ދީބާޖާ ހުކުމް ރިވިއު ކުރާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލް ކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ތާއިދުކޮށްފައިވާ ހުކުމް އަލުން ރިވިއުކުރުމަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.

މިދިޔަ ޖެނުއަރީ މަސްތެރޭ އެ މައްސަލަ ރިވިއުކުރުމަށް ހުށަހެޅީ ބަންޑާރަނައިބުގެ އޮފީހުންނެވެ.

އެ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ މައްސަލައަކީ އެ ކޯޓުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާތީ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ އެ ކޯޓުން ދީފައިވާ ކަމަށެވެ.

އެ އޮފީހުން އެ މައްސަލަ ރިވިއު ކުރުމަށް ހުށަހެޅީ ދީބާޖާއަށް ބަދަލު ދިނުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އޮފީހަށް އަންގަވާފައިވާތީއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ. ނަމަވެސް ފަހުން ނަމަވެސް ސުޕްރީމްކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލްކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

ސުޕްރީމް ކޯޓުން އޭރު ސިވިލް ކޯޓުގެ ހުކުމް ތާއީދު ކުރީ އެންމެ ނުކުތާއެއް މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ.

https://sun.mv/130769

ސެޓްލްމަންޓް ކޮމިޓީގެ ލަފާގެ މަތިން މީގެ ކުރިން އެ މައްސަލައިގައި ރައީސް ސޯލިހު ނިންމެވީ، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅުމަށް ރައީސްއަށް ދެންނެވުމަށެވެ.

comment ކޮމެންޓް