ހަނާ ރިވިއު: ސާދާ ދިވެހި ޑްރާމާއެއް، ބޭކާރު ފުށުއެރުންތައް!

ހަނާ ގެ ޕޯސްޓަރެއް---

މިއީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ފިލުވުމުގެ ދާއިރާއަށް ވަރުގަދަ އަހަރެކެވެ. މަޝްހޫރު ގިނަ ފަންނާނުންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް މިހުރީ ފަތިފައްޗަށް އަމުނާލައި ތަރުތީބުވެފަ އެވެ. އާ ހުނަރުތަކާއި އާޓު ތަރައްގީކުރުމަށް އެންމެ ބޮޑު ބާރެއް ލިބިފައިވާ އެއް ޕްލެޓްފޯމަކީ ބައިސްކޯފެވެ. އެ ޕްލެޓްފޯމުން ވަނީ ދާދިފަހުން މުޅީން އާ ޝޯއެއް ދައްކަން ފަށާފަ އެވެ. އެއީ ޑްރާމާ ސީރީޒް "ހަނާ" އެވެ. އެ ޝޯއަށް ބެލުންތެރިންގެ އުއްމީދުތަކެއް ހުރި އިރު، އެ އެކްސްޕެކްޓޭޝަނަށް އެ ޝޯއަށް ދެވިއްޖެ ހެއްޔެވެ؟

ޝޯގެ ނަން : ހަނާ

ކްރޫ

  • ޕްރޮޑިއުސަރު - ހުސައިން މުނައްވަރު
  • ޑައިރެކްޓަރު – އަމްޖަދު އިބްރާހީމް (އަމްޖޭ)
  • ބެކް މިއުޒިކް – އައްޔުމަން ޝަރީފް

ކާސްޓު

  • ހަނާ – އާމިނަތު ނޫރާ
  • ޔަނާލް – އަލީ އާޒިމް (ދޮން އައްޔަ)
  • ރިޒާން – އިބްރާހީމް ޖިހާދު (ޖިހާދު)
  • ހަމީދު – އަލީ ޝަމީލް
  • ނާހިދާ – ގުލިސްތާން މުހައްމަދު
  • ފަރީދާ - ފާތިމަތު ލަތީފު

ޕްލޮޓް

ދިވެހި "ޓިޕިކަލް" ރޮމޭންސް ޑްރާމާ ކަމުދާ ފަރާތްތަކަށް ހަނާ ކަމުދާނެއެވެ. އެ ޝޯގެ މައިގަނޑު ޕްލޮޓަކީ ޝޯގެ ނަން ކަމަށްވާ ހަނާގެ ކެރެކްޓަރުގެ ހަޔާތުގައިވާ ކަންތައްތަކުގެ އިވެންޓުތަކެވެ.

އެ ޝޯގައި ހަނާ އަކީ ވަރަށް ފަގީރު އާއިލާއެއްގެ ހުރި ހަމައެކަނި ދަރިއެވެ. ހަނާގެ އާއިލާގައި ހުންނަނީ އޭނާ އާއި އޭނާގެ މަންމަ ފަރީދާ އެކަންކްޏެވެ. ދެމީހުންނަކީ ފަގީރު ދެމައިންނެވެ. ގެއަށް ކޮންމެހެން ބޭނުންވާ އެއްޗެހިވެސް ގިނަ ފަހަރަށް ހުންނަނީ ނުގަނެވިފައެވެ.

ހަނާ ދިރިއުޅޭ ރަށަށް ދެން އަންނަނީ ޔަނާލް އެވެ. ޔަނާލް ރަށަށް ބަދަލުވީ މެލޭޝިއާގައި ފަތުރުވެރިކަމާ ގުޅޭ ދާއިރާއަކުން މާސްޓަސް ހަދައިގެންނެވެ. ޔަނާލް ރަށުގައި އުޅެބޮޑުވެފައި ނުވުމުން ރަށު މީހުންނަށް ޔަނާލް އެއް ނޭނގެއެވެ.

ހަނާ ސީރީޒް ފެށިގެންދަނީ ހަނާ އާއި ޔަނާލް ދިމާވާ ހިސާބުންނެވެ. ދެމީހުންނަށް އެކަކު އަނެކަކު ކަމުދަނީ ހަމަ ވަގުތުންނެވެ. ދެމީހުން އެކަކު އަނެކަކަށް ހިތް ކިޔައެވެ. އެހެންނަމަވެސް ދެމީހުންގެ ލޯބި ކާމިޔާބުވާން އެހާ ފަސޭހައެއް ނޫނެވެ. ދިވެހި ޑްރާމާއެއްގައި ލޯބީގެ "ރިހަގަނޑެއް" ކައްކައި ނުލެވޭނަމަ އެއީ ޑްރާމާއަކަށް ވާނެ ހެއްޔެވެ؟

ހަނާގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް

*ސްޕޮއިލާ އެލާޓް*

ބައި ތަށި ފުރާ – ޝޯގެ ރަނގަޅު!

ޝޯގެ ޕްރިމިއާއަށް ދިޔަ ފަރާތްތަކުންވެސް އިއްތިފާގުވާނެ ފަދައިން، ޝޯހެ ލައިމްލައިޓު އަތުލާފައިވަނީ ޔަނާލްގެ ބައްޕަ ހަމީދާއި މަންމަ ނާހިދާއެވެ. ދެމަފިރިންގެ ޖޯޑު އެހާ ލޯތްބެވެ.

ކައިވެނީގެ އެތައް އަހަރުތަކަކަށްފަހުވެސް ދެމީހުންގެ ދެމެދުގައި ޒުވާން ލޯތްބެއް އޮތުމަކީ ދެމީހުންގެ ގުޅުން ވަރުގަދަކަން ދައްކުވައިދޭ ކަމެކެވެ. ދެމީހުން އެކަކު އަނެކަކުގެ ނިންމުންތަކަށް އިހުތިރާމުކުރެއެވެ. އެކަކު އަނެކަކަށް އިތުބާރުކުރެއެވެ. ރިލޭޝަންޝިޕެއް ހެލްދީ ވާނީ އެވަރަކަށެވެ. ޝޯ ބަލައި ނިންމާފައި ދިޔަ އެތައް ބަޔަކު ބުނަމުން ދިޔައީ ދެމަފިރިންގެ ކެރެކްޓަރު ލީޑަށް ލުމަށެވެ.

އެކްޓިން ގޯހެއް ނޫން!

ހަނާގެ ކާސްޓުން ފެނިގެން ދަނީ ކެމެރާތަކަށް ނުފަރިތަ މޫނުތަކެއް ނޫނެވެ. އެގޮތުން ދޮން އައްޔަ އާއި ޖިމީ އަކީ އެކްޓިންގެ ހުނަރު އެކި ފަހަރުތަކުގެ މަތީން ސާބިތުކޮށްދީފައިވާ ދެ ފަންނާނުންނެވެ. ހަނާގައިވެސް ދެމީހުންގެ އެކްޓިން ހަމަ ރަނގަޅެވެ.

ހަނާގެ ރޯލުން ފެނިގެންދާ ނޫރާއަކީވެސް ކެމެރާއަށް އާ މޫނެއް ނޫނެވެ. ދެހާހުގެ ކުރީކޮޅުގައި ނެރުނު "ޖާދޫގައި ޖެހޭނޭ" ލަވައިން ފެނި، ނޫރާ ވަނީ އެތައް ދިވެހީންގެ ހިތްތައް ފަތަހަކޮށްފައެވެ. އެއަށްފަހު އެތައް އަހަރުތަކެއް ފަހުން ކެމެރާ ކުރިމަތީން ނޫރާ ފެނުމުން އެތައް ބަޔަކު އުފާކުރިއެވެ.

ނަމަވެސް ކެމެރާއާ ދުރުގައި ގިނަ ދުވަސްވެފައިވާ ކަން ނޫރާގެ އެކްޓިން އިން ފެނިގެންދެއެވެ. ބައެއް ފަހަރު ކެެމެރާދެކެ ބިރުން ހުންނަ ކަހަލައެވެ. ބައެއް ސީންތަކުގައި ނޫރާ ލަދުން ހުންނަ ހެން ހީވެއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ބޭނުންވާ ކަހަލަ އެކްސްޕްރެޝަންތައް ނާންނަގޮތް ވެއެވެ. އެހެންނަމަވެސް އާންމުގޮތެއްގައި ނޫރާގެ އެކްޓިން ރަނގަޅެވެ.

ހަނާ ސީރީޒްގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ : ފޭސްބުކް

ހަނާގެ ގޯސް ބައިތައް!

މިއީ ހަމަ ދިވެހި ރިހަ ގަނޑެއް!

ޒަމާނުން ބަލަމުން އައި ދިވެހި ފިލްމުތަކާއި ސީރީޒްތަކާއި ހަނާ އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އެއީ މަޝްހޫރު ދިވެހި ފިލްމުތައް ހެން މި ޝޯގައި ދިވެހި މެލޯޑްރާމާ ޑައިލޮގްތަކާއި ސީންތައް ހުރުމެވެ.

އެ ޝޯގައިވެސް ވާހަކަ ދައްކާއިރު ބޭނުންކޮށްފައިވާ ޑައިލޮގުތައް އަޑު އަހަން އުނދަގުލެވެ. އާންމު ހާލަތެއްގައިނަަމަ މީހަކު އޮޅިގެންވެސް ނުދައްކާ ފަދަ ޑައިލޮގުތަކަކުން މި ޝޯގައި ވާހަކަ ދައްކައެވެ.

ޒުވާން ލޯތްބަކަށް ދުވަސްވީ ސްކްރިޕްޓެއް!

ނީނާގައި ފެނިގެންދަނީ އަލަށް ލޯބިވާ ދެ މީހެއްގެ ވާހަކައެވެ. ނަމަވެސް ސްކްރިޕްޓު ތައްޔާރުކޮށްފައިވާ ގޮތުން ބޮޑަށް ހީވަނީ ލޯބި ފަދަ އިހުސާސެއް ނުވެ އެފަދަ އިހުސާސެއް ސިފަކޮށްދޭން އުޅުނު ހެނެވެ.

ޝޯގެ ޑައިލޮގުތައްވެސް އެހެނެވެ. ދުވަސްވީ ބައެއްގެ ވާހަކަ ދެއްކުމުގެ ގޮތްތައް، ޒަމާނަށް ބެލުމެއް ނެތި ގެނެސްފައިވުމުން ސްކްރިޕްޓުގެ ބަލިކަށިކަން އެނގިގެން ދެއެވެ.

ޝޯގައި ބޭނުންކޮށްފައިވާ ޑައިލޮގާ އެއްގޮތަށް މި ޒަމާނުގެ ޒުވާނުން ވާހަކަ ދައްކައެއް ނޫޅޭނެއެވެ. ޝޯގެ ޑައިލޮގުތައް ހަދާއިރު، އަދި ހާއްސަކޮށް ވަކި އުމުރުފުރައެއް ރަމްޒުކޮށްދޭ ނަމަ އެ އުމުރުފުރައިގެ މީހުން ވާހަކަދައްކާގޮތްތައް ދިރާސާކޮށް ޝޯގެ ތެރެއަށް ބޭނުންކޮށްފިނަމަ އެ ޝޯގެ ސްކްރިޕްޓް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

ހަނާ ސީރީޒްގެ އެޕިސޯޑަކުން މަންޒަރެއް --- ފޮޓޯ : ފޭސްބުކް

ބޭކާރު ކޮންފްލިކްޓުތަކެއް، ކޮމިއުނިކޭޓްކޮށްބަލަ!

އާންމުކޮށް ބައެއްގެ މެދުގައި އޮންނަ ގުޅުމެއް ހީނަރުވުމުގެ ފަހަތުގައި ގިނަ ފަހަރަށް ވާ ސަބަބަކީ ދެމީހުންނަށް މުވާސަލާތުކުރަން ނޭނގުމެވެ.

ފިލްމުގައި ދައްކުވައިދެނީ ހަނާ އާއި ހަނާގެ މަންމަ ފަރީދާގެ ގުޅުން ރަނގަޅު ކަމަށެވެ. ދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރި މީހުންގެ ގޮތުގައެވެ. ދެމީހުންނަކީ އެކަކު އަނެކަކަށް އިތުބާރުކުރާ ދެމީހުންގެ ގޮތުގައެވެ. ނަމަވެސް އެންމެ ވާހަކައަކާއެކު ހަނާގެ މަންމަ އަމަލުކުރާގޮތުން ދެމީހުންގެ ދެމެދުގައި ވަރުގަދަ ގުޅުމެއް އޮތް ކަމަށް ބެލުންތެރިންނަށް ދެއްކި މަންޒަރުތައް ވަގުތުން ބޭކާރުވިއެވެ.

ޝޯގައި ބޭނުންކޮށްފައިވަނީ ޒަމާނާ ގުޅޭ ކޮންފްލިކްޓްތަކެއް ނޫނެވެ. މީގެ 30 ވަރަކަށް އަހަރު ކުރީން ނަމަވެސް އެ ޝޯގައި ދައްކާފައިވާ ކޮންފްލިކްޓް ހަމަޖެހުނީހެވެ. ފަރީދާ މައްސަލައަކަށް ނަގަނީ ހަނާ، ހިލޭ ފިރިހެނަކާ އެކު ރަށުގައި އުޅޭ މައްސަލައެެވެ. ނަމަވެސް މި ޒަމާނަށް ބަލާއިރު އަންހެނަކާއި ފިރިހެނެއް އެކީގައި އުޅުމުން މައްސަލައެއް ޖައްސާނެ ބަޔަކު ނޫޅޭނެއެވެ.

ފަހުބަސް

ޝޯގެ އެންމެ ވަރުގަދަ ޕޮއިންޓަކީ ހަމީދާއި ނާހިދާއި ގުޅުމެވެ. އަދި ހަނާ އާއި ފަރީދާގެ ގުޅުމަކީވެސް ރީތި ގުޅުމެކެވެ. އެހެންކަމުން ފަރީދާގެ ދެމައިންގެ ގުޅުން ރަނގަޅުކޮށްފިނަމަ ޝޯއަށް އާ ޑައިނެމިކް އެއް ލިބިގެންދާނެއެވެ.

ބައިސްކޯފު ގެންގުޅޭ ފަރާތްތަކަށް ބަލާނެ އާ ސީރިޒް އެއް ނެތް ނަމަ ހަނާ އަކީ ބަލާލަން ރަނގަޅު ޝޯއެކެވެ. ލޯބީގެ ޑްރާމާގަނޑު ކަމު ދިޔަ ނަމަވެސް ނުވަތަ ސްކްރިޕްޓުގެ ބޯދާކަމުން ފާރުގައި ބޯ ޖަހަން ބޭނުންވި ނަމަވެސް ހަނާ އަކީ ހަމަ ރަނގަޅު ހައްލެކެވެ. ކުރިއަށް އޮތްތަނުގައި ޝޯ އަދި ރަނގަޅުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

** ސަން ގެ ރޭޓިން ހަނާއަށް : 2.3/5 ތަރި

comment ކޮމެންޓް