ބޭނުންވާ ވަރަށް ކާޑު އެބަ ހުރި، ގޭގައި ގުދަން ކުރާނެ ކަމެއް ނެތް: އެސްޓީއޯ

7 މާރިޗް، 2020: ކޮވިޑް 19އާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެސްޓީއޯގެ ސީއީއޯ އަމްރު ވާހަކަ ދައްކަވަނީ - ސަންފޮޓޯ/ އަހްމަދު ސައީދު

ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑު އެބަ ހުރި ކަމަށް ބުނެ މި ދަނޑިވަޅުގައި ކާޑު ގަނެ ގޭގައި ގުދަން ނުކުރުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާކަމަށް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ. އެ ވައިރަހަށް ޕޮޒިޓިވްވީ ޅ. އަތޮޅު ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖޮންގް ޑިރެކްޓަަރު ހުސެއިން އަމްރު ވިދާޅުވީ ބަލި ފެތުރޭ ހާލަތެއްގައިވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑު އެބަ ހުރި ކަމަށެވެ. އާންމުކޮށް ކައިބޮއި އުޅޭ މިންވަރަށް ކައި އުޅެންޖޭ ކާޑު ހުސްނުވެ ހުންނާނެކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެސްޓީއޯ އަތުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަަރަށް ކާޑު އެބަ ހުރި. އާންމުކޮށް ކާ އުސޫލުން ކާ ކަމަށްވަންޏާ ހުސް ނުވެ، މިއަދުވެސް މާދަމާވެސް ރާއްޖޭގެ ތާރީހުގައި މި ދިޔަހެން އެއްގޮތަކަށްވެސް ހުސްނުވެ ބަރާބަރަށް ކާޑު ލިބެން ހުންނާނެ،" އަމްރު ވިދާޅުވިއެވެ.

ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮއްވައި އެކަކު ނޫނީ ދެ މީހަކު ކާޑު ގިނަ އަދަދަކަށް ގަނެގެން ގޭގައި އެއްކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ހާލެއްގައި އެއްބައިވަންތަކަން ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތަކީ ކޮންމެ ގެއެއްގެ ސިޓިިން ރޫމް ކާޑު ގުދަނަކަށް ހަދަންޖެހޭ ވަގުތެއް ނޫން. މިވަގުތަކީ ކޮންމެ ގެއެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންވީ ވަގުތެއްވެސް ނޫން،" އަމްރު ވިދާޅުވިއެވެ.

7 މާރިޗް، 2020: ކޮވިޑް 19އާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ސަންފޮޓޯ/ އަހްމަދު ސައީދު

ކާޑުގެ އިތުރުން ބޭސްވެސް ލިބެން ހުންނާނެ ކަމަށް އަމްރު ވިދާޅުވިއެވެ. އެކަމަކު، ރާއްޖެއިން ބޭސް އިމްޕޯޓު ކުރާ ގައުމުތަކުން ބޭސް ހުސްވެއްޖެއްޔާ ކުރާނެ ކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އިންޑިއާއިން ބޭސް ލިބުން ނުހުއްޓޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖައްސަން ފޮރިން މިނިސްޓްރީއިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ، ހޭންޑް ސެނިޓައިޒާ އާންމުންނަށް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. ހޭންޑް ސެނިޓައިޒާއަކީ މި ދަނޑިވަޅުގައި ހޮސްޕިޓާތަކާއި އެހެނިހެން މުއައްސާސާތަކަށް މާ ބޮޑަށް މުހިންމު އެއްޗެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ ތަކެއްޗަކީ ސީދާ އެ ލިބުން މުހިންމު ފަރާތްތަކަށް ލިބުން މުހިންމު އެއްޗެހި. އެހެންވީމަ މި ވަގުތު އަޅުގަނޑުމެން މިވަނީ އާންމުންނަށް ހޭންޑް ސެނިޓައިޒާ ދިނުން މަޑުޖައްސާލައިފައި. އެއީ ކޮންމެހެން އަޅުގަނޑުމެންގެ އަތުގައި ނެތީމަކާއެއް ނޫން. އަޅުގަނޑުމެންވެސް އިމްޕޯޓު މި ކުރަނީ. އަޅުގަނޑުމެން އެއްކޮށް ހުޅުވާލައިފި ކަމަށްވަންޏާ ހަމަ ރާސްލާފައި އައިސް ބައެއް ބޭފުޅުން ވަރަށް ގިނައިން ގަނެފިއްޔާމުން ހުސްވެދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަމްރު ވިދާޅުވިއެވެ.

ހޭންޑް ސެނިޓައިޒާ އާންމުންނަށް ވިއްކުން ހުއްޓާލުމުގެ އިތުރުން ފޭސް މާސްކު މީހަކަށް ވަކި ވަރަކަށް ނޫނީ ނުވިއްކަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަމްރު ފާހަގަކުރެއްވީ ފޭސް މާސްކަކީ ބަލި ނޫން މީހުންނަށް ވުރެ ބޮޑަށް ބަލި ޖެހިފައި ތިބި މީހުންނަށް މުހިންމު އެއްޗެއް ކަމެވެ.

comment ކޮމެންޓް