ތަހުގީގާ މެދު ވަކީލުން ދޮގުހަދާނަމަ ބާ ކައުންސިލުން މައްސަލަ ބަލާނެ: ޕީޖީ ޝަމީމް

ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ގާނޫނީ ވަކީލުން ދޮގު ހަދާނަމަ، އެ މައްސަލައެއް ބާ ކައުންސިލުން ބަލާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެފައި ވަނީ ކުރީގެ ޕީޖީ މުހުތާޒް މުހުސިން އާއި ބާ ކައުންސިލްގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަހްމަދު މުއިއްޒު އާ ބައްދަލުކުރެއްވުމަށްފަހު، ދެ ބޭފުޅުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓުކުރައްވަ އެވެ.

އެ ޓުވީޓުގައި ޕީޖީ ވިދާޅުވީ ގާނޫނީ ވަކީލުންގެ ދައުރަކީ ދޮގު ހަދާ އޮޅުވާލުން ނޫން ކަމަށާއި، ވަކީލުންގެ މަސައްކަތަކީ އިންސާފުވެރި ކަމާއެކު ޝަރީއަތް ހިނގާކަން ކަށަވަރުކުރުން ކަމަށެވެ.

"ފުލުސް ތަހުގީގާ ބެހޭގޮތުން ވަކީލުން ދޮގުހަދާނަމަ، ބާ ކައުންސިލުން އިން އެމައްސަލަ ބަލާނެ،" ޕީޖީ ވިދާޅުވި އެވެ.

ޝަރުއީ ނިޒާމަށް އޮތް އިތުބާރު އިތުރުކުރަން ބާ ކައުންސިލްގެ ދައުރު ބޮޑުކަން ޕީޖީ ވަނީ ފާހަގަކުރައްވައިފަ އެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުންނާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އިހުތިސާސް ލިބިގެންވަނީ އެ ކައުންސިލަށެވެ.

ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ބާ ކައުންސިލުންނެވެ.

ޝަމީމް އެގޮތަށް ވިދާޅުވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުލުހުން މިހާރު ހިންގަމުން ގެންދާ ތަހުގީގާ ގުޅޭ ގޮތުން އެމަނިކުފާނުގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދޮގު މައުލޫމާތު އާންމު ކުރައްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް