ރައީސް ނަޝީދު މަޑަވެއްޔަށް ވަޑައިގަތުމުން މުޒާހަރާކޮށްފި

މަޑަވެލީގައި ބަޔަކު މުޒާހަރާކުރަނީ --- ފޮޓޯ : ރާއްޖެ އެމްވީ

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މަޑަވެއްޔަށް ވަޑައިގަތުމުން މުޒާހަރާކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެރަށު ޒުވާނުންތަކެއް މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އަޑުއުފުލާފައި ވަނީ މިއަދު މެންދުރުފަހު ނަޝީދު އެރަށަށް ވަޑައިގެން ވަގުތުއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލުގެ ނައިބު ރައީސް އަޒަމް މުހައްމަދު ވިދާޅުވީ ބަޔަކު އެއްވެ މުޒާހަރާކޮށްފައިވާ ސީދާ ސަބަބެއް އެނގިނުލައްވާ ކަމަށާއި ތަފާތު އެކި ގޮތްގޮތަށް އެ ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ.

އެގޮތުން އެރަށުގައި އިދިކޮޅު ޕާޓީގެ ބަޔަކު ތިބިކަން ދައްކާލުމަށް ބަޔަކު ނިކުތީ ކަމަށް ބުނެ ވާހަކަ ދެކެވޭ ކަމަށް އަޒަމް ވިދާޅުވިއެވެ. ނަމަވެސް އަޒަމް ވިދާޅުވީ އެކަމާ ގުޅޭ ސީދާ މައުލޫމާތު އެނގި ނުލައްވާ ކަމަށެވެ.

މީގެކުރިން ނަޝީދު ގއ. ވިލިނގިިޔަށް ވަޑައިގަތުމުން އެރަށުގައި ވެސް އެމަނިކުފާނާ ދެކޮޅަށް ވަނީ މުޒާހަރާކޮށްފައެވެ. ނަޝީދު ވަޑައިގަތުމުން އެރަށުގައި މުޒާހަރާކޮށްފައި ވަނީ އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.

ގދ. އަތޮޅަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެއަތޮޅު ގައްދޫ އަށެވެ.

ދެ ރައީސުން ރަށްތަކަށް ވަޑައިގެން ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ އެބޭފުޅުންނާއިއެކު ދޮރުންދޮރަށް ހިންގަވާ ޖަލްސާތައް ބާއްވަވާ އަދި އެހެނިހެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 982 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.

އޭގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށާއި، އޭގެ ތެރޭގައި 337 އަންހެން ކެންޑިޑޭޓުން ހިމެނޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

comment ކޮމެންޓް