޭނީ އޭނަގެ މިލްކަކަށެވެ. އަރްސަންގެ އިޝްގީކަން އޭނަގެ ލޮލުގެ ކުރިމަތިން ސިފަވުމުން ހިތުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އަދާ އޭނަގެ މަގުން އެއްފަރާތް ކުރަން އޭނަ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. ނަމަވެސް އޭނަ މިތާ ހުރިކަން އެކަކަށްވެސް އެނގިގެން ނުވާނެއެވެ

މިންކާ ރުޅިވެރިގޮތަކަށް ދެލޯ އަޅާލައިގެން ހުރެފައި އަތްމުށްކަވައިލިއެވެ.

" އަރްސަންއަކީ މަގޭ މިލްކެއް. އެ އަޅި ދެލޮލުން އެހާ އިޝްގީކޮށް ބަލަން ޖެހޭނީ ހަމައެކަނި މަށަށް. އަދާ ޖެހޭނީ އަރްސަން މަށަށް ދޭން. އެނޫން އެއްވެސް ޗޮއިސްއެއް ނުދޭނަން. ހީޒް މައިން. ހަމައެކަނި މަގޭ...." މިންކާގެ ޟަމީރު އޭނައަށް ވިސްނައިދިނެވެ. އެދެމީހުން ލޯބީގެ ކުޅިގަނޑަށްފަހު ބޭރަށް ނުކުތުމާއެކު ލިބުނު ފުރުސަތުގައި މިންކާވެސް އަވަސްވެގަތީ އެތަނުން ނުކުތުމަށެވެ. އެތަނުން ނަސީބަކުން ކޮރިޑޯގައި އެކަކުވެސް ފެންނާކަށް ނެތެވެ. ސިޑިއާއި އަރާ ހަމަވިތަނާ އަރްސަންއާއި އަދާ އެހާ އަވަހަށް ތިރިއަށް އަންނަތަން ފެނުނެވެ. އަރްސަންގެ އަތް އަދާގެ އުނަގަނޑުގައި އަޅުވާފައެވެ. އަދާގެ އަތުގައި ޖޫސްޖަގަކާއި ބިއްލޫރިތަށްޓެކެވެ. މިންކާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

"ހޭއި މިންކު. އަންގާވެސްނުލާ އައީމަ ވަރަށް އުފާވެއްޖެ. ކޮންއިރަކު އައީ" އަދާ އުފާވެރި ހިނިތުންވުމަކާއެކު އަހައިލިއެވެ.

" ހިނގާ އަހަރެމެންނާއި ބައިވެރިވާން. ބެރީސްތަކާއި މާމުޔާއި ދުނިޔޭގައި ލެއްވިހާ އެއްޗެއް އަޅާފައި ހަދާފައި ހުރި ސްމޫތީސް. ޑްރޫލިން ދޯ........." އަދާގެ ލޭކޮޅެއްފަދަ ރަތް ތުންފަތަށް ބަލަން ހުރިއިރު މިންކާއަށް ހީލާކަށްވެސް ނޭގުނެވެ. ހިތް ޑަންޑަންލާފައި ތެޅެނީއެވެ.

"ސޮރީ ޑާލިން މިހާރު މަޑުކުރެވޭކަށް ނެތް. މި ޕެންޑްރައިވް ދޭންވެގެން ވަދެލީ. އެއްކަލަ އިވެންޓްގެ ފޮޓޯތައް އަޅާލަދެއްޗޭ އިނގޭ...."މިންކާ އަދާގެ އަތުތެރެއަށް ޕެން ލެއްވިއެވެ.

"މިންކީ. އަހަރެމެންނާއެކު ޕިކްނިކްދާން ހިނގާބަލަ. ފެމިލީ އިވެންޓެއް އެކަމަކު އަދާއާއި ބެސްޓީއަށް ބައިވެރިވެވޭނެ....އަރްސަންގެ ހުދުދަތްތައް ފެނިލާވަރަށް ހީލިއެވެ. އަޅި ދެލޮލާއި ނަޒަރު ގުޅުނު ސިކުންތުކޮޅު އޭނަގެ ހެޔަށްގޮތެއްވިކަމަށް ހުވާކޮށްލަންވެސް ކެރިދާނެއެވެ. މުޅި ހަށިގަނޑަށް ހީލިގަނޑެއް އަރާ ފައިބައިގެން ހިގައްޖެއެވެ. ބޭނުންނުވިކަމުގައިވިޔަސް އޭނަގެ ހިތް އަރްސަންއަށް ދެވިއްޖެއެވެ. އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔާ އެހިތް ޖަހައިގެންފިއެވެ. ހިތަކީ އަމިއްލަ އިޚުތިޔާރުގައި އޮންނަ އެއްޗެއް ނޫނެވެ. އެހިތަށް ބާރުފޯރުވަން އުޅުނުކަމުގައި ވިޔަސް އޭނަގެ އަތުން ހިތް ވީއްލިގެން ހިގައްޖެއެވެ.

"ދާނަން......ބާއި..." މިންކާގެ ލޮލުގައިވާ ކަރުނަތައް ދިރުވައިލަމުން އަނެއްފަރާތަށް އެނބުރުނެވެ.

މިންކާ ކޮޓަރިއާއި ހަމަޔަށް ފޯރިގޮތަށް އެނދަށް ވެއްޓިގަނެވުނެވެ.

މުއްސަދި މަހުޖަނެއްގެ ދަރިއަކަށްވުމުން ލިބިފައިވާ ނިއުމަތްތައް ފެނި އާދައިގެ އަންހެންކުދިންގެ ހިތްތައް ހަސަދައިން ފުރޭނެއެވެ. ރީތި ތަނަވަސް ގެއެކެވެ. އަރާމު ދިރިއުޅުމެކެވެ. ބޭނުންހާ ހެދުންތަކާއި ފައިވާނާއި އަގުބޮޑު ގަޑިއާއި ގަހަނާތައް އެޅެއެވެ. ބޭނުން ކޮންމެ މަންޒިލަކަށް އުދުހެވޭނެއެވެ. ހަގީގަތަކީ އޭނަ މި ގަނޑުވަރަށް ބޮޑުވެފައިވި ކަމުގައިވިޔަސް އޭނަ އުޅެނީ ފުން ހިތާމައާއި ނުތަނަވަސްކަމުގެ އަސީރަކަށް ވެގެންނެވެ. އެހުރިހާ އުފަލެއްގެ ވެރިއަކަށްވީ ކޮއްކޮ މީރާއެވެ. އޭނައަށް މައިންބަފައިންނާއި ބޭބެގެ ލޯތްބެއް އަޅާލުމެއް ނުލިބެއެވެ. އެކަނިވެރިކަން ވަށާލާފައެވެ. ލޯބިވެރިޔެއްނެތެވެ. އަމިއްލަ ނަފުސްދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން ލޯގަނޑުން ބަލައިލިޔަސް އެ ތަޅާލަން ބޭނުންވެއެވެ.

އަދާ ފޮނުވާފައި އިނީ މަޝްހޫރުވެގެން އުޅޭ ޖަސްޓިން ބީބާގެ "ލަވް ޔޯސެލްފް"އެވެ. "ސެލްފްލަވް ނުވަތަ އަމިއްލަ ނަފުސްދެކެ ލޯބިވުމަކީ މިޒަމާނުގައި މުހިއްމުކަމެއް ދޭ އެކައްޗެވެ. އެކަމާއި ބެހޭގޮތުން ބައިވަރު ލަވަތައްވެސް ނެރެއެވެ. އެހެން މީހަކާއި ހެދި އުޅުމުގެ ކުރިން އަމިއްލަ ނަފުސްދެކެ ލޯބިވުމަށް އިސްކަންދޭންވާނެއެވެ. އެލަވަ ފޮނުވުމުން އަދި އެލަވަދެކެ ފޫހިވީވަރުން ފޯނު ދުރަށް ހޫރައިލެވިއްޖެއެވެ. ދަތްތަކަށް ބާރުކޮށްލިގޮތަށް ރަޖާ މުށުތެރޭ ލާ ބޮނޑިކޮށްލީ ފުރާނަހުރި އެއްޗެއްނަމަ ދިރުން ނެތޭހާ ބާރަށެވެ. ދެލޮލުން ރުޅިވެރިކަމުގެ އަލިފާނެވެ. ރުޅިއައިސްގެން ހަލާކުވަމުން ދިޔައިރުވެސް އަރްސަންގެ ޚިޔާލުތަކާއި އެ ހިނިތުންވުންތައް އޭނަގެ ހިތް ރޮއްވަނީއެވެ. އޭނަ ހާދަހާ ބޮޑަށް އަރްސަން ބޭނުމެވެ. ހިތް ދީވާނާ ވެއްޖެއެވެ. އަބަދު ދެކެން ހިތް އެދެނީއެވެ. ރޮއިރޮއި ދެލޯ ފާރުވާގޮތްވުމުން މޫނު ދޮވެލާހެދިއެވެ. ކޮންމެވެސް މީހަކު ދޮރުގައި ތަޅަންފެށުމުން މިންކާ ލޮލުގައި އަނދުން އަޅާ ފައުންޑޭޝަންކޮޅެއް ހާކާލުމަށްފަހު ދޮރު ހުޅުވާލައިފިއެވެ.

"އިވްނިން ސްވީޓީ. ކެން އައި ޔޫޒް ޔޯ މޮބައިލް؟ " މަހުދީ އަހައިލީ ނިކަން ރީތިކޮށެވެ. އަމިއްލަ އެދުމެއް އޮވެއްޖެއްޔާ ނިކަން ދޮންބެ ވާނެއެވެ. އެހެންނޫނިއްޔާ އޭނަވާނީ މަހުދީގެ ސްވީޓީއަކަށް ނޫނެވެ. ބަބުރުއަށެވެ. ރުޅި ހިންދާލާފައިވެސް މިންކާ ތަންކޮޅެއް މައިތިރިވެލިއެވެ.

"ދޮންބެގެ ފޯނު ހަލާކުވީތަ؟ "

"އާއެކޭ ދޫނި..." މަހުދީ ހީލިއެވެ. މިންކާ ފޯނު ދިއްކޮށްލިއެވެ. އޭނަގެ ސިއްރުތަކެއް ނުހުންނާނެއެވެ. ޕާސްވޯޑެއްލާފައެއްވެސް ނީންނާނެއެވެ. ލޯބިވެރިޔަކުވެސް ހުންނަނަމަތާއެވެ. އަދާގެ ފޯނުގެ ޕާސްވޯޑް އޭނައަށް އެނގޭއިރުވެސް އޭނަގެ އަތަކަށް އެ ފޯނު އެރުނަނުދޭން އަދާވެސް މަސައްކަތްކުރާކަން އޭނަ ދަނެއެވެ.

މިންކާ ސިޓިންރޫމްއަށް ނުކުތްއިރު ދޮންމަންމަ އަފްރީނާ ތުރުކީ ޑްރާމާއެއްގެ އަވައިގަ ޖެހިފަ އިނެވެ. ބައްޕަ ފޯރިހުންނަ ކަމަކަށް ނުވިޔަސް އަފްރީނާ ގަދަކަމުން ނަމަވެސް ބައްޕަ އެކަމުގައި ބައިވެރިކުރާނެއެވެ. ނަމަވެސް މީރާގެ ވަކިވުމަށްފަހު ބައްޕަ އަދިވެސް ހިތާމައިގައެވެ. މީރާ ދިޔައީ ބައްޕަގެ އުފާވެރިކަން ހިފައިގެންނެވެ. މިންކާ ތުންގަނޑު ހަދާލުމަށްފަހު ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އަފްރީނާގެ ކުރިމައްޗަށް ދާ ހިތެއްނުވިއެވެ. އޭނަ ފެންނައިރަށް ލޯ ކޮނެލަން ޟަމީރު އަންގައެވެ. އޭނަގެ ރޫޙު ވަނީ ބަދަލުހިފުމާއި ނަފްރަތުން ކަޅިވެފައެވެ. އަމިއްލަ ނަފުސަށް ނުވާ ލޯތްބެއް އެހެންމީހަކު ދެކެ ވެވޭނީ ކިހިނެއްހެއްޔެވެ؟ މިންކާއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. އެހެންމީހެއްގެ ލޯބީގެ ނަޒަރު ނޫނީ ބުނާބަހެއްވެސް މިންކާއަށް ނެގެނީ ރުޅީގެ ސިފައިގައެވެ.

***

ސްކައިޕެލެސްގެ ހުރިހާ މެމްބަރުންނަށް އެދުވަސްކޮޅު ކޮންމެވެސް ގްރޫޕަކަށް އެޑްކޮށްލައިފިއެވެ. އެޑްމިންގެ ނަމަކަށް އިންނަނީ "އަބޫ ޖާސިމް"އެވެ. ހީވާގި މީހެކެވެ. އަބަދު ވައިބާ އަށް އެއްޗެއް ނުލާ އިރެއް ނުދެއެވެ. ކޮންމެ ނަމާދުގަޑިއަކަށް ހާޟިރުވާން މެސެޖުތަކެވެ، ދީނީ ތަފާތު ދަރުސްތަކުގެ ލިންކްތަކާއި ގުރުއާންގެ ވީޑިއޯތަކެވެ. ގުރުއާންގެ އާޔަތްތަކާއި މާނައެވެ. ހިދާޔަތް ހޯދަން އުޅޭ ބަޔަކަށް އެއިން ކޮންމެ ލިންކެއް ބަލައިލިނަމަވެސް ހިތަށް އަސަރުތަކެއް ކުރާނެކަން ގައިމެވެ. ރައީސް މައިމޫނަށް ޚާއްސަކޮށް ފޮނުވަމުންދާ މެސެޖްތަކުގައި އަދުލުވެރިކަމާއެކު މާތްﷲ ރުހިވޮޑިގަތުން ލިބޭފަދަ ގޮތަކަށް ވެރިކަން ކުރުމަށާއި ތަގުވާވެރިވުމަށާއި މާތްﷲ ނޫންފަރާތަކުން މަދަދު ނުހޯދަން އަންގާފައެވެ.

އެރޭ ކާގަޑީގައި ދެކެވެމުން ދިޔަ ވާހައިކައިގެ ތެރޭގައި މާޒިން އެ ސުވާލުކުރިއެވެ.

ޑޭޑް. މިއީ ކޮން އަބޫ ޖާސިމް އެއްތޯ؟ މިމީހެއްގެ އުދަގޫ ވަރަށް ބޮޑުވެއްޖެ..." އެމީހަކީ ކާކުކަން އޮޅުން ފިލުވަން މަސައްކަތްކުރަމުން ދާކަމުގައި ރައީސް މައިމޫން ބުނުއްވިއެވެ.

"އުދަގޫވަންޏާ ބްލޮކްކޮށްލާ ޒިން.." އާދައިގެ މަތިން އަރްސަން ބުނެލިއެވެ. ހުރިހާކަމެއް "ކޫލް"ކޮށް ނަގާ ޒުވާނެއްކަމުން އޭނަގެ ކަންބޮޑުވުމެއް ނެތެވެ. ހަގީގަތަކީވެސް އެއީއެވެ.

"ދިރިއުޅުމުގައި ހުރިހާކަމެއް ކުރަންވާނީ މާތްﷲ ރުހިވޮޑިގަންނަވާ ގޮތަށޯ. ހެއްދެވިފަރާތަށް އެނބުރި ދިޔުމުގެ ވަގުތު ޖެހުމުގެ ކުރިން ތެދުމަގު ޚިޔާރުކުރާށޯ. ކިތަންމެ މުއްސަދި ދިރިއުޅުމެއް ލިބުނަސް ހަގީގީ އުފާވެރިކަމެއް ނުލިބޭނެޔޯ. އުފާވެރިކަމާއި ހިތާމައަކީ ގުޅިލާމެހިފައިވާ ޖަޒުބާތުތަކެކޯ ހަގީގީ ހިތްހަމަޖެހުމަކީ ކޮބާކަން ގުރުއާނުގައި ބަޔާން ކޮށްދެއްވާފައިވެޔޯ. ޓްރާންކުއިލިޓީ އަކީ ކޮބާކަން އޭރުންނޯ އިހުސާސްކުރެވޭނީ. . އެކަން އިހުސާސްވާނީ އޮންލީ އިފް ޔޫ ޓާން ޓު ދަ ކްރިއޭޓާ..މްމްމް............. " ރާހިލް އަބޫ ޖާސިމްގެ މެސެޖްތައް ކިޔަންފެށިއެވެ.

"ގުރުއާނަކީ ހުރިހާކަމެއްގެ ފަރުވާ. ހުރިހާ ހައްލެއް ބަޔާންކޮށްދެއްވާފައިވާނެ. އިންސާނާގެ ކޮންމެ ސުވާލަކަށް ގުރުއާނުގައި ޖަވާބުވޭ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ޝިފާއަކީވެސް އެއީ....." މާޒިންވެސް އަބޫ ޖާސިމްގެ މެސެޖެއް ކިޔައިލިއެވެ. "ހެހެ. ކުޑައިރު މާމަ ގުރުއާން ކިޔަވައިދޭއިރު ނިދިގެން ވެއްޓޭ ހަދާންވޭ. ކިޔެވުމަށްވުރެ ފޫހިވާ އެއްވެސް ގަޑިއެއް ނުވޭ....."

"ޚާންދާނުގައިވެސް ދީނީ މީހުން އުޅޭ މަށަށް ހީވާގޮތުން އެއިން ކޮންމެވެސް ކުއްޖެއްގެ މަސައްކަތަށްވާނީ. އެންމެންގެ ނަމްބަރު ހޯދާނީވެސް ކިހިނެއް؟ "ސުކައިނާ އިނީ ބުމަ ގޮށްޖަހާލައިގެންނެވެ.

"ބްރޭކިން ނިއުސް........ދުނިޔެއާއި ދާދި ކައިރިން ގިނިހިލައެއް އެބަދަތުރުކުރޭ. މީތި ދުނިޔެއާއި މުޑިއެރުމުގެ ޗާންސް އެބައޮތް ކަމަށް ވޭ......." މާޒިން މައުޟޫ ބަދަލުކޮށްލަން ގަސްތުގައި އެހެންވާހަކައެއް ފެއްޓިއެވެ.

"ދެޓްސް ކޫލް......" އަރްސަން ހިނިގަނޑެއް ޖަހައިލިއެވެ

"ދަރިފުޅާ. ކޮންމެކަމެއް އެހާ ލުއިކޮށް ނަގާކަށް ނުވާނެ. އެކަމަކު މިހެން ބުނާއިރުވެސް ތިއީވެސް ސޭމްއަށް މަންމަގެ ފަރާތުން ވާރުތަވި ސިފައެއް. މަންމައަކީ ޕޮޒިޓިވްމީހެއް. ކަމެއްނުވާނެއޭ ހުރިހާކަމެއް ރަގަޅުވާނެއޭ ތަކުރާރުކޮށް ސިކުނޑިއަށް ވިސްނައިދީދީ އުމުރުން މިހިސާބަށް އައިއިރު މަންމައަކީ އަންހެނުންގެ ތެރެއިން ކާމިޔާބު ނަސީބުގަދަ އަންހެނަކަށްވި. ފިރިމީހާ އަދި ދަރިންނަކީ މަންމަގެ ފަޚުރު. ދިރިއުޅުމުގެ ކޮންމެ ކަމެއް ކާމިޔާބުވާނެކަމުގެ ޔަގީންކަމުގައި ނޫނީ ނުފަށަން. އެކަމުގެ އަސަރުތައް މާހައުލުން ފެންނާނެ......" ސުކައިނާ ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

"މަންމަގެ ބޯއިސްކޮޅު ދުވަހަކު ވަކިވުމެއްނެތި މިހެން އުޅޭނެނަމައޭ ހިތަށް އަރާ......" ސުކައިނާ ފަޚުރުވެރި ލޮލަކުން ފިރިމީހާއާއި ހަތަރު ދަރިންނަށް ބަލައިލިއެވެ. ހަގީގަތަކީ މިއިން ކުއްޖަކު އަންބަކު ގެއަށް ގެނެސް މަންމައަށްވުރެ ޚާއްސަކުރާ ދުވަހެއް އައިސްފިއްޔާ އޭނަގެ ހިތުގައި ހަސަދަވެރިކަން ހިނގާނެކަން އަމިއްލަ ނަފުސަށް އިހުސާސްވާތީއެވެ. އެކަމަކު މިއީ އިލާހީ ގާނޫނެވެ. ކުޑަކުދިންގެ ގޮތުގައި ވުމަށްފަހު ޒުވާން ދައުރު ފެށުމުން އެކުދިންވެސް ދިރިއުޅުމެއް ފަށާނެއެވެ. އޭނައަށް މާމަ އަދި ފަހުން މުނިމާމަ ދަރިންވެސް ލިބޭނެއެވެ. މުސްކުޅިވެގެން ދުނިޔެއާއި ވަކިވާންޖެހޭނެއެވެ. ނަމަވެސް ފަހަށްވާނެ ގޮތަކާއިމެދު ވިސްނުމަށްވުރެ މިއަދުގެ އުފާވެރިކަން ހޯދާ ރީތި ހަދާންތައް ފޮރުވަން އޭނަ އިސްކަންދޭނެއެވެ.

"އިންތިހާއަށް ލޯބިދޭށެވެ" އެއީ ސުކައިނާގެ ކޮންމެދުވަހެއް ފެށުމުގައި އޭނަގެ މޮޓޯއެވެ. ކޮންމެ ދީނެެއްގެ ކޮންމެ މީހަކުވެސް މަރު އަންނާނެކަމާއިމެދު ދެބަހެއްނުވާނެއެވެ. ކޮންމެވެސް ދުވަހަކުން ލޯބިވާ މީހުންނާއި ވަކިވެ މި ފަނާވެދަނިވި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހޭނެއެވެ. އެންމެ ކުޑަމިނުން ކަލަކު ވޮޑިގެންނުވާ މީހުންނަށްވެސް އެ ހަގީގަތާއި ދެކޮޅެއް ނެހެދޭނެއެވެ. މަރު އަންނާނީ ކޮންއިރަކު ކިހިނެއްކަމެއް އެނގޭނެ އިންސާނަކު ނުވެއެވެ. ވީއިރު އެފަދަ ދުވަހެއް އައުމުން އަމިއްލަ ނަފުސް ކުށްވެރިނުވާނީ ލޯބިވާފަރާތްތަކަށް މިއަދު ވަގުތާއި ލޯބި ދެވުނީމައެވެ. ސުކައިނާއަށް ނޭގުނީ ދަރިންނަށް ދުނިޔޭގެ ހުރިހާ އުފަލަކާއި ނިއުމަތެއް ހޯދަދޭން ކެނޑިނޭޅި މަސައްކަތްކުރާއިރު އާޚިރަތަށްޓަކާ އެންމެ ކަމެއްވެސް ދަރިންނަށްޓަކާ ކޮށް ނުދެވުނުކަމެވެ. އެންމެން އެކީ ސުވަރުގޭގައި އުޅުމުގެ ނަސީބު ލިބުމަށް އެދި ދެ ދުނިޔެއަށްޓަކާ މަސައްކަތް ނުކުރެވުނުކަމެވެ.

***

އަވިގަަދަކަމުން ފުރާޅުތަކުން އާވި އަރާފަދައެވެ. ގަހުގެ ފަތްތައްވެސް ހިރަފުހުން ހުދުވެފައެވެ. ހިނގާބިނގާވެ އުޅޭ މީހުންތައް ޖޫސްޕެޓީ ނޫނީ ލޮލީފަދަ އެއްޗެއް އަނގައިގާ ޖަހައިގެންނެވެ. ގިނަ މީހުން މޫދުގައެވެ. މާޒިން މިސްކިތަށް ވަނުމާއެކު މުޅި ޖިސްމަށް ވެރިވި ފިނިކަމާއި ހިމޭންކަން ހިތާއި ހަމަޔަށް ފޯރިއެވެ. އެއްވެސް މީހަކު ނެތެވެ. ނަފުސަށް އެހާ މަޑުމޮޅިކަމާއި ހިމޭންކަން ލިބުނު ސަބަބަކީއެއީ ކަމުގައި މާޒިން ނިންމިއެވެ. އެކި ކުލައިގެ މުސައްލާތަކެވެ. ހަރުގައި ޚަތިމްތައް ޖަހާފައެވެ. ކުރެހުން އެޅި ރީތި ތަނބުތަކެވެ. އަޅުކަން ކުރާ ތަނަކަށް ވަދެވުނީ ހާދަ ދުވަހެއްކޮށްލާފައެވެ.

ކޮންމެވެސް މީހަކު ވަންހެން ހީވެފައި މާޒިން އަވަހަށް ނަމާދުކުރަން ހަށަން ބަނެވެ. އިރުކޮޅަކުން ސަޖިދައަށް ތިރިވިއެވެ.

"ކައިސް ބުނިހެން މަލްހާގެ ބައްޕައަށް އަހަރެން ފެނިގެން ލޮލުގައި އަޅައިގެންފިއްޔާ ރަގަޅު. އެކަމަކު އެންމެން ބައްޕަ ލާދީނީ މީހެކޭ ކިޔާއިރު އަހަންނާމެދު އެހެން ގޮތަކުން ދެކެފާނެތަ؟ މިހެން އުޅުނީމަ ފަހަރެއްގައި އާއިލާއާއިމެދު ދެކޭގޮތް ބަދަލުވެދާނެ. ޕްރިޓެންޑް ކުރަން ޖެހޭ ހިސާބަށްވެސް ގޮއްސި. ނޫނީ އެކްސްޓްރީމިސްޓުން މިތަންވެސް ސީރިޔާއަށް ހަދާލަފާނެ. އެކަންތައް ހުއްޓުވަން އެބަޖެހޭ...." މާޒިން ތަފާތު ފިކުރުތަކެއްގައި ހުއްޓެވެ.

ނަމާދުގައި ކިޔާނެ އެއްޗެއް ނޭގުނަސް ގޫގުލްކޮށްގެން އޭނައަށް ނަމާދުގެ ހަރަކާތްތައް އެނގޭތީ ރަގަޅަށް އެކަންނިންމިއެވެ. އެއަށްފަހު ޚަތިމެއް ހިފައިގެން އިށީނެވެ.

"ކައިސް ބުނި މަލްހާގެ ބައްޕަ އަންނަނީ މި މިސްކިތަށޭ. ސޯ ލޮލުގައި އަޅައިގަތިއްޔާ އަހަރެމެންގެ މިޝަން ފުރިހަމަވާނެ....." މާޒިން ކުޑަކޮށް ހިނިތުންވެލިއެވެ.

މާޒިން ގެއަށް ވަންއިރު އެންމެން ތިބީ އޭނަގެ އިންތިޒާރުގައެވެ .

"ދަރިފުޅާ ކޮންތާކުން؟ ގަޑިއަށް ކޮންމެހެން ވެސް ކާން އަންނަންވާނެއޭ މަންމަ ބުނަމެއްނު......" ސުކައިނާ މާޒިންއަށް ބަލަން އިނީ ލޯބިވެތި ނަޒަރަކުންނެވެ.

"ނަމާދަށް މިސްކިތަށް ދިޔައީ......... " މާޒިންގެ ޖަވާބުން އޭނަގެ ބޭބެމެން ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލަމުން ބަލައިލިއިރު ރާހިލް އިނީ ފޯނާއި ކުޅޭށެވެ.

"ޒިން ކޮންދުވަހަކު ޝޭޚަކަށްވީ. ދެެން ފެންނާނީ ފަޓުލޫނު ކުރުކޮށްލާފައި ތުނބުޅި ބަހައްޓާ ޖުއްބާއެއް ލިތަން ދޯ...." އަރްސަން އެއްމިޔަކަުން ހީލިއެވެ. އެހެން އެންމެން އަރްސަންއާއި ބައިވެރިވެ ހިނިގަނޑެއް ޖަހައިލިއެވެ. މާޒިންވެސް މެއެވެ. ރާހިލް އިނީ އޭނަގެ ފޯނުގެ ދުނިޔޭގައެވެ.

"ދަރިފުޅާ ސޭމް އެ ވާހަކަ ފަށައިގެން ޒިންގެ ހިތުގެ ޒަޚަމްތައް އަލުން ފާރުކޮށްނުލާ. ޒިން ދުނިޔޭގައި ހުރިހާ ހިނދަކު ތިބުނާކަހަލަ ޓެރަރިސްޓުންނަށް މާފުދީފައި އެމީހުން އުޅޭގޮތް ރީތިވެގެން ފޮލޯ ކުރާނެހެން ހީވޭތަ؟ ހުރިހާ އެންމެން އެހެން އުޅުނަސް މި މަންމަގެ ފިރިހެންދަރިންނެއް އެ ވައްތަރަކަށް ނޫޅޭނެ. މަންމަ ހުރީ ރީތި އަޚުލާގާއި އަދަބުތައް ދަސްކޮށްދީ މެދުމިނަށް ޒަމާނީކޮށް އުޅެން ދަސްކޮށްދީފައެއް ނޫންތަ؟ " ސުކައިނާ ބުނެލިއެވެ.

"މަންމާ........އެކަމަކު " މާޒިން އެއްޗެކޭ ބުނަން އުޅުނެވެ.

ނުނިމޭ

comment ކޮމެންޓް