ދައުލަތަށް އެންމެ ހެޔޮ ގޮތަކީ ވީހާވެސް ހާމަކަން ބޮޑުކުރުން: ފިޔާޒް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ވަޒީރުންނަށް މައުލޫމާތު ދިނުން -- ފޮޓޯ/އައިކޮމް

ދައުލަތަށް އެންމެ ހެޔޮގޮތަކީ ކަންކަމުގައި ވީހާވެސް ހާމަކަން ބޮޑުކުރުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.

ފިޔާޒް މިހެން ވިދާޅުވެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ވަޒީރުންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އިއްޔެ ބޭއްވި ކެބިނެޓް ވޯކިން ސެޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި، ރައީސް އޮފީހުގެ މިނިސްޓަރުންނާއި، އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި ޕްރެޒެންޓޭޝަންގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އުސޫލުތަކާބެހޭ ގޮތުންނާއި، ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކުރައްވައިފައެވެ.

ފިޔާޒު ވިދާޅުވީ ބައެއް ހާލަތްތަކުގައި ގޮންޖެހުންތައް ހުރި ނަމަވެސް، މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ހުރިކަން ފާހަގަކުރެއްވިއެވެ.

"މި ދައުލަތަށް އެންމެ ހެޔޮ ގޮތަކީ ހާމަކަން ވީހާ ވެސް ބޮޑުކުރުން، އަދި ބިރެއް ނެތި މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ގާއިމުކުރުން،" ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ ހެޔޮ ހިންގުމުގެ ނިޒާމަކަށް އެންމެ މުހިންމު ކަމަކީ ވެސް ހާމަކަން ބޮޑުކުރުން ކަމަށާއި ނަޒާހަތްތެރި ދައުލަތެއް އުފެދޭނީ ވެސް މައުލޫމާތު ހާމަކަން ބޮޑުވި މިންވަރެއްގެ މައްޗަށް ކަމަށެވެ.

އެ ބައްދަލުވުމުގައި ވަޒީރުން ކުރެއްވި ގިނަ ސުވާލުތަކަށް ޖަވާބުދެއްވައި މައުލޫމާތު ދޫކުރުމުގައި ދިމާވާ ކަންކަމާއި، އިތުރަށް ރަނގަޅު ކުރެވިދާނެ ބައެއް ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ ހިޔާލު ހޯއްދެވި އެވެ.

comment ކޮމެންޓް