ރައީސްގެ އިލްތިމާސެއް: ބިލް ކުޑަކުރަން ކަރަންޓް އިސްރާފު ނުކުރޭ

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ފަޔާޒު މޫސާ

ކަރަންޓް ބިލް ކުޑަކުރުމުގައި ފަރުދީ ޒިންމާވެސް ބޮޑު ކަމަށާއި ކަރަންޓް ބޭނުން ކުރުމުގައި ކުރާ އިސްރާފު ކުޑަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާންމުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ އަހަރެއްގައި ވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓު ބިލު ބޮޑުވުމުގެ އިތުރުން ކަރަންޓު އުފައްދަން ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވާ ކަމަށެވެ.

"ސްޓެލްކޯއިން މިހާރު ހިންގާ 35 އިންޖީނުގެއިން ކަރަންޓުގެ ހިދުމަތް ދިނުމަށް މަހެއްގެ މައްޗަށް 12 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންވޭ. އެއީ މަހަކު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ. އަދި ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން، އިންޖީނުތައް ހިންގަން ބޭނުންވާ ޑީސަލަށް ކުރާ ހޭދަ ނުވަ ޕަސެންޓް އިތުރުވެގެންދޭ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ކަރަންޓު އިސްރާފުވާ މިންވަރު ކުޑަކުރަން އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ. ވިދާޅުވީ، ކަރަންޓްގެ އިސްރާފު ކުޑަކުރުމަށް ސްޓެލްކޯއިން އާންމުންނަށް ދޭ އިރުޝާދުތައް ބަލައިގަނެ އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ތިމާވެއްޓަށް ކުރާ ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތްތަކަށް އެކަން ކުރުމަކީ ވެސް މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން، ކަރަންޓުގެ ހިދުމަތް ދިނުމުގައި ޑީސަލް އަންދާ މިންވަރު މަދު ކުރުމަށްޓަކައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރަން މި ސަރުކާރުން އިސްކަންދޭނެކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

"ތިމާވެށީގެ މައްސަލައަކީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ތައާރަފުވެގެން އައިއިރު އޮތް މައްސަލައެއް ނޫން... ކަރަންޓުގެ ހިދުމަތާ ތިމާވެއްޓާ ގުޅިގެން ދަނީ ކަރަންޓު އުފެއްދުމުގައި ޖަނަރޭޓަރު ހިންގަން ޖެހެނީ ތެޔޮ އަޅައިގެން ކަމަށްވާތީ." ރައީސް ސޯލިހު ވިދާޅުވި އެވެ. "އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ، ފަސް އަހަރުގެ ޕްލޭނެއް ސްޓެލްކޯއިން މިހާރު ވަނީ އެކުލަވައިލާފައި. އެ ޕްލޭން ފުރިހަމަވެގެންދާއިރު، ކަރަންޓް އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ. އޭރުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާވެސް އިތުރުވެގެންދާނެ،"

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ފަޔާޒު މޫސާ

ރައީސް ސޯލިހު މިރޭ ވަނީ ކަރަންޓުން އަގު ނެގުމުގައި މާލެއާއި އަތޮޅުތައް އެއް ހަމައަކަށް ގެނެސް، އަގު ނެގުމުގައި ހުރި ތަފާތު ކުރުންތައް ނައްތާލީ މި ސަރުކާރުންކަން ފާހަގަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ދައުލަތް ހިންގުމާ ހަވާލުވީއިރު، ކަރަންޓުގެ ހިދުމަތްތައް އަގުނެގުމުގައި ވެސް މާލެއާއި އެހެން ރަށްރަށާ ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް ހުރި. އެ ތަފާތުތައް ނައްތާލައި، ރާއްޖޭގެ ހުރިހާ ގޭބިސީއަކުން ކަރަންޓަށް ނަގާ އަގު މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ އެއް ހަމަކޮށްފައި. އަދި އަތޮޅުތަކުގެ ވިޔަފާރިތަކުން ކަރަންޓަށް ނަގާ އަގު ވެސް ވާނީ އެއް ހަމަކޮށްފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސްޓެލްކޯގެ "ގްރީން ލައިފް އިނިޝިއޭޓިވް" އިފްތިތާހު ކޮށްދެއްވަނީ-- ސަން ފޮޓޯ/ފަޔާޒު މޫސާ

މި ރޭގެ ޖަލްސާގެ ތެރެއިން ސްޓެލްކޯގެ "ފެހި ދިރިއުޅުން" މަޝްރޫއު ގްރީން ލައިފް އިނިޝިއޭޓިވް" ވެސް ރައީސް ސޯލިހު ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

ފެހި ދިރިއުޅުމުގެ މައިގަނޑު އަސާސަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނެ، ތިމާވެއްޓާ ލިބޭ ގެއްލުން ކުޑަ ކުރުމެވެ.

comment ކޮމެންޓް