ބާ ކައުންސިލުގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ މާދަމާ

މިދިޔަ އަހަރު ބޭއްވި ބާ ކައުންސިލްގެ ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބާ ކައުންސިލުގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ މާދަމާ ރޭ ބޭއްވުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

ރާއްޖޭގެ ބާ ކައުންސިލުން މިއަދު ބުނެފައިވަނީ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ލައިސެންސް އޮތް ހުރިހާ ވަކީލުންނަކަށް ދައުވަތު އަރުވާ ކަމަށެވެ.

މާދަމާ ރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ ކުރިއަށް ދިޔުމަށް ހަމަޖެހިފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކަމަށް ބާ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ބާ ކައުންސިލުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުމާއި ރިޕޯޓު ފާސްކުރުމުގެ އިތުރުން އޮޑިޓް ރިޕޯޓު ފާސްކުރުމުގެ މަސައްކަތް މާދަމާ ރޭގެ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ.

ބާ ކައުންސިލު އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް ގިނަ ބާރުތަކެއް ލިބިގެންވެ އެވެ. އެގޮތުން ވަކީލުންނާ މެދު ފިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް