ތިނަދޫގައި ހުރި ޓޫރިސްޓަކު ކޮރޯނާއަށް ޝައްކު ވެގެން އެކަހެރިކޮށްފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތާ ގުޅޭ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ފަތުރުވެރިއަކު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޝައްކު ވެގެން އޭނާ އެކަހެރިކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ކޮރޯނާ ގެ އަލާމާތްތަކެއް ފާހަގަވެފައިވާތީ، އޭނާ ކަރަންޓީނު ސެންޓަރަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއީ، މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ކޮރޯނާއަށް ޝައްކު ވެގެން އެކަހެރި ކުރި ތިން ވަނަ މީހާ އެވެ.

އެޗްޕީއޭއިން ރޭ ބުނެފައިވާ ގޮތުގައި، އިޓަލީއިން އައިތަނުން ކަރަންޓީނު ކުރި ދިވެހި މީހާ އެ ބައްޔަށް ނެގެޓިވްވުމުން އޭނާ ވަނީ މިހާރު ކަރަންޓީނު ދޫކޮށްލައިފަ އެވެ. އެހެން ނަމަވެސް، އިތުރު ދިވެއްސެއްގެ ފަރާތުން އެބަލީގެ އަލާމާތްތައް ފެނިގެން އެ މީހާ ކަރަންޓީނުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އިޓަލީވިލާތުގެ އުތުރުގައި ވަރަށް ބާރު މިނުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ އިރު، 3،858 މީހަކަށް އެ ބަލި ޖެހި 148 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ކޮރޯނާއަށް ހާއްސަ ކަރަންޓީނު ސެންޓަރުތައް ގާއިމްކޮށްފައި ވަނީ، ހުޅުމާލޭގެ ދެވަނަ ފޭސްގެ ފަރުކޮޅުފުށީގަ އާއި އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ފުނަދޫގަ އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ބާރުމިނުގައި ކޮރޯނާ ފެތުރެމުން ދާތީ އަދި ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު ބޮޑުވެފައި ވާތީ، އެޗްޕީއޭ އާއި ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރު ގުޅިގެން ވަނީ ކޮރޯނާ އެމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކޮށްފަ އެވެ.

އެ ސެންޓަރުން ކޮރޯނާ ވައިރަސްގެ ހާލަތު މޮނީޓާ ކުރުމުގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުން މޮނީޓާކޮށް ބައްޔަށް ސްކްރީން ޓްރެވަލް ކުލިނިކެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި މިދުވަސްވަރު މާލެ ތެރޭގައި އުޅޭ އެކި ކަހަލަ ރޯގާތަކަށް ފަރުވާދޭން ހާއްސަކޮށް، ސެނަހިޔާ ހޮސްޕިޓަލްގައި ފްލޫ ކުލިނިކެއް ވަނީ ގާއިމްކޮށްފަ އެވެ.

މީގެ އިތުރުން، ކޮރޯނާއަށް ޝައްކުވާ މީހަކު ފެނިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތަކަށް ފަރިތަވުމަށް މާލޭގައި ހާއްސަ ޑްރިލްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެޗްޕީއޭއިން ރޭ ބުނެފައި ވަނީ ރާއްޖެވެސް ޒިޔާރަތްކުރި ޗިލީ މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައި ވާތީ، އެ މީހާ އަކީ ކާކު ކަމާއި އޭނާ ރާއްޖޭގައި ހުރި ސަރަހައްދުތައް ދެނެގަނެ، މޮނީޓާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް