ބެކަމްގެ ކުލަބުން ހުށައެޅުންތައް އަޔަސް ރޮނާލްޑޯ ބޭނުމީ ޔުވެންޓަސްގައި މަޑުކުރަން

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ//ރަޔަން ބެންސަން

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ފްރެންޗައިސްއެއް ކަމަށްވާ އެމެރިކާގެ އިންޓަ މައިއޭމީ ކުލަބުން ހުށައެޅުންތައް އައި ނަމަވެސް އިޓަލީގެ ޔުވެންޓަސްގައި މިވަގުތު މިހުރީ އުފަލުން ކަމަށް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އެމެރިކާގެ މޭޖަރ ސޮކާ ލީގަށް އަލަށް ކޮލިފައިވި އިންޓަ މައިއޭމީ ފުރަތަމަ ފަހަރަށް އެ ލީގުގައި މެޗެއް ކުޅޭނީ މިރޭ ލޮސް އޭންޖްލެސް އެފްސީއާ ދެކޮޅަށެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑަށާއި ރެއާލް މެޑްރިޑް އަދި އިންޓަ މިލާންގެ އިތުރުން ޕީއެސްޖީއަށް ވެސް ކުޅުނު ބެކަމް އެ ކުލަބު ގަތީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.

ކުލަބެއް އެންމެ ދަށުން މައްޗަށް ނެގުމަކީ އުނދަގޫކަމެއް ކަމަށް ކުލަބާއި ހަވާލުވަމުން ވެސް ބެކަމް ބުނި އިރު ދެ އަހަރުގެ ދުވަހުގެ ތަރޭގައި ބެކަމް ވަނީ އިންޓަ މައިއޭމީއަށް ރަނގަޅު ފެންވަރެއްގެ ޓީމެއް ބިނާ ކޮށްދީފަ އެވެ. އަދި ޔޫރޮޕުގައި ކުޅޭ މަޝްހޫރު ބައެއް ކުޅުންތެރިން ވެސް ހޯދުމުގެ މަސައްކަތް އެކުލަބުން ފަށާފައިވާއިރު އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ޔުވެންޓަސްގެ ފޯވާޑް ރޮނާލްޑޯއާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ވެސް އެކުލަބަށް ގެންދިއުން ކަމަށް ބެކަމް ވަނީ ބުނެފަ އެވެ.

"ވަރަށް ބައިވަރު ކުޅުންތެރިންނާ ވާހަކަ ދެކެވެމުން ދަނީ ކުލަބަށް އައުމަށް ޓަކައި، އެކަމަކު ކުލަބުގެ ވެރިއެއްގެ ހައިސިއްޔަތުން އަހަރެން ބޭނުން ވަނީ އެންމެ މޮޅެތި ކުޅުންތެރިން ކުލަބަށް ގެންނަން. މިސާލަކަށް ރޮނާލްޑޯއާއި މެސީ އަކީ ވެސް ކުލަބުގެ އަމާޒެއް. އެއީ އަހަރެން ވަރަށް ވެސް ގަޔާވާ ދެކުޅުންތެރިން. އެ ކުޅުންތެރިން މުސްތަގުބަލުގައި މި ކުލަބުން ފެނުމަކީ އެކަށީގެންވާ ކަމެއް،" ބެކަމް ބުންޏެވެ.

އެކަމަކު ވޭތުވެ ދިޔަ އަހަރުތަކުގައި އެންމެ ގިނަ ކުލަބުތަކަކުން ހުށައެޅުން އައި އެއް ކުޅުންތެރިޔާ ކަމަށްވާ އުމުރުން 35 އަހަރުގެ ރޮނާލްޑޯގެ ހިޔާލު ހުރީ ތަފާތުކޮށެވެ. ރޮނާލްޑޯ ބުނީ އެމެރިކާގެ ލީގުންނާއި އެހެނިހެން ކުލަބުތަކުން ހުށައެޅުންތައް އައި ނަމަވެސް އަދި ހިޔާލު ހުރީ ޔުވެންޓަސްގައި މަޑުކުރުމަށް ކަމަށެވެ.

"އަހަރެން މިހުރީ އިޓަލީގެ އެންމެ މޮޅު ކުލަބުގައި އުފަލުން. މޮޅެތި ކުޅުންތެރިންތަކަކާ އެކު މިދިޔަ އަހަރުވެސް ގިނަ ތަށިތަކެއް ޔުވެންޓަސް ހޯދައިފި. މިފަހަރުގެ އަމާޒަކީ ވެސް އެއީ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އިންޑވިޖުއަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ މިވަގުތު ޔުވެންޓަސްގައި ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންނެވެ. އަދި ޔުވެންޓަސްއަށް އައީ ގިނަ ގޯލުތަކެއް ޖަހައި ތަށިތަކެއް ހޯދުމަށް ކަމަށާއި އެކަން ދަނީ ހާސިލް ވަމުން ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އުމުރުން 35 އަހަރުގައި 1000 މެޗު ހަމަކުރުމަކީ ފަސޭހަކަމެއް ނޫން. އަދި މިހިސާބުން ނިމުނީއެއް ވެސް ނޫން. އަދި އެތައް މެޗެއް ކުޅުމަށް އުންމީދު އެބައޮތް."

comment ކޮމެންޓް