އަދިވެސް އަމަލުކުރަނީ ޔާމީން ސަރުކާރުގެ ތިމާވެށި ސިޔާސަތަށް: ސޭވް މޯލްޑިވްސް

މާފަރު އެއާޕޯޓު އެޅުމުގެ މަޝްރޫއު ނިމުނު އިރު އެ ރަށް އޮތް ގޮތް -- ސަން ފޮޓޯ

ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ތިމާވެށި ދެމެހެއްޓެނިވި ގޮތްތަކަށް ބެލުމެއް ނެތި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމުގެ ސަގާފަތް ރާއްޖޭގައި އަދިވެސް ކުރިއަށްދާ ކަމަށް ބުނެ، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ދެކޮޅަށް ވަކާލާތުކުރާ "ސޭވް މޯލްޑިވްސް" ކެމްޕޭނުން ނުރުހުން ފާޅުކޮށްފި އެވެ.

އެ ކެމްޕޭނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ތިމާވެއްޓަށް އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި، މިހާރުގެ ސަރުކާރުންވެސް އަމަލުކުރަމުން ދަނީ އެފަދަ ގޮތަކަށް ކަމަށެވެ.

ސޭވް މޯލްޑިވްސްއަކީ ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށްޓަކައި އެރަށުގެ ބޮޑު މަށި ކުޅި ހިއްކުމަށް 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން އުޅުމުން އެކަމާ ދެކޮޅަށް އަޑު އުފުލުމަށްޓަކައި ހަރަކާތްތެރިވާން ފެށި ހަރަކާތެކެވެ. އެއަށްފަހު އެ މޫވްމަންޓުން ދަނީ ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ހިނގަމުންދާ އެކި ކަންކަމުގައި ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލައި، އަދި އެކަންކަމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސޭވް މޯލްޑިވްސް ކެމްޕޭނުން ނެރުނު ބަޔާނުގައި ބުނި ގޮތުން، ކުރީގެ ސަރުކާރުން ތިމާވެއްޓާ ދޭތެރޭ އަމަލުތައް ބަހައްޓަމުން އައި ގޮތްތައް މިއަދުގެ ސަރުކާރުން ބަދަލު ނުކުރާކަން ފާހަގަ ކުރަނީ، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ހަދާ އީއައިއޭ ރިޕޯޓުތަކަށް ރިއާއަތްކޮށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީން ނިންމާ ނިންމުންތައް އެންވާރަމަންޓް މިނިސްޓަރު އޯވަރޫލްކުރުމުގެ ބާރު ބޭނުންކުރުމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކުޅުދުއްފުށީގެ ކުޅި ހިއްކުމާއި އެއާޕޯޓު އެޅުމުގެ މަސައްކަތަށް އޭރުގެ މިނިސްޓަރު އެފަދަ ބާރުތަކެއް ބޭނުންކުރެއްވި އިރު، މި ސަރުކާރުގެ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ދާދި ފަހުން ވަނީ ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް އީޕީއޭއިން ހުއްދަ ނުދޭން ނިންމި ނިންމުން ބަދަލުކުރައްވާފަ އެވެ.

https://sun.mv/130193

"މާފަރު މައްސަލައިގައި މިނިސްޓަރު ނިންމެވި ނިންމުމަކީ ރާއްޖޭގެ ބިންބިމާއި އަދި ތިމާވެއްޓާ ބެހޭ ގާނޫނުތަކާ ހިލާފު ނިންމެވުމެއް. އަދި މީގެ ސަބަބުން ރަށުގެ އެއްގަމާއި ކަނޑުގެ ދިރޭތަކެއްޗަށް ނޭދެވޭ އަސަރުކޮށް، ތިމާވެއްޓަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވާނެ،" ސޭވް މޯލްޑިވްސްގެ ބަޔާނުގައި ބުންޏެވެ.

އެ މޫވްމަންޓުން ބުނި ގޮތުގައި މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއާ ބެހޭގޮތުން ތިމާވެއްޓާ ބެހޭ ވަޒީރުގެ ނިންމެވުމުން ހާމަވަނީ ރާއްޖޭގެ ރަށްރަށުގެ ވިލުންވެރިކަމާއި (ރެޒިލިއެންސް) އަދި ރަށްރަށުގެ އާބާދީގެ ދެމެހެއްޓެނިވި ވައްޓަފާޅިއަށް ބެލުމެއް ނެތި، "އަންސަސްޓެއިނަބަލް" އުމްރާނީ ތަރައްގީއަށާއި އިންވެސްޓަރުންގެ މަސްލަހަތަށް އިސްކަންދޭ މިންވަރު ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މާފަރުގެ ރައްޔިތުންނާއި އެ ރަށުގެ ވަށައިގެންވާ ތިމާވެއްޓަށް ކަމަށް ސޭވް މޯލްޑިވްސްއިން ބުންޏެވެ.

މާފަރު އެއާޕޯޓު އެޅުމަށް އެ ރަށުން ނެގި 20،000 ރުއް ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައާއި އެ ރަށަށް އެރި ވެލައެއް އެއާޕޯޓު ރަންވޭ މައްޗަށް ބިސް އެޅި ފޮޓޯއެއް ވައިރަލްވެގެން ދިޔަ އިރު، ސޭވް މޯލްޑިވްސްއިން ބުނީ މާފަރުގެ ތިމާވެއްޓަށް ކޮށްފައިވާ އަސަރުތަކުގެ ފުރިހަމަ ދިރާސާއެއް މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ.

https://sun.mv/130071

"މި މޭރުމުން ބަލާއިރު އީޕީއޭގެ ނިންމުން ބަދަލުކޮށް، މާފަރުގައި މިހާރު ހުރި އީކޮލޮޖީ ހަލާކުކޮށްލުމަށް ހުއްދަ ދެއްވުމަކީ ޒިންމާދާރުކަން ކުޑަކަމުގެ އިންތިހާ،" އެ ސޭވް މޯލްޑިވްސްއިން ބުންޏެވެ.

މީގެ އިތުރުން އެ މޫވްމަންޓުން ބުނީ އީޕީއޭއަކީ މިނިވަން މުސްތަގިއްލު އިދާރާއަކަށް ހެދުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ވައުދުފުޅަށް އަދިވެސް އަމަލީ ސިފައެއް އައިސްފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި މިނިވަން އީޕީއޭއެއް ކަށަވަރުކުރުމަކީ 2020 ގެ ކުރިން ކުރަން އަމާޒު ހިފާފައިވާ ކަމެކެވެ. ނަމަވެސް ސޭވް މޯލްޑިވްސްއިން ބުނީ މި އަމާޒަށް ވާސިލުވުމަށް މިހާތަނަށް ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށާއި އެކަމުން ހާމަވަނީ މި މަސައްކަތަށް ސަރުކާރުން އިސްކަން ނުދޭކަން ކަމަށެވެ.

އެހެންކަމުން މާފަރު އެއާޕޯޓު ބޮޑުކުރުމަށްޓަކައި އީޕީއޭއިން ހުއްދަ ނުދޭން ނިންމި ނިންމުން ދެމެހެއްޓުމަށާއި، ތިމާވެށި ވަޒީރުގެ ނިންމެވުން ބާތިލުކުރުމަށް އެ ޖަމިއްޔާއިން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ. އަދި އީޕީއޭއަކީ މިނިވަން ތަނެއްގެ ގޮތުގައި ހަދައި، އެތަނުގެ މަސައްކަތްތައް ވަރުގަދަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ހަރަކާތުން ގޮވާލި އެވެ.

comment ކޮމެންޓް