ރަސްމީ ދަތުފުޅެއްގައި މިނިސްޓަރު ޝާހިދު ބްރުނާއީ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބްރުނާއީ އަށް ވަޑައިންނެވުމުގެ ކުރީން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ފޮރިން މިނިސްޓްރީ

ބްރޫނާއީ ދާރުއްސަލާމަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރާވަޑައިގަންނަވައިފި އެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ މިނިސްޓަރުގެ ދަތުރުފުޅުގައި ބްރުނާއީގެ ރަސްގެފާނު ސުލްތާން ހަސަނުލް ބޮލްކިއާ މުއިއްޒުއްދީން ވައްދައުލާގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވާނެ ކަމަށެވެ.

މިއީ، މިދިޔަ 21 އަހަރުގެ ތެރޭގައި ރާއްޖޭގެ އިސް އޮފިޝަލަކު އެ ގައުމަށް ދަތުރުކުރައްވާ ފުރަތަމަ ފަހަރެވެ.

ފޮރިން މިިނިސްޓްރީއިން ބުނީ، މި ދަތުރުފުޅުގައި ބްރޫނާއީގެ ފޮރިން މިނިސްޓަރު 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރީވަން ބިން ޕެހިން ދާތޫ ޕެކަރިމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި އެޑިއުކޭޝަން މިނިސްޓަރު ޔަންގް ބަރްހޯމާތު ދާތޯ ސެރޯ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާން އަދި ހެލްތު މިނިސްޓަރު ދާތޯ ސެރީ ސެތިއާ ޑރ ހާޖީ މުހައްމަދު އިޝާމް ބިން ހާޖީ ޖަފާރް އާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ އެ ބައްދަލުވުންތަކުގައި ރާއްޖެއާއި ބްރުނާއީއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އިޖުތިމާއި އަދި އިގުތިސާދީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ބްރޫނާއީގައި މިހާރުވެސް ދިވެހި ފަސް ދަރިވަރަކު ކިޔަމުންދާއިރު، މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްގެ އިތުރު ފުުރުސަތުތައް އެގައުމުން ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

މީގެ 21 އަހަރު ކުރީން ރާއްޖެއާއި ބްރޫނާއީއާ ދެމެދު އޮތް ގުޅުން ރަނގަޅުވި ނަމަވެސް 1999 އަށްފަހު ދެގައުމުގެ ގުޅުމަށް ދޭން ޖެހޭ މިންވަރަށް އަޅާލުން ދީފައި ނުވާ ކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ. އެގޮތުން ފާއިތުވި 21 އަހަރުގެ ތެރޭގައި ދެގައުމުގެ މަތީ ލެވެލް އެއްވެސް ބޭފުޅެއް އަނެއް ގައުމަށް ރަސްމީ ދަތުރެއް ކުރައްވާފައެއް ނުވެއެވެ.

ދިވެހިރާއްޖެއާއި ބްރޫނާއީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 31 މާޗް 1984 ގައެވެ.

comment ކޮމެންޓް