ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފި

ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފެށުން -- ފޮޓޯ/ހެލްތު މިނިސްޓްރީ

ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޑިޕާޓްމަންޓް ހުޅުއްވައިދެއްވައި ދަތުގެ ފަރުވާ ދިނުން ފައްޓަވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތު މިނިސްޓްރީން ބުނީ ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމާއެކު، އެ ހިދުމަތް ހޯދުމަށް ފުނަދޫ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި ރިސޯޓުތަކުގެ މުވައްޒަފުން ދަތުގެ ފަރުވާ ހޯދަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

އަދި ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށް ވާއިރު ށ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ހިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ހިދުމަތެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އެހެންކަމުން، ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ހެލްތުން ބުންޏެވެ.

ށ. އަތޮޅުގައި 14،500 އެއްހާ މީހުން ދިރިއުޅޭ އިރު ފުނަދޫގައި ގާތްގަނޑަކަށް 2،632 މީހުންގެ އާބާދީއެއް އޮވެއެވެ.

comment ކޮމެންޓް