ބޮޑު އަގުލަބިއްޔަތުން އެމްޑީޕީ އިންތިހާބު ކާމިޔާބުކުރާނެ: ރައީސް

އެމްޑީޕީގެ "ރަށްވެރި ފަތިސް"ގެ ނަމުގައި ކުރިއަށްދާ ހަރަކާތް ފެށުމުގެ ކުރީން ރައީސް ސޯލިހު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ފޮޓޯ : މައިމޫން މުހައްމަދު

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ރަށްވެހި ފަތިސް" ގެ ނަމުގައި އެމްޑީޕީއިން ޑޯ ޓު ޑޯ ހަރަކާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި އެމްޑީޕީއާ ސަރުކާރު ހަވާލުކުރި ކަމަށެވެ.

ކުރިއަށް އޮތީ އެކަމުގެ ތިންވަނަ މަރުހަލާ ކަމަށާއި ލޯކަލް ކައުންސިލު އިންތިހާބަކީވެސް މުހިއްމު އިންތިހާބެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލު އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވިއްޖެނަމަ އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ކުރި މަސައްކަތްތައް ތަންފީޒުކުރުމުގައި އުނދަގޫތަކާއި ދަތިތަކެއް ކުރިމަތިވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލަކީ އެމްޑީޕީއަށް މުހިއްމު އިންތިހާބެއް ކަން އެމްޑީޕީ ކެނޑިޑޭޓުންނާއި މެމްބަަރުންނަށް އެނގިލައްވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެގޮތުން މިހާރުވެސް ބައެއް ގޮނޑިތައް އެމްޑީޕީއަށް ކަށަވަރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މިއީ ރައްޔިތުން އަޅުގަނޑުމެނާ ދޭތެރޭގައި އޮތް އިތުބާރު ދައްކުވައިދޭ ހަގީގަތެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހާއި އެމްޑީޕީ އާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ހިމެނޭގޮތަށް މިއަދު މާލޭގައި ވަނީ ޑޯ ޓު ޑޯ ހަރަކާތް ރަސްމީކޮށް ފަށައިފަ އެވެ. އެގޮތުން އެ ހަރަކާތުގައި މާލޭގެ ހުރިހާ ގެތަކަށް ޒިޔާރާތްކުރާނެ ކަމަށް އެމްޑީޕީއިން ބުނެ އެވެ. އަދި މާލޭގައި އުޅޭ އަތޮޅުތަކުގެ މީހުންގެ ގެތަކަށް އެ ދާއިރާގެ މެމްބަރުން ވަޑައިންނަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް