ޖޭޕީއިން ބުނަނީ މިނިމަމް ވޭޖް ވީހާވެސް އަަވަހަކަށް ކަނޑައަޅަން ޖެހޭ ކަމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާއި އަނބިކަބަލުން ނަހުލާ: ޖޭޕީން ބުނަނީ މިނިމަމް ވޭޖް ވީހާވެސް އަވަހަކަށް ކަނޑައަޅަން ޖެހޭ ކަމަށް -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ، މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި އެވައުދު ވީހާވެސް އަވަހަކަށް ފުއްދަން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ސަރުކާރުން އުފެއްދި މިނިމަމް ވޭޖް ބޯޑުން ވަނީ ރިޕޯޓެއް އެކުލަވާލައި 6،400 ރުފިޔާ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅުމަށް ފިނޭންސް މިނިސްޓަރަށް ލަފާއަރުވާފައެވެ. އަދި މިނިސްޓްރީން ވަނީ އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށްވެސް އެދިފައެވެ.

މަޖިލީހުން ރޭ ބޭއްވި އާންމުގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޯޑުގެ ޗެއާޕާސަން މަރިޔަމް ހާލިދާ ވިދާޅުވީ، ބޯޑުން ރިޕޯޓު އެކުލަވާލީ ކޮރޯނާ ވައިރަސްގެ ނުރައްކާ އައުމުގެ ކުރިން ކަމަށެވެ. އަދި ސަރުކާރުން މިނިމަމް ވޭޖް ތަންފީޒު ކުރާއިރު، ކޮރޯނާ ވައިރަސްގެ ސަބަބުން އިގްތިސޯދަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އެއާކު ހާލިދާ ވިދާޅުވީ، މިއީ މިނިމަމް ވޭޖް ތަންފީޒުކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

މިއަދު ޖޭޕީން އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދައިރާގެ ކުރީގެ މެމްބަރު އަހްމަދު އިލްހާމް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަކީ ވަރަށް ގިނަ ރައްޔިތުން އެދޭ ކަމެއް ކަމަށާއި ސަރުކާރުންވީ ވައުދު ސަރުކާރުން ފުއްދަން ޖެހޭ ކަމަށެވެ.

"ހެޔޮނުވާނެ އަބަދުވެސް ފޮނި އަނގަ ތަޅަން ނުހައްދަވާ. ކޮން ފޮނި އަނގައެއް ތަޅާކަށް ހެއްޔޭ. އެކަން ކުރާނަމޭ ވިދާޅުވީމަ އެކަން ކުރާށޭ. ނުކުރައްވަން ވެގެން އެގަޑި ކަމަކުނުދެޔޭ، މިގަޑި ކަމަކު ނުދެޔޭ ކިޔާ ބޭކާރު ވާހަކަ ނުދައްކަވާށޭ،" އިލްހާމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

އިލްހާމް ވިދާޅުވީ، 2023 އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށްފައި އެކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި މިނިމަމް ވޭޖް ވީހާވެސް އަވަކަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެޖެންޑާ 19ގެ ދަށުން ރައްޔިތުންނަށް އެތައް ވައުދެއްވެ، ވީ އެއްކަމެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީން ވައުދުވީ، ރިސޯޓް މުވައްޒަފުންނަށް 10،000 ދިނުމަށް ކަމަށާއި ނަމަވެސް އެކަންވެސް އެގޮތަށް ނުވި ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ވައުދުގެ މައްޗަށް ވައުދު. އެޖެންޑާ 19އޭ ކިޔާފައި ރަންކޮޅާ ވީއެއްކަމެއްވެސް ނެތް. ރައްޔިތުންގެ މަޖިލިސް ދީފި. މިހާރު މިނިމަމް ވޭޖޭ ބުނީމަ ބުނަނީ ބޯޑު އެއްބަހެއް ނޫނޭ. ބޯޑަކީ އިލްހާމް އަހްމަދު ހެދި ބޯޑެއްތަ،" 19 ވަނަ މަޖިލީހަށް ތިން ވަނަ ދައުރަކަށް ވާދަކޮށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު އިލްހާމް ވިދާޅުވިއެވެ.

ބޯޑުގެ ރިޕޯޓާ ގުޅިގެން ޖޭޕީގެ ސްޓޭންޑަކީ ކޮބާތޯ "ސަން" އިން ސުވާލު ކުރުމުން އިލްހާމް ވިދާޅުވީ، މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ވަކި އަދަދެއް ޕާޓީގައި މަޝްވަރާ ކުރެވިފައިވާ ނުވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ވައުދު ފުއްދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ދެކެނީ އެކަން ކުރައްވަން ޖެހޭނޭ. އެކަން ކުރައްވަން ޖެހޭނީ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރެވިގެން،" އިލްހާމް ވިދާޅުވިއެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް