އެސްޓީއޯއިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެ ކުންފުނިން ވަނީ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފަ ---- ފޮޓޯ/ އެސްޓީއޯ

ނިމިދިޔަ އަހަރުގެ އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން މިރޭ ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ ސީޕްލޭން ޓާމިނަލްގެ ނިރީ ލައުންޖުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރި ހިއްސާދާރުންގެ ވޯޓުންނެވެ.

އެގޮތުން، މިރޭގެ ޖަލްސާގައި 189 ހިއްސާދާރަކު ބައިވެރިވެފައިވާއިރު، ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރީ 99 އިންސައްތަ މީހުންގެ ވޯޓުންނެވެ.

މިއީ މިދިޔަ 17 އަހަރު ތެރޭގައި އެ ކުންފުނިން ހިއްސާދާރުންގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދު ކަން ފާހަގަކޮށްލެވެއެވެ. އޭގެއިތުރުން، މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައި ވަނީ 77 ރުފިޔާއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެ ކުންފުނިން ވަނީ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފަ ---- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީބަޔާނަށް ބަލާއިރު، އެ ކުންފުންޏަށް ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 16 ބިލިއަން ރުފިޔާ ލިބިފައެވެ. ނަމަވެސް، 2022 ވަނަ އަހަރަށްވުރެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ ދަށްވެފައިވާކަން މާލީ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެއާއެކު، އެކުންފުންޏަށް ސާފު ފައިދާއަށް މިދިޔަ އަހަރު ލިބިފައި ވަނީ 819 މިލިއަން ރުފިޔާ ކަމަށްވާއިރު އެ އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު އަދަދަށް ވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ.

ކުރިއަށް އޮތް ހަ އަހަރަށް ކުންފުނީގެ އެކްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 65،500 އެމެރިކާ ޑޮލަރު ދިނުމަށް މިރޭގެ ޖަލްސާގައި ނިންމާފައިވެއެވެ.

comment ކޮމެންޓް