ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ޔުވެންޓްސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ ކުޅުން ހުއްޓާލުމުގެ ކުރިން އެމެރިކާގެ އެމްއެލްއެސްގައި ވާދަކުރާ އިންޓަ މައިއޭމީއާ ގުޅުމުގެ ފުރުސަތު ބޮޑު ކަމަށް އެ ކުލަބުގެ އޯނަރު އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ބުނެފި އެވެ.
ބާސެލޯނާގެ ކެޕްޓަން މެސީއާއި ރޮނާލްޑޯގެ ވިދުން ގަދަ ފުޓުބޯޅަ ހަޔާތް ނިންމާލާނީ ކިހިނެތްތޯ އެއީ މިވަގުތު ފުޓުބޯޅައަށް ލޯބި ކުރާ އެންމެންގެ ވެސް ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ. ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު ކުޅުނު މި ދެކުޅުންތެރިންގެ އުމުރު މަތިވަމުން ދާއިރު އަދި ވެސް ކުޅުމަކަށް ބަދަލެއް ނާދެ އެވެ. އަދި ވެސް އެހެން ކުޅުންތެރިންނަށް ވުރެން ލެވެލް މަތިވެފައި މަގްބޫލުކަން ބޮޑެވެ.
އެހެން ނަމަވެސް މި ދެ ކުޅުންތެރިން ފުޓުބޯޅަ ހަޔާތް ނިންމާލުމުގެ ކުރިން ޔޫރޮޕުގެ ބައެއް ކުޅުންތެރިން ފަހަކަށް އައިސް ކެރިއަރު ނިންމާލަން ކުޅޭ އެމެރިކާގެ މޭޖާ ސޮކާ ލީގުގެ ކުލަބަކަށް ގޮސްދާނެ ކަމުގެ އަޑުތައް ފެތުރޭތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އަދި އެ އަޑުތަކަކީ މުސްތަގުބަލުގައި ހަގީގަތަކަށް ވެދާނެ ކަމެއް ކަމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ބެކަމް ވަނީ ބުނެފަ އެވެ.
އެމެރިކާގެ މަޝްހޫރު "ޓުނައިޓް ޝޯ ވިތް ޖިމީ ފެލަން" ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ބެކަމް ބުނެފައި ވަނީ އޭނަގެ އަމިއްލަ ކުލަބް ކަމަށްވާ އިންޓަ މައިއޭމީއަށް ރޮނާލްޑޯއާއި މެސީ އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ވަރަށް ބައިވަރު ކުޅުންތެރިންނާ ވާހަކަ ދެކެވެމުން ދަނީ ކުލަބަށް އައުމަށް ޓަކައި، އެކަމަކު ކުލަބުގެ ވެރިއެއްގެ ހައިސިއްޔަތުން އަހަރެން ބޭނުން ވަނީ އެންމެ މޮޅެތި ކުޅުންތެރިން ކުލަބަށް ގެންނަން. މިސާލަކަށް ރޮނާލްޑޯއާއި މެސީ އަކީ ވެސް ކުލަބުގެ އަމާޒެއް. އެއީ އަހަރެން ވަރަށް ވެސް ގަޔާވާ ދެކުޅުންތެރިން. އެ ކުޅުންތެރިން މުސްތަގުބަލުގައި މި ކުލަބުން ފެނުމަކީ އެކަށީގެންވާ ކަމެއް،" ހިނިތުންވުމަކާ އެކު ބެކަމް ބުންޏެވެ.
ބެކަމް ބުނީ، މިވަގުތު އޮތް ޓީމަކީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ވެސް ހިމެނޭ ރަނގަޅު ޓީމެއް ކަމަށެވެ. އަދި ފެށުމަަކަށް މިވަރު ޓީމެއް ފުދޭ ކަމަށާއި އެހެން ނަމަވެސް ވެރިމީހާގެ ހައިސިއްޔަތުން އަބަދު ވެސް ބޭނުން ވަނީ ކުލަބު އިތުރަށް ފުޅާކޮށް ބޮޑު ކުރަން ކަމަށެވެ.
އެމެރިކާގެ އެމްއެލްއެސްއަށް އަލަށް ކޮލިފައިވި އިންޓަ މައިއޭމީ ފުރަތަމަ ފަހަރަށް އެ ލީގުގައި މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހު ލޮސް އޭންޖްލެސް އެފްސީއާ ދެކޮޅަށެވެ.
ބެކަމްގެ އިންޓާއިން ގެންނަން މަސައްކަތް ކުރާ ބައެއް ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ސިލްވާއާއި ޕީއެސްޖީގެ ފޯވާޑް އެޑިސަން ކަވާނީ އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހިމެނެ އެވެ.