"ހީރޯޕަންތީ 2" އަށް ދިޝާ

ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ---

ޓައިގާ ޝްރޮފް ފިރިހެން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2" ގެ ބަތަލާ އަކަށް ދިޝާ ޕަޓާނީ ހަމަޖައްސައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހު ޓައިގާގެ "ބާގީ3"ގެ ލަވައެއް ދިޝާ ކުޅެން އެއްބަސްވީ ޓައިގާ އާއެކު "ހީރޯޕަންތީ2" ކުޅުމަށް ޝަރުތުކޮށްފައި ކަމަށެވެ. އެހެންކަމުން އޭނާއަށް މި ފިލްމުގެ ރޯލު ކުޅުމުގެ ފުރުސަތު ލިބުނީއެވެ.

ދިޝާގެ ހަގީގީ ލޯބިވެރިޔާ ކަމަށް ބުނެވޭ ޓައިގާ އާއެކު މި ފިލްމު ކުޅެން ލިބުމުން ދިޝާ ވަރަށް އުފާވެފައި ހުރިކަމަށް ހަބަރުތައް ބުނެއެވެ. ދާދިފަހުން ރިލީޒްކުރި "މަލަންގް" ގެ ކާމިޔާބަށްފަހު ދިޝާ މިހާރު މަސައްކަތްކުރަމުން އަންނަނީ ސަލްމާހާންގެ "ރާދޭ" ގައެވެ. އެ ފިލްމުގައި އޭނާ ކުޅެނީ ބަތަލާގެ ރޯލެވެ.

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީ ވަނީ 2014 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ. އެ ފިލްމުގެ ސީކުއަލެއް ހަދަން ނިންމި އިރު އެ ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާނީ ޓައިގާ އެވެ. ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކްރިތީ ސެނަންއެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ނިންމިއިރު މިހާރު ވަނީ ފިލްމުގެ ދެ ޕޯސްޓަރެއްވެސް އާންމުކޮށްފައެވެ.

comment ކޮމެންޓް