ބައިސްކޯފުގެ ހަނާ ޕްރިމިއާކޮށްފި

ހަނާގެ ޕްރިމިއާ އިވެންޓުގެ ތެރެއިން --- ސަން ފޮޓޯ : އަހުމަދު ސައީދު

ބައިސްކޯފުން ދައްކަން ފެށުމަށް ހަމަޖެހިފައިވާ ވެބް ސީރީޒް "ހަނާ" ރިލީޒްކުރުމުގެ ކުރީން އާންމުންނަށް އެ ޝޯގެ ބައެއް ދައްކާލުމާއެކު އެ ޝޯ މިރޭ ޕްރިމިއާކޮށްފި އެވެ.

ހާއްސަ ރެޑް ކާޕެޓާއެކު އޮލިމްޕަސްގައި ބޭއްވި ޕްރިމިއާއަށް ޝޯގެ ކާސްޓުންނާއި ކްރޫގެ ވަނީ ގޮސްފަ އެވެ. އެ ޕްރިމިއާ ނައިޓު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓުކުރި އެ ފިލްމުގެ ޕްރިމިއާ އިވެންޓުގައި ޝޯގެ ބައެއް ވަނީ އާންމުންނަށް ދައްކާލާފަ އެވެ.

ޝޯ ޕްރިމިއާގައި ވާހަކަ ދައްކަމުން އަމްޖޭ ބުނެފައިވަނީ އެ ޝޯ ކާމިޔާބު ކުރެވުނީ ގިނަ ބައެއްގެ އެހީގެ ސަބަބުން ކަމަށެވެ.

އަދި އެ ޝޯއަކީ ބެލުންތެރިންނަށް ބަލާނެ އެންމެ ރީތި ޝޯ ކަމުގެ ޔަގީންކަން އަމްޖޭ ދިނެވެ.

މިރޭގެ އިވެންޓުގައި ހަނާގެ ޕްރޮޑަކްޝަން ޓީމް ކަމަށްވާ "ކިޑް ޕްރޮޑަކްޝަން"ގެ މުޅިން އާ ސީރީޒްއެއްވެސް ވަނީ ލޯންޗުކޮށްފަ އެވެ. އަލަށް ނެރޭ ސީރީޒް އަށް ކިޔާނީ "މައާފުކުރޭ" އެވެ.

ޖުމްލަ 13 އެޕިސޯޑުގެ ހަނާގެ ލީޑް ރޯލުން ފެނިގެންދާނީ އަހަރުތަކެއް ކުރިން މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދުގަ ޖެހޭނޭ ފެނިފާ ތިބާ" އިން ފެނިގެންދިޔަ މަރިޔަމް ނޫރާ އެވެ. އެ ފިލްމުގެ އިތުރު ރޯލުތަކުން ފެނިގެންދާނީ ދޮން އައްޔަ، ޝަމީލް، ނިޝާ އަދި ޖިމީ އެވެ.

comment ކޮމެންޓް