ޕީޕީއެމްގެ ޖަލްސާގައި ޔާމީން ވިދާލައިފި

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ-- ފޮޓޯ: ފިރާޝް

"އަޅުގަނޑު އެންމެ ފުރަތަމަ ވެސް ދައްކަން ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަން ބޭނުންވާ ވާހަކައަކީ މި ސަރުކާރުން ދައްކަމުންދާ ބިރަށް ނުސިހި މި ސަރުކާރު ކުރިމަތީ ކުޑަކަކޫ ނުޖަހައި ތި ލޮބުވެތި ރައްޔިތުން މި ތަނަށް އެއްވެ ވަޑައިގެންނެވީ ތީ ހިތްވަރޭ ތިޔަށް ކިޔަނީ ކެރުން. ތިޔަށް ކިޔަނީ އިހުލާސްތެރިކަން. ތިޔަށޭ އަޅުގަނޑުމެން ބޭނުން ވަނީ"

ރޭ ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ގުގުމާލީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސެިން ޔާމީން މުހައްމަދުގެ އަޑެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި ވެެސް އޭނާ ވާދަކުރައްވަ އެވެ. އޭނާއަކީ މިހާރު ވެސް ގުރައިދޫ ކައުންސިލްގެ ރައީސް އެވެ.

ކުރިން މާ ދަންނަ ފަރިތަ މޫނެއް ނޫން ނަމަވެސް ޔާމީންގެ ވާހަކަތަކާ އެކު ޕީޕީއެމްގެ ޖަލްސާގެ ޖޯޝު ގަދަވި އެވެ. ޕީޕީއެމްގެ ސަޕޯޓަރުންގެ ސޯޝަލް މީޑިއާގައި ވެސް މިހާރު ޔާމީންގެ އަޑު ވަނީ ގަދަވެފަ އެވެ. ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ސަޕޯޓަރުން ޔާމީން އުފުލާލައިގެން އުޅޭ މަންޒަރު ފެނުނެވެ.

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ޔާމީން އުފުލާލައިގެން-- ފޮޓޯ: ފިރާޝް

މީގެ ކުރިން އެމްޑީޕީން ކާނިވަލުގައި ބޭއްވި ޖަލްސާއަށް ލިބުނީ ފިނި ތަރުހީބެކެވެ. ގިނަ ގޮނޑިތައް އޮތީ ހުސްކޮށެވެ. ނަމަވެސް ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއޮތީ އެއްކޮށް ފުރިފަ އެވެ.

ޕާޓީގެ ސަޕޯޓަރުންނާ މުޙާތަބުކޮށް ޔާމީން ވިދާޅުވީ ޖަލްސާއިން ޕީޕީއެމްގެ ސަޕޯޓް އެނގިއްޖެ ކަމަށެވެ. އެމްޑީޕީއަށް މަލާމާތުގެ ރާގެއްގައި ޔާމީން ބުނީ ޗެނަލް 13 އިން ގެނެސްދޭ މަޑިސީލަ ޕްރޮގްރާމް ވެސް އެމްޑީޕީއަށް ހަޖަމް ނުވާ ކަމަށެވެ. އެހެންކަމުން ރޭގެ ބޮޑު ޖަލްސާ އެމްޑީޕީއަށް ހަޖަމްވާނެތޯ އޭނާ ސުވާލުއުފެއްދެވި އެވެ.

ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ މުޅި ގައުމު މިހާރު އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ، ގައުމު އަލުން ކުރީގެ ހާލަތަށް ރުޖޫއަ ކޮށްދެވޭނީ ޕީޕީއެމްއާއި ޕީއެންސީގެ ލަޝްކަރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ގައުމު ސަލާމަތްކުރުމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި ޕީޕީއެމްއަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

ގައުމުގެ ނާޒުކު ކާލަތު ބަޔާންކުރަމުން ޔާމީން ވިދާޅުވީ ރާއްޖެ މިހާރު "ކާޑަށް ޖެހި" ގައުމުގެ ރައުސުލް މާލު ވެސް މިހާރު ހުސްކޮށްލައިފައިވާ ކަމަށެވެ. ނުވިތާކަށް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލި އަވަށްޓެރި އިންޑިއާއަށް މުޅި ގައުމު ސަރުކާރުން ވިއްކާލައިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ހޮޅި ފިކުރެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ފިކުރަކީ ބިނާ ކުރާ ފިކުރެއް ކަމަށެވެ. އެ ފިކުރަކީ ތަރައްގީގެ ފިކުރުކަން ފާހަގަކޮށް ވެއްޓިފައިވާ އަނދަވަޅުން ގައުމު އަރައިގަނެވޭނީ ވެސް ހަމަ އެފިކުރު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޔާމީން ސިފަކުރެއްވީ ހިތްތަކުގެ ރައީސްގެ ގޮތުގަ އެވެ. އެމަނިކުފާނު މިނިވަންކޮށް ކުށެއްނެތްކަން ސާބިތުވާނެކަމަށް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް