ދޮރު ވައްޓާލާ އާލާތްތަކާއެކު ޑްރަގް އޮޕަރޭޝަންތައް ވަރުގަދަކޮށްފި

ޑީއީޑީގެ އޮޕަރޭޝަނަށް ޒަމާނީ އާލާތްތަކެއް އިތުރުކުރުން -- ފޮޓޯ/ޕޮލިސް

ވަރުގަދަ އާލާތްތަކެއް ގެނެސް ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮޕަރޭޝަންތައް ވަރުގަދަކޮށްލައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮޕަރޭޝަންތަކަށް ޒަމާނީ އާލާތްތަކެއް އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ ނުރައްކާތެރި ހާލަތްތަކުގައި ފުލުހުންގެ އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދަން މަގުފަހިކޮށްދޭނެ އާލާތްތަކެއް ކަމަށެވެ.

މިއަދު ޑީއީޑީ އޮޕަރޭޝަނަށް އިތުރުކުރި އާލާތްތަކުގެ ތެރޭގައި ތަޅާއި، ދަގަނޑު، ޗޭނު އަދި ދަގަނޑު ތޮރުފަން ބޭނުންކުރާ "ސްޓްރޯންގްއާމް" ހިމެނެއެވެ. މިއީ އޮޕަރޭޝަންތަކުގައި ފުލުހުންނަށް ތަންތަނަށް ވަނުމުގައި ވަގުތު ސަލާމަތްކޮށްދޭނެ އެއްޗެކެވެ.

މީގެ އިތުރުން ދޮރު ވައްޓާލަން ބޭނުންކުރާ "ބްރީޗިން ކިޓް" ވެސް މިއަދު ވަނީ ޑީއީޑީގެ އޮޕަރޭޝަނަށް އިތުރުކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަނީ ވަރަށް އޯގަނައިޒްޑް ކޮށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ފުލުހުން ވަނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ގިނަ ތަންތަނެއް ރެއިޑްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ހޯދައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން މ. ލޮނުމިދިލިގެ އަކީ ވަރަށް ސެކިއުރިޓީ ވަރުގަދަކޮށް އެކަން ކުރަމުން ދިޔަ އެއް ގެއެވެ.

ޑީއީޑީގެ އޮޕަރޭޝަނަށް މިއަދު އިތުރުކުރި އާލާތްތަކާއެކު މިފަދަ އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ.

comment ކޮމެންޓް