ރާއްޖޭގެ އިގްތިސާދު ހަތަރު އަގޮޅިއެއްގައި! ދެން ވާނީ ކިހިނެއް؟

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ މަހެއްހާ ދުވަސްކުރިއަށް ޖެހިލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފެނުނީ ޓޫރިސްޓުން ތޮއްޖެހި ފުރި ބާރުވެފައި ވަނިކޮށެވެ. ޓެކްސީތައް ކޮޅުކޮޅަށް ދުއްވަމުން ދިޔައީ ޓޫރިސްޓުން ބަރާކޮށް ފުރާލައިގެންނެވެ. މާލެއިން ފުރާ ފެރީ ގިމަތަތަކުގައި ވެސް ފެނުނީ އެކި ގައުމުތަކުގެ ޓޫރިސްޓުން ގިނަވެފައިވާ ތަނެވެ. އެކަމަކު އެ ހުރިހާ މަންޒަރެއް އެކީ ބަދަލުވީ، ޗައިނާގެ ވޫހާންއިން ފެތުރި އެތައް ބަޔަކު މަރާލި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެ ނައުމަށް ސަރުކާރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވީ ހިސާބުންނެވެ.

ޓޫރިސްޓުން ތޮއްޖެހިފައި އޮތް މި ތަންތަން މިހާރު ފެންނަނީ ގާތްގަނޑަކަށް ފަޅުވެފައިވާ ތަނެވެ. ޓޫރިސްޓުން ފެންނަލެއް ވަރަށް ވެސް މަދުވެއްޖެ އެވެ. ކޮރޯނާވައިރަހުގެ ވޭން އިގްތިސާދުގައި އަޅަމުން ދަނީ ކިހާ ވަރަކަށް ހެއްޔެވެ؟ އޭގެ އަސަރު އަހަރުމެންގެ ޖީބަށް ކުރީ ކިހާވަރަކަށް ހެއްޔެވެ؟

"އަހަރުމެން މީގެ ކުރިން ޓެކްސީ ކިޔުއަށް އެރީ ހަމަ ވަގުތުން ޕެސެންޖަރެއް ލިބޭ. ޓޫރިސްޓެއް އާންމުކޮށް ހުޅުމާލެއަށް ނޫނީ މާލޭ ގެސްޓްހައުސައަކަށް ގެންނަން ދަތުރެއް ލިބޭ. އެކަމަކު މިހާރު މިތަނަށް [އެއާޕޯޓްގައި] ކިތަންމެ އިރެއްގައި ކިޔޫގައި ތިބޭ އިރުވެސް ދަތުރެއް ނުލިބޭ،" އާންމުކޮށް އެއާޕޯޓުން ދަތުރުތައް ނަގާ، ޓެކްސީ ޑްރައިވަރަކު ބުންޏެވެ. "ހަމަ ގައިމުވެސް، އަހަންނަށް މިކަމުން [ވައިރަހުގެ ސަބަބުން] އެނގުން ވެއްޖެ،"

ޖެނުއަރީ 29، 2020: ޓޫރިސްޓުންތަކެއް އެއާޕޯޓްގައި: ޗައިނާގެ މާކެޓް ރާއްޖެއަށް ވަނީ އެކީ ގެއްލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ-ރާއްޖެ ސީދާ ދަތުރުތައް މެދުކަނޑާލުމާއި، ޗައިނާއިން ރާއްޖެއަށް މީހުން އައުން މަނާކުރުން ފަދަ ފިޔަވަޅުތަކުން ޔަގީނަށް ވެސް، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ޓޫރިޒަމަށް ލޮޅުން އަންނާނެ އެވެ. އެ ލޮޅުން މުޅި އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް އަންނާނެ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ޗައިނާ މާކެޓް ވެސް މި ވަނީ އެކީ ގެއްލިފަ އެވެ.

40،000 ބުކިންސް ކެންސަލް، 23 ޕަސެންޓް ދަށަށް!

ފެބުރުއަރީ މަހުގެ ޓޫރިސްޓް އެރައިވަލް ތަފާސްހިސާބުތަކަށް ބަލާއިރު، 23 ޕަސެންޓްގެ ކުރިއެރުމެއްގައި ހުރި ޗައިނާ މާކެޓް މިވަނީ، 95 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޗައިނާއިން އެވްރެޖްކޮށް 20،000 އެއްހާ ޓޫރިސްޓުން މަހެއްގެ މައްޗަށް ރާއްޖެ އަންނަމުން ދިޔަ އެވެ. އެކަމަކު މިހާރު އެ އަދަދު ވެއްޓިފައި ވަނީ ސުމަކަށެވެ. އަދި ކުރިއަށް އޮތް އެތައް މަސްތަކަކަށް އެކަން ދެމިގެން ދާނެ އެވެ.

ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިޓަލީގައި ވެސް ކޮރޯނާ ވައިރަސް މި ވަނީ ބާރަށް ފެތުރެން ފަށައިފަ އެވެ. އެއާ އެކު، އިޓަލީއިން އަންނަ ޓޫރިސްޓުން ވެސް މަދުވެގެން ދާނެ ކަމަށް ލަފާވެ އެވެ. ގާތްގަނޑަކަށް 10 ޕަސެންޓްގެ ކުރިއެރުމެއްގައި ހުރި އިޓަލީ މާކެޓް ވަރަށް ބޮޑުތަނުން ދަށްވާނެ ކަމަށް މިވަނީ ބެލެވިފަ އެވެ. ތަފާސްހިސާބުތަކަށް ބަލައި ލަފާކުރާ ހިސާބެއް ޖަހާނަމަ ރާއްޖެއަށް 9،500 އެއްހާ ޓޫރިސްޓުން މަހެއްގެ މައްޗަށް ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ، ގާތްގަނޑަކަށް 50 ޕަސެންޓްގެ ދަށްވުމަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބަކަށް ވަނީ، އިޓަލީގައި އެންމެ ބޮޑަށް ކޮރޯނާ ފެތުރެނީ، އެ ގައުމުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އުތުރު އިޓަލީންނެވެ.

"ކޮސްޓާ ވިކްޓޯރިއާ" ކްރޫޒަލައިނަރުން އައި ފަތުރުވެރިން އިއްޒުއްދީން ފާލަން ސަރަހައްދުގައި: ދުރުން ފެންނަނީ ކޮސްޓާ ވިކްޓޯރިއާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މީގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމްގެ ހަ ވަނަ މާކެޓް ކަމަށްވާ ޖަރުމަނުގައި ވެސް ކޮރޯނާ ވައިރަހުގެ ބިރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ގައުމުން ވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް 10،000 ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. އެކަމަކު ދެން އެ މާކެޓް ވެސް ރަނގަޅު ވެދާނެ ކަމަކަށް ނުބެލެވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ވިޔަފާރިވެރިޔަކު "ސަން"އަށް ވިދާޅުވީ މިއަހަރު ފެށުނީ ޓޫރިޒަމަށް ވަރަށް އުޖާލާ އަހަރެއްގެ ގޮތުގައި ކަމަށެވެ. އަދި ޗައިނާގެ މާކެޓް އެކީ ގެއްލިގެން ދިޔުުމުން، ލިބުނު ގެއްލުމުން އަރައިގަނެވޭނެ ކަމަށް ބެލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކަށް ކޮރޯނާ ވައިރަސް ވަރަށް ބޮޑަށް ފެތުރި، މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭ ޔޫރަޕް މާކެޓްތަކުން ކެންސަލޭޝަން އަންނަވަރު ވަރަށް ގިނަ ކަމަށް ވެސް ވިދާޅުވި އެވެ. އެ ވިޔަފާރިވެރިޔާ މިހާރު ހުރީ ދެން ވާނެ ގޮތެއް ނޭނގި އެ ކަންބޮޑުވުމުގަ އެވެ.

"މިހާރު ވަރަށް ބޮޑަށް ކަންބޮޑުއެބަވޭ. މީގެ އިމްޕެކްޓް ލަފާކުރަން ވެސް ނޭނގޭހާ ބޮޑުވާނެ. އިޓަލީ ޖަރުމަން ހުރިހާ ތަނަކަށް އެ ވައިރަސް މި ފެތުރެނީ. ރާއްޖޭގެ ކީ މާކެޓްތައް އެއީ. ވަރަށް ނުބައި ފައްތަރަކަށް މިދަނީ،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "މީގެ އިމްޕެކްޓްތައް ދެތިން ހަތަރު މަހެއް ތެރޭގައި ވަރަށް ބޮޑަށް ފެންނާނެ. އަޅުގަނޑުމެން މިތިބީ ބަލަން،"

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފެބުރުއަރީ މަސް ނިމުނު އިރު ޓޫރިޒަމް ވަނީ 23.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ކެންސަލޭޝަންގެ އަދަދު މި ވަނީ، 40،000 އަރައިފަ އެވެ. މީގެ ކުރިން ރާއްޖޭގެ ޓޫރިޒަމް ގްރޯތް މަހެއްގެ މައްޗަށް، 10 ވަރަކަށް ޕަސެންޓްގައި ހުންނަނީ ހިފެހެއްޓިފަ އެވެ. ސީޒަން ވެއްޖެ ނަމަ އެ އަދަދު 15 ވަރަކަށް ޕަސެންޓަށް ވެސްދެ އެވެ.

ޓޫރިޒަމަށް ކުރާ މި ބޮޑު އަސަރު ރާއްޖޭގެ މުޅި އިގްތިސާދަށް ކުރާނެ އެވެ. އެ ގެއްލުމުގެ އަސަރު މުޅި އިގްތިސާދަށް ފެތުރިގަންނަން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. ޔޫރަޕްގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާ އެކު އާ ފިޔަވަޅެއްގެ ގޮތުން، ކްރޫޒްްލައިނާތައް ރާއްޖެ އައުން ސަރުކާރުން މިހާރު ވަނީ ހުއްޓުވައިފަ އެވެ. އެއާ އެކު ޓޫރިޒަމް ކެންސަލޭޝަންތައް އަދި އިތުރަށް ގިނަވާނެ އެވެ.

މާލެ ކައިރީގައި މަޑުކޮށްފައި އޮތް ކޮސްޓާ ވިކްޓޯރިއާ ކްރޫޒްލައިނަރު -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ރާއްޖެއަށް ގިނަ ޔޮޓްތައް ގެންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކްރޫޒް ލައިނާތައް ރާއްޖެ އައުން ހުއްޓާލުމާ އެކު 12،000 ކެންސަލޭޝަން އަންނާނެ ކަމަށް ބެލެވެ އެވެ. ސަބަބަކަށް ވަނީ ރާއްޖެ އަންނަ ބައެއް ޓޫރިސްޓުންނަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ވަކި ހިސާބަކުން ކުރޫޒްލައިނާތަކަށް އަރާ މީހުން ކަމަށް ވާތީ އެވެ. އެގޮތަށް ޕެކޭޖްތައް ވިއްކުން މި ފަހުން ވަނީ އާންމުވެފަ އެވެ. އެއާ އެކު، ރާއްޖޭގެ ޓޫރިޒަމް އެރައިވަލް އިތުރަށް ދަށަށް ދާނެ އެވެ.

"މިއީ ހަމަ މުޅި އިންޑަސްޓްރީއަށް އަންނަ ހީނަރުކަމެއް. ޔޮޓް ނައުމަކީ އޭގެ ޒާތުގައި ރާއްޖޭގެ ޓޫރިޒަމް އެރައިވަލްއަށް ހީވެސް ނުކުރާވަރުގެ އަސަރު އަންނާނެ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

އަސަރު ދައުލަތަށް: 872 މިލިއަން ރުފިޔާ މަދު!

އިގްތިސާދަށް އަންނަ ތަދުގެ ފުރަތަމަ ބަދަލު ފެންނަނީ، ދައުލަތުގެ އާމްދަނީއިންނެވެ. އެގޮތުން ޓޫރިޒަމްގެ ސިނާއަތާ ގުޅުން ހުރި ދައުލަތުގެ އާމްދަނީއަށް ފެބުރުއަރީ މަހު ވަނީ އެނގުންވެފަ އެވެ. އެގޮތުން އެއާޕޯޓް ސާވިސްޗާޖާއި، އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ވަނީ ދަށްވާން ފަށައިފަ އެވެ. ޓީޖީއެސްޓީ އާއި ގްރީން ޓެކުހުން އެ ބަދަލު ފެންނަން އަދި ދެތިން މަހެއް ނަގާފާނެ އެވެ.

ޑިސެމްބަރު 15، 2019: ފިނޭސް މިނިސްޓަރު އަމީރު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފެބުރުއަރީ 20 ވަނަ ދުވަހާ ހަމަޔަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ، 2.79 ބިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، ލިބުނު އާމްދަނީއަށް ވުރެ 872 މިލިއަން ރުފިޔާ މަދު، 23 ޕަސެންޓްގެ ދަށްވުމެކެވެ.

އާމްދަނީއަށް ކުރި އަސަރު:

  • އެއާޕޯޓް ސާވިސް ޗާޖް - 106.2 މިލިއަން ރުފިޔާއަށް ވެއްޓުނު
  • އެއާޕޯޓް ޑިވަލޮޕްމަންޓް ފީ - 107.4 މިލިއަން ރުފިޔާއަށް ވެއްޓުނު

ދައުލަތުގެ އާމްދަނީ ދަށްވާ ނަމަ، އޭގެ އަސަރު މުޅި އިގްތިސާދަށް ކުރުމުގެ ފުރުސަތު އޮވެ އެވެ. ހާއްސަ ގޮތެއްގައި، އިގްތިސާދެއް ޑްރައިވް ކުރާ އެންމެ މުހިންމު ބައިވެރިއަކީ ސަރުކާރެވެ. އާމްދަނީއަށް އަސަރު ކުރާ ވަރަކަށް މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ސަރުކާރުގައި ކުޑަވެ އެވެ. ސަރުކާރުގެ މުއްބާރުކޮށް ހަރަދުތައް ކުޑަކުރަން މަޖުބޫރުވެ އެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ބޮޑު ހިއްސާދާރަކީ، ސަރުކާރަށް ވާއިރު މި ހާލަތާ އެކު އާ ވަޒީފާތަކަށް މީހުން ނެގުން ސަރުކާރުން މި ވަނީ މަޑުޖައްސާލައިފަ އެވެ. އެއާ އެކު، ވަޒީފާ އުފެދޭ އަދަދު ދަށަށްދެ އެވެ. މި ހުރިހާ ކަމަކުން އިގްތިސާދުގައި އެނބުރޭ ފައިސާ މަދުވުމެވެ. އާންމުންގެ ޖީބު އޭގެ ސަބަބުން ފަގީރުވެގެން ދެ އެވެ. އާންމުން ހޭދަ ކުރަން ހުންނަ ފައިސާ މަދުވެ ވިޔަފާރިތަކުގެ ވިކުރާ ދަށްވެ، މުޅި އިގްތިސާދަށް އޭގެ އަސަރު ކުރެ އެވެ.

އެއާލައިންތަކަށް ބޮޑު ގެއްލުމެއް! ފްލައިޓްތައް މަދުކުރަނީ!

ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ހުރިހާ ސިނާއަތްތަކެއް ގުޅިލާމެހެނީ ޓޫރިޒަމާ އެވެ. މިސާލަކަށް، ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް އޮތީ، ޓޫރިޒަމަށް ބިނާވެފަ އެވެ. ރާއްޖޭގެ އެއާލައިންތަކުގެ އެތެރޭގެ އުދުހުންތަކުގެ ވަރަށް ބޮޑު ބައެއް ދަނީ ޓޫރިސްޓުން އެއްތަނުން އަނެއް ތަނަަށް އުފުލުމުގަ އެވެ. ކޮރޯނާ ވައިރަހާ އެކު މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް އަސަރު ކުރި ދާއިރާއަކީ އޭވިއޭޝަންގެ ދާއިރާ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، ޗައިނާއަށް ކުރަމުން ދިޔަ އެއާ-ބަސް އޮޕަރޭޝަންގެ ދަތުރުތައް އެކީ ހުއްޓާލަން ޖެހުމުން 12 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޑޮމެސްޓިކް ދަތުރުތަކުގެ އާމްދަނީއިން 25 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގެއްލުންތައް ކުޑަކުރަން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް ކުންފުނީގެ އިދާރީ ހަރަދުތައް ވީހާވެސް ކުޑަކުރަން ކުންފުނިން ވިސްނާފައިވާ ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް މި އެފެކްޓް ކުރަނީ އޭވިއޭޝަން ދާއިރާއަށް. އެހެންވެ، އެ ދަތި އަޅުގަނޑުމެންނަށް ވެސް އެބައޮތް. ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދައްކައިގެން މި ދިމާވާ ދަތިތަކުގެ އަމަލު ކުރެވޭނެ ގޮތް މި ދަނީ ބަލަމުން، އޮޕަރޭޝަން ކޮސްޓް ކުޑަކުރަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަން ބަލާނެ،" ރިޒްވީ ވިދާޅުވި އެވެ.

އެހެން އެއާލައިންތަކުން ވެސް "ސަން"އާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި، އެ އެއާލައިންތަކުގެ އާމްދަނީ އަންނަނީ ދުވަހެއް ދުވަހަކަށް ދަށަށް ދަމުންނެވެ. އެހެންވެ، ފްލައިޓްތައް މަދުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެއާލައިންތަކުން ބުންޏެވެ.

"އަޅުގަނޑުމެން ފްލައިޓް އަޅާވަރު މަދުކޮށްލަން ޖެހޭނީ މި ރެވެނިއު ދަށްވަމުންދަންޏާ. އެއީ އަޅުގަނޑުމެންގެ ކޮސްޓް އޮފް އޮޕަރޭޝަން ދަށްކުރަން އެބަޖެހޭ،" އެއާލައިނެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުގެ ތެރެއިން ދެން އަސަރު ކުރަމުން އަންނަނީ ހޯލް ސޭލް ވިޔަފާރިތަކަށެވެ. ސަބަބަކަށް ވަނީ، ރިސޯޓްތަކުގެ ސަޕްލައި މަދުކުރަން ޖެހުމެވެ. އެއީ ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމުގެ ސަބަބުން ކަމަށް އެ ދާއިރާގެ ވިޔަފާރިވެރިން ވިދާޅުވި އެވެ.

ޖެނުއަރީ 10، 2020: މީގެ ކުރިން ބޭއްވި ނައިޓްމާކެޓެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ގިނަ އަދަކަށް މުދާ އެތެރެކޮށް ހޯލް ސޭލް ކުރާ ވިޔަފާރިވެރިއަކު "ސަން"އަށް ވިދާޅުވި ގޮތުގައި، ބޭރުން މުދާ ގެނައުމުގެ ދަތިތައް ވެސް ވަރަށް ވެސް ބޮޑެވެ. ސަބަބަކަށް ވަނީ، ދުނިޔޭގެ ދަތުރުފަތުރަށް ބުރޫ އަރާފައިވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި އާމްދަނީއަށް އަންނަނީ ހީނަރުކަން އަންނަމުންނެވެ. އަދި އެކަން ބޮޑަށް ފެންނާނީ ކުރިއަށް އޮތް ކުއާޓަރު (ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި) ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އިމްޕެކްޓް ވަރަށް ވަރަށް ބޮޑުވާނެ ކަމަށް އަޅުގަނޑަށް މި ލަފާކުރެވެނީ. އެހެންވެ، އަޅުގަނޑުމެން ވެސް މިތިބީ ވާނުވާގައި. އެބަ އަސަރުތައް މިހާރުވެސް ކުރޭ،" ވިޔަފާރި ވެރިޔާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިބަލަނީ ޕެނިކް ވެގެން ފިޔަވަޅު ނާޅައި މި ވާގޮތް ބަލާފައި ފިޔަވަޅު އަޅަން،"

މި ދަތިކަމުން އަރައިގަނެވޭނެތަ؟

މިއީ މުޅި ރާއްޖެއަށް އެކަނި ކުރިމަތިވާނެ ތަދުކަމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ވެސް، ވަނީ އެ ގައުމުތަކުގެ އިގްތިސާދު އަޑިއަޅާލާނެ ކަމަށް ލަފާކޮށްފަ އެވެ. ދުނިޔޭގެ މާލީ ބާޒާރުގެ ސެންޓަރު ސިންގަޕޫރުން ވަނީ އެ ގައުމުގެ އިގްތިސާދުގެ ކުރިއެރުން -0.5 އަށް ދާނެ ކަމަށް ލަފާކޮށްފަ އެވެ. އެއީ އިގްތިސާދީ ވިސްނުމުގައި ރެސަޝަން ނޫނީ އިގްތިސާދީ ކާރިސާގެ ހާލަތަކެވެ. މީގެ ކުރިން މުޅި ދުނިޔެއަށް 2008 ގައި ކުރިމަތިވި މާލީ ކާރިސާގައި ދަށަށް ދިޔަވަރަށް ދުނިޔޭގެ ހިއްސާގެ ބާޒާރުތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

މި ހާލަތުގައި އިގްތިސާދުތައް ކުރިއަށް ގެންދިޔުމަށް ގައުމުތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. ހާއްސަކޮށް ވިޔަފާރިތަކަށް ލުއިތައް ދީ އިގްތިސާދުގައި އެނބުރޭ ފައިސާ އިތުރު ކުރަން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ޖޫން 18، 2015: ބާޒާރުމަތީގައި ވިޔަފާރިވެރިން -- ސަންފޮޓޯ/ އަހުމަދު ޝަރުވާން

އެގޮތުން އިންޓަރެސްޓް ރޭޓްތައް ކުޑަކުރުމާއި، ކޯޕަރޭޓް ޓެކްސް ރޭޓްތައް ކުޑަކުރުން ފަދަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ބޭނުމަކީ ވިޔަފާރިތަކަށް ދޫ ދީގެން އިގްތިސާދު ކުރިއެރުން ދަށަށް ނުގޮސް ހިފަހައްޓައި އިގްތިސާދީ ހަރަކާތްތައް އިތުރުކުމެވެ.

ނަމަވެސް އިގްތިސާދީ ގޮތުން، ރާއްޖޭގައި އަދި ފެންނަނީ ވިޔަފާރިތަކަށް އުނދަގޫވާނެ ފަދަ ފިޔަވަޅުތަކެވެ. މިސާލަކަށް މިނިމަމް ވޭޖް އާއި އިންކަމް ޓެކްސް ފަދަ އިގްތިސާދަށް ލޮޅުން ފަދަ އާ ކަންކަން ސަރުކާރުން ތައާރަފް ކުރަން ބޭނުންވެ އެވެ. އެކަމަކު މިއީ އެ ދަނޑިވަޅު ހެއްޔެވެ؟ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި އިތުރަށް ވިޔަފާރިތަކަށް އުނދަގޫވާނެ ފިޔަވަޅުތަކެއް އެޅުމުން އިގްތިސާދަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޔަގީނަށް ވެސް ރާއްޖޭގެ އިގްތިސާދު މިއޮތީ، ވާނުވާ ނޭނގޭ ހަތަރު އަގޮޅިއެއްގަ އެވެ. ރާއްޖޭގެ އިގްތިސާދުން މި ހާލަތުން އަރައި ގަންނަން ސީރިއަސް ވިސްނުންތަކެއް ބޭނުންވެ އެވެ. އެކަމަކު އަދިއެއް އެ ވިސްނުމެއް ނުފެނެ އެވެ.

comment ކޮމެންޓް