އިޓަލީ އިން މިއަދު އަންނަނީ މީހުން ބަލާ އަންނަ ފްލައިޓުތަައް: ސަރުކާރު

އިޓަލީގެ އަލިޓާލިއާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިޓަލީވިލާތުން މިއަދު ރާއްޖެ އައި ދެ ފްލައިޓު ރާއްޖެ އައިސްފައިވަނީ ހުސްކޮށް ކަމަށާއި އެ ދެ ފްލައިޓަކީ ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެރިން ބަލައި އައި ދެ ފްލައިޓު ކަމަށް ސަރުކާރުން ބުނެފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަމަށްވާ އިޓަލީ އިން ރާއްޖެ އަންނަ ފްލައިޓުތައް ރޭގެ 11:59 އިން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ. މިއާއެކު އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އައުންވެސް ވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފަ އެވެ.

ނަމަވެސް އިޓަލީގެ އެލިޓާލިއާގެ ދެ ފްލައިޓެއް މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފަ އެވެ. އެ ދެ ފްލައިޓު މިއަދު މެންދުރުފަހު ރާއްޖެއިން ފުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު "ސަން" އަށް ވިދާޅުވީ އެ ދެ ފްލައިޓަކީ ހުސްކޮށް ރާއްޖެ އައި ދެ ފްލައިޓު ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެެރިންނާއެކު މިއަދު އެ ދެ ފްލައިޓު ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޓަލީ އިން އަންނަ ފަތުރުވެރިން ރާއްޖެ އެތެރެވުން ހުއްޓުވާ އެގައުމުން އަންނަ ފްލައިޓުތައް މެދުކަނޑާލާފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އެ ގައުމުގެ ފަތުރުވެރިއެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނިކޮށެވެ. އަދި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފަ އެވެ.

އެއާއެކު އެ ރިސޯޓުގެ ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފަ އެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ލެވެލް އޮތީ ރީނދޫ ހާލަތުގަ އެވެ.

comment ކޮމެންޓް