މާފަރު އެއާޕޯޓު ބޮޑުކުރަން ހުއްދަ ދީފި

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭން ޖެހޭ ހުއްދަ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ދެއްވައިފި އެވެ.

މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ ހުއްދަ މިނިސްޓަރު ދެއްވާފައި މި ވަނީ، އެ އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ އީއައިއޭ ރިޕޯޓަށް ހުށަހެޅި އިސްލާހު މުރާޖައާ ކުރުމަށްފަހު، އެ މަޝްރޫއު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުން ޕްލޭނިންގް މިނިސްޓްރީއިން މިނިސްޓަރަށް އިސްތިއުނާފު ކުރުމުންނެވެ.

މާފަރު އެއާޕޯޓުގެ އީއައިއޭ މައްސަލަ ޕްލޭނިން މިނިސްޓްރީ އިން އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އީއައިއޭ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިއުނާފު ކުރި ފަރާތަށް އަންގަންޖެހެ އެވެ.

ޕްލޭނިން މިނިސްޓްރީއިން އީޕީއޭގެ ނިންމުން އިސްތިއުނާފު ކުރުމުން، އެމައްސަލަ ދިރާސާކޮށް ބެލުމަށް މިނިސްޓަރާއެކު ޕްލޭނިން މިނިސްޓްރީގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު ވަނީ މާފަރަށް ގޮސްފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ މިނިސްޓަރު ދެއްވާފައި ވަނީ 'ތިމާވެށްޓަށް ކުރާ އަސަރުގެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު' ގެ ދަށުން އެ މައްސަލަ ބެއްލެވުމަށް ފަހު ކަމަށެވެ.

އެގޮތުން އެ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މައްސަލަ ތަހުގީގު ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިސަރަކާ ހަވާލުކޮށް އޭނާ ހުށަހެޅި ރިޕޯޓަށާއި، ދެވަނަ އެޑެންޑަމް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާފައިވާނެ ކަމަށެވެ.

ވަކިން ހާއްސަކޮށް އެޑެންޑަމް ރިޕޯޓުގެ ނިންމުމުގެ އެންމެ ފަހު ޕެރެގްރާފުގައި، "ޕްރޮޖެކްޓް ތަންފީޒުކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި، މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިން ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް، މަޝްރޫއު ކުރިއަށް ގެންދިޔުމަށް ލަފާދޭ ކަމަށް" ބުނެފައިވާ ބުނުމަށް މިނިސްޓަރު ރިއާޔަތްކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު މައްސަލައިގެ ހަގީގަތްތައް އިތުރަށް އޮޅުން ފިލުވުމަށް މިމަހުގެ ހަތް ވަނަ ދުވަހުން އަށް ވަނަ ދުވަހަށް މިނިސްޓްރީގެ ވަފުދަކާއެކު މިނިސްޓަރު މާފަރަށް ޒިޔާރަތްކޮށް، އެރަށުގެ ރަށު ކައުންސިލާއި ރައްޔިރުންނާއި އަދި އަތޮޅު ކައުންސިލްގެ މަސްއޫލުވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރި ކަމަށް ވެސް އެންވަޔަރުމަންޓް މިނިސްޓްރީއިން ބުންޏެވެ. އަދި ބުނީ، މި މަހުގެ ނުވަ ވަނަ ދުވަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްއޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝްވަރާތަކަށް ވެސް ރިއާޔަތް ކޮށްފައިވާ ކަމަށް ބުންޏެވެ.

"މިނިސްޓަރު މި ހުއްދަ ދެއްވާފައިވަނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކު، އެ ރިޕޯޓުގައި ކަނޑައަޅާފައިވާފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިންގް ޕްލޭނަކާއިއެކު އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށެވެ." މިނިސްޓްރީން ބުނެފައިވެ އެވެ.

މާފަރު އެއާޕޯޓުގެ އީއައިއޭ ހެދުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭ އިން ބުނެފައިވަނީ، މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

މާފަރު އެއާޕޯޓަށް އެ މަރުކާގެ ބޯޓު ޖައްސާނީ ކިހާ ގިނައިންތޯ ޔަގީންނުވާ ކަމަށާއި މިއީ ދުރުރާސްތާ އަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެއާޕޯޓު ބޮޑުކުރުމަށް މާފަރު ފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ރަށުގެ ފަޅުން ތާ އަބަދަށް ބޮޑު ބައެއް ގެއްލިގެން ދިޔުން ކަމަށާއި މިއީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިދާނެ ކަމެއްކަމަށް ވެސް އީޕީއޭ އިން ބުނެފައިވެ އެވެ.

މާފަރު އެއާޕޯޓަށް ރަށުން ނަގާފައިވާ ބިމުގެ ބަދަލުގައި ރަށުގެ ފަޅުން ބޮޑު ބައެއް ހިއްކުމަށް ރައްޔިތުންނާއި ރަށު ކައުންސިލުން އެދެމުންދާއިރު އެއާޕޯޓު ބޮޑުކުރުމުގެ ނިޔަތުގައި ރަށުގެ ފަޅުން ބޮޑުބައެއް ހިއްކުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.

އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓު ބޮޑުކުރުމަށް ވެލި ނަގަން ނިންމާފައިވާ ސަރަހައްދަކީ ކަނޑުގެ ދިރުން މުއްސަނދި، ވެލާކަހަނބު ގިނަ އަދަދަކަށް އުޅޭ ސަރަހައްދެއް ކަމަށެވެ. އަދި މާފަރުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކި ނަމަވެސް އެ ސަރަހައްދު ގިރުން ފަދަ ކަންތައް ކުރިމަތިވާނެ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ކުރާ މަސައްކަތަށް ބޮޑު ހަރަދު ދާނެ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

މާފަރަކީ ވެލާ ބިސްއަޅާ ރަށަކަށް ވެފައި، އެރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަކީ ވެލާތަކަށް އެސޮރުމެން ބިސްއަޅަން ބޭނުންކުރާ ސަރަހައްދު ގެއްލޭނެ ކަމަކަށް ވާތީ، މިއީ ސީދާ ގޮތުން ކަނޑުގެ ދިރުންތަކަށާއި ވެލާކަހަނބަށް އަސަރު ކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއަށް 22،000 ރުއްގަސް ކަނޑަށް ޖެހޭ ކަން އީޕީއޭ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމަށާއި މިކަމަށްވެސް ގިނަ އަދަދެއްގެ ކަސް ކަނޑަން ޖެހޭނެތީ މިއީ ތިމާވެށީގެ ގޮތުން ބަލާއިރު ރަށުގެ ފެހިކަަމަށް އަދި ބިންގަނޑަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

އީޕީއޭ އިން ފާހަގަކޮށްފައިވާގޮތުން އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަނޑާ ރުއްގަހުގެ ބަދަލު ދޭނެ ގޮތެއްވެސް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން އެދޭކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ މިހާރު ރުހުން ދީފަ އެވެ.

comment ކޮމެންޓް