އެފްއޭއެމް ހައުސް 20 ބުރިއަށް ނަގަނީ

އެފްއޭއެމް ހައުސް ---

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިމާރާތް 20 ބުރިއަށް ނެގުމާއި އިތުރު ބިޔަ ދެ ޕްރޮޖެކްޓެއް ނިންމުމަށް ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިއްޔެ އެފްއޭއެމް ހައުސްގައި ހާއްސަ ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ސްކައިވިންޑް ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ޕާކް ޗެންޔޮންގް އެވެ.

ސްކައިވިންޑް ގްލޯބަލް ކުންފުންޏާއެކު އެފްއޭއެމްއިން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ؛ އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބޮޑު ތިން މަޝްރޫއެއް ފެށިގެންދާނެ ކަމަށާއި އޭގެ ތެރޭގައި އެފްއޭއެމް ހައުސް 20 ބުރިއަށް އިމާރާތް ކުރުމާއި ހިއްކި ބިން ސަރަހައްދު (ޓާރފް ދަނޑު ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ ފުޓްސެލް ދަނޑަކާއި، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 20 އާޓިފިޝަލް ވިނަ ދަނޑު އެޅުން ހިމެނޭކަމަށެވެ.

އަދި މި ޕްރޮޖެކްޓަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ 17 މިލިއަން ޑޮލަރުގެ ލޯނު އަދާ ކުރާނީ، އިމާރާތް ބޭނުން ކުރަން ފަށާތާ ހަތް އަހަރުގެ ތެރޭ އިންސްޓޯލްމެންޓަށް ބަހާލައިގެން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ސްކައިވިންޑް ގްލޯބަލްއާ އެކު ހިންގާ ތިން ޕްރޮޖެކްޓް:

  • އެފްއޭއެމްގެ މިހާރު ހުރި ބިމުގައި ހަދާ 20 ބުރީގެ އިމާރާތް
  • ކުޅިވަރު އެކުވެނީގައި ހަތަރު ބުރީގެ އިންޓާ ފުޓްސަލް އެރީނާ
  • ރާއްޖޭގެ އެކި ސަރަހައްދުގައި އަޅާ 20 ޓާފް ދަނޑު

އެފްއޭއެމްގެ އާ އޮފީސް އިމާރާތް ހެދުމުގެ މަސައްކަތް ކުޅިވަރު އެކުވެނީގެ ދެކުނުގެ ހުޅަނގު ފަޅީގައި ދަނީ ކުރިއަށެވެ. އެ އިމާރާތް މި އަހަރު އޭޕްރީލް މަހު ބޭނުން ކުރަން ފެށޭ ވަރަށް މަސައްކަތް ނިންމުމަށް ހަވާލު ކުރީ ޓިބާރޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެކަމަކު އެ ޕްރޮޖެކްޓް ނިމުން ލަސްވީ މިދިޔަ އަހަރު ފަހު ކޮޅު ކުރި ވިއްސާރައިގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވުމުން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

މުއްދަތު އިތުރު ކުރުމަށްފަހު މި އަހަރުގެ ސެޕްޓެމްބަރުގައި މަސައްކަތް ނިންމާނެ ކަމަށް އެކުންފުން ޔަގީންކަން ދީފައިވާ ކަމަށް ބައްސާމް ވިދާޅުވި އިރު އެފްއޭއެމުން ވަނީ ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކެއް ފަށައިފަ އެވެ.

"މައިގަނޑުގޮތެއްގައި 20 ބުރިއަށް ހެދުމުގެ ބޭނުމަކީ، ފުޓްބޯޅަ މިހާރު މިއޮތް ލެވަލްއަށް ވުރެ އެހެން ލެވަލްއަކަށް ހިއްލާލުމަށް މަސައްކަތް ކުރާއިރު ވަރަށް ބޮޑު ފަންޑެއް ބޭނުންވޭ. އެހެންވީމަ ގިނަ ފްލޯތައް ރެވިނިއު މޭކް ކުރާނެ ފްލޯތަކަކަށް ވެގެންދާނީ، އެ ފައިސާ ހަރަދު ކުރެވިގެން ދާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނުގައި ރާއްޖޭގެ ހަމަ މިސަރަހައްދުގެވެސް ފުޓްބޯޅައަށް އޮތް އެންމެ ވަރުގަދަ ތަނަކަށް ހެދުމުގެ މަސައްކަތުގައި،" ބައްސާމް ވިދާޅުވި އެވެ.

ފުޓްސަލް އެރީނާގެ މަސައްކަތްކުރާއިރު އެފްއޭއެމްގެ ވިސްނުން ހުރީ ހިއްކި ބިމުން ލިބިފައިވާ 17،000 ފޫޓުގެ މި ބިމުގައި ހަތަރު ބުރި އަށް މި އިމާރާތް ކުރާއިރު، އެއް ބުރީގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް އެރީނާއެއް އަޅަން ކަމަށެވެ. އަދި އަނެއް ބުރީގައި ޓްރެއިނިން އާއި ކަންތައްތަކަށް ހާއްސަކުރާއިރު، ދެން އޮތް ދެ ބުރީގައި އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމްކުރާނެ އެވެ.

ތިންވަނަ ޕްރޮޖެކްޓަކަށް ސްކައި ވިންޑް ގުލޯބަލްއިން އަޅާ 20 ދަނޑުގެ ތެރެއިން ތިން ދަނޑު ހާއްސަ ކޮށްފައި ވަނީ މާލޭ ސަރަހައްދަށެވެ. އެ ތިން ދަނޑަކީ ކުޅިވަރު އެކުވެނީގައި އަޅާ ޓާފް ދަނޑު، ވިލިމާލޭގައި އަޅާ ޓާފް ދަނޑު އަދި، ހުޅުމާލޭގައި ހުޅުވާ ފުޓްބޯޅަ ސްކޫލްގެ ދަނޑެވެ. ބާކީ 17 ދަނޑު އަޅާނީ ރާއްޖޭގެ އެކި ސަރައްހަދުތަކަށް ހާއްސަކޮށްގެން އެކި ރަށްރަށުގަ އެވެ.

"މި 20 ދަނޑު ހެދުމާއެކީގައި އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ދިވެހި ޕްރިމިއާ ލީގް އަތޮޅު ތެރެއަށް ފުޅާ ކުރުމުގެ ވިސްނުން،" ބައްސާމް ވިދާޅުވި އެވެ. "ގާތްގަނޑކަށް 10 ވަރަކަށް އަހަރުގެ ވިސްނުމަކަށް ވިސްނާފަ އަޅުގަނޑުމެން މިއޮތީ." ބައްސާމް ވިދާޅުވި އެވެ.

comment ކޮމެންޓް