ލޮޓަސް އިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސައިކަލު

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސައިކަލު ހަދިޔާކުރުމަށް ލޮޓަސް އިން ކުރިއަށްގެންދާ ޕްރޮގްރާމު --- ފޮޓޯ: ލޮޓަސް

ހިނގައި ބިނގައިވެ އުޅެން ދަތި ފަރާތްތަކުން އެއްތަނުން އަނެއްތަނަށް ދިޔުމަށް ބުރައުފުލަ އެވެ. ގިނަ ފަހަރަށް ޖެހެނީ ކޮންމެވެސް މީހަކަށް ބަރޯސާވާށެވެ. މިފަދަ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އަމިއްލަ އިސްނެގުމުގެ މަތިން މަސައްކަތް ކުރާ އެއް ބަޔަކީ ލޮޓަސް އެވެ.

ލޮޓަސްއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ 60 އަށް ވުރެ ގިނަ މީހުންނަށް ޑިސްއެބިލިޓީ ސްކޫޓާ ވަނީ ހަދިޔާކޮށްފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސައިކަލު ހަދިޔާކުރުމަށް ލޮޓަސް އިން ކުރިއަށްގެންދާ ޕްރޮގްރާމު --- ފޮޓޯ: ލޮޓަސް

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ލޮޓަސް އިން ވަނީ އިތުރު ވިހި ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައިކަލު ހަދިޔާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މި ހަރަކާތާ ގުޅޭ ގޮތުން ލޮޓަސްގެ މެނޭޖިން ޑިރެކްޓަރު ޒައިނަލް އާރިފް ވިދާޅުވީ މިއީ ލޮޓަސް ފިހާރައިން އަހުމަދު އާރިފް (އާއްޓޭ)ގެ އިސްނެގުމުގެ މަތިން ލޮޓަސްގެ ޗެއާމަން މުހައްމަދު ފާތިހުގެ ނަމުގައި ދޭ އެހީތެރިކަމެއް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސައިކަލު ހަދިޔާކުރުމަށް ލޮޓަސް އިން ކުރިއަށްގެންދާ ޕްރޮގްރާމު --- ފޮޓޯ: ލޮޓަސް

"ކުރިއަށް އޮތްތަނުގައި މިފަދަ ހަރަކާތްތައް ހިންގުމަށް ނިންމާފައި ވަނީ އެމްއޭޕީޑީ އާ ގުޅިގެން. އެއީ ސައިކަލު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އެހީތެރިވެދިނުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.

ލޮޓަސްގެ މި ސީއެސްއާރު ޕްރޮގްރާމާ އެކު ހާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔެއްގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދީފި އެވެ.

comment ކޮމެންޓް