ތިމާވެށި ވަޒީރާއި ދެކޮޅު ނުޖެހޭ އިސްތިއުނާފު!

ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން (ކ) އަދި ކުރީގެ ވަޒީރު ތޯރިގު އިބްރާހިމް (ވ) --- ސަން ފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގެންނެވި އެވެ. އެ ސަރުކާރުގެ ވިސްނުމަކަށްވީ ކުޅުދުއްފުށީގެ ގުދުރަތީ ގޮތުން މުއްސަނދި ކުޅި ހިއްކައި އެތަނުގައި އެއާޕޯޓު އެޅުމެވެ. އެކަމާ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދެކޮޅު ހެދި އެވެ. އެކަމަކު، އީޕީއޭގެ ނިންމުން ބަދަލުކޮށް، އެއާޕޯޓު އަޅަން ނިންމީ ރައީސް ޔާމީންގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. ތިމާވެއްޓަށް ލޯބި ކުރާ އެތައް ބަޔަކު އާދޭސްކޮށްކޮށް ތިއްބައި ކުޅި ހިއްކައި އެއާޕޯޓު އަޅައި ނިންމާލައިފި އެވެ.

އެ ފުރުސަތު އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވީ، މަޝްރޫއެއް ހިންގުމުގެ ކުރިން ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ބަލާ، އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު ހެދުމާ ގުޅޭ ގަވައިދު އެކުލަވާލާފައި އޮތް ގޮތުންނެވެ. އެ ގަވައިދު އޮތް ގޮތުން، މަޝްރޫއަކުން ކިތަންމެ ގެއްލުންވިޔަސް، އީޕީއޭއިން ދެކޮޅު ހެދިޔަސް ސަރުކާރުން ބޭނުން ނަމަ އެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ އެވެ. އެއީ އީޕީއޭގެ ނިންމުން މިނިސްޓަރަށް ބާތިލުކުރެވޭތީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް މިވަނީ އެ ގަވައިދު އެހެން އޮތުމުގެ ބޭނުން ނިކަން ރަނގަޅަށް ހިފައިފަ އެވެ. ނ. މާފަރުގެ ފަޅު ހިއްކައިގެން އެ ރަށުގެ އެއާޕޯޓަށް ބޮއިން 777 އަދި އެއާބަސް އޭ380 މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ބޮޑުކުރަން އީޕީއޭއިން ހުއްދަ ނުދިން ނަމަވެސް، އެ ނިންމުން ބަދަލުކުރައްވައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ނިންމެވީ އެއާޕޯޓު ބޮޑު ކުރައްވާށެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކިތަންމެ ބޮޑު ނަމަވެސް، އެކަން ހުއްޓުވޭނެ މަގު އެ ހިސާބުން އެ ބަންދުވީ އެވެ.

އީޕީއޭގެ ނިންމުންތައް އިސްތިއުނާފު ކުރެވޭ ގޮތް

އެއްވެސް މަޝްރޫއެއް ރާއްޖޭގެ ރަށެއްގައި ހިންގޭނީ އެ މަޝްރޫއު ހިންގާ ފަރާތުން އެ މަޝްރޫއެއްގެ ތަފްސީލު އީޕީއޭއަށް ހުށަހަޅައި، އީޕީއޭގައި ރަޖިސްޓްރީކޮށްފައިވާ ކޮންސަލްޓެންޓުން އީއައިއޭ ރިޕޯޓެއް ތައްޔާރުކުރުމުންނެވެ. އީއައިއޭ ރިޕޯޓު ތައްޔާރު ކުރުމުން އީޕީއޭއިން އެ ރިޕޯޓު ރިވިއުކުރަން މިނިވަން ބަޔަކާ ހަވާލުކޮށް، މަޝްރޫއު ހިންގަން ހުއްދަ ދިނުމާއި ނުދިނުމާ މެދު ގޮތެއް ނިންމަ އެވެ. އެ ނިންމުމަށް ކިޔަނީ ޑިސިޝަން ސްޓޭޓްމަންޓެވެ. މަޝްރޫއެއް ކުރިއަށް ގެންދަން ހުއްދަ ނުދޭން އީޕީއޭއިން ނިންމައިފި ނަމަ، އެ ނިންމުން އިސްތިއުނާފު ކުރެވޭނެ އެވެ.

މާފަރު އެއާޕޯޓު އެޅުމުގެ މަޝްރޫއު ނިމުނު އިރު އެ ރަށް އޮތް ގޮތް -- ސަން ފޮޓޯ

އީއައިއޭ ގަވައިދުގެ 15 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން އެ ނިންމުމެއް އިސްތިއުނާފު ކުރަަން ހުށަހަޅަން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓަރަށެވެ. އިސްތިއުނާފު ކުރި ސަބަބުތައް ތަހުގީގު ކުރުމަށް، މިނިސްޓަރު ބޭނުން އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ކަނޑައެޅޭނެ އެވެ. އަދި އެ ތަހުގީގަށް ފަހު އީޕީއޭގެ ނިންމުން ދަމަހައްޓާނީތޯ ނުވަތަ އެ ނިންމުން ބަދަލުކުރާނީތޯ މިނިސްޓަރަށް ކަނޑައެޅޭނެ އެވެ.

އީއައިއޭ ގަވައިދުގެ 15 ވަނަ މާއްދާގެ (ރ)

15. (ރ). އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސްތައް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިއުނާފާ މެދު ނިންމި ގޮތެއް މިނިސްޓަރު ލިޔުމަކުން އަންގަންވާނެ އެވެ. އިސްތިއުނާފުގެ ހުށަހެޅުން ބެލުމަށް ފަހު ތައްޔާރު ކުރާ ރިޕޯޓު ލިބުމުން މިނިސްޓަރު ތިރީގައިވާ ގޮތުން ކުރެ ގޮތަކަށް އަމަލުކުރަންވާނެ އެވެ.

  1. އިސްތިއުނާފު ކުރަން ޖެހޭ ޖާގައެއް ނެތްކަން ސަބަބުތަކާ އެކު ލިޔުމުން އެންގުން
  2. އިސްތިއުނާފުގެ ހުށަހެޅުމުގައިވާ ކަންތައްތަކަށް ރިއާއަތްކޮށް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު އަލުން ބަލައި ތިމާވެށީގެ ގޮތުން ނިންމު ގޮތުގެ ލިޔުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ކަނޑައެޅުން
  3. ރިޕޯޓު ގަބޫލުނުކޮށް އެ ނިންމުން ބަދަލުކުރުމަށް އިސްތިއުނާފުކޮށްފަވާނަމަ، ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމުގައި މިނިސްޓްރީއިން ރިޕޯޓު ގަބޫލުނުކުރި ސަބަބުތަކެއް ކަމަށް ބަޔާންކޮށްފައިވާ މައުލޫމާތު ނުވަތަ އޭގެ ތެރެއިން ބައެއް މައުލޫމާތު، ފުރިހަމައަށް މިނިސްޓްރީއަށް ހުށަހެޅުމުން އެ މައުލޫމާތު މުރާޖައާކޮށް ނިންމި ގޮތުގެ ލިޔުމަށް ބަދަލު ގެންނަން ޖެހޭތޯ ކަނޑައެޅުން

މާފަރު އެއާޕޯޓުގެ މައްސަލަ

މާފަރު އެއާޕޯޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދީގެން އެޅި އެއާޕޯޓެކެވެ. އެއާޕޯޓާ ދުރުނޫން ހިސާބެއްގައި ޔޫއޭއީގެ ޝާހީ އާއިލާއިން ގަނެފައިވާ ޝެވެލް ބްލޯންކް ރަންދެލި ރިސޯޓު އޮވެއެވެ.

"މިއަދު އެ އެއާޕޯޓު ތަރައްގީކުރާ ފަރާތުން ބޭނުންވަނީ މިހާރަށްވުރެ އެއާޕޯޓު ބޮޑުކުރަން. އެނގިވަޑައިގަންނަވާނެ މިހާރު އެއާޕޯޓުގެ ދިގުމިނަކީ 2،200 މީޓަރު. އަދި އެބަ ބޭނުންވޭ އެބޭފުޅުން 1،000 އިތުރުކޮށް އެތަނަށް އޭ380، ދުނިޔޭގައި އޮތް އެންމެ ބޮޑެތި މަތިންދާ ބޯޓުފަހަރު ޖެއްސޭވަރުގެ އެއާޕޯޓަކަށް އެތަން ބަދަލުކުރަން. އަޅުގަނޑުމެން މިތިބީ އެކަން ކުރަން ތައްޔާރަށް،" މިދިޔަ އަހަރުގެ މާޗް 17 ވަނަ ދުވަހު މާފަރަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު ބޮޑު ކުރަން ރާވާފައިވާ ގޮތުގެ ކުރެހުމެއް -- ފޮޓޯ/ އީއައިއޭ ރިޕޯޓު

އެއާޕޯޓު ބޮޑު ކުރުމަށް ސަރުކާރުން މަސައްކަތް ފެއްޓި ނަމަވެސް، މަޝްރޫއު ހިންގަން ހުއްދަ ނުދޭން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އީޕީއޭއިން ނިންމި އެވެ. އެގޮތަށް ނިންމައި އީޕޭއޭއިން ނެރުނު ޑިސިޝަން ސްޓޭޓްމަންޓުގައި ބުނެފައި ވަނީ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޮޑެތި މަތިންދާބޯޓުތަކަށް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓު ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ކުރިމަތިވާނެ އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

އޭގެ އިތުރުން، މަޝްރޫއަށް 22،000 ރުއްގަސް ކަނޑަށް ޖެހޭ ކަން އީޕީއޭ އިން ވަނީ ފާހަގަ ކޮށްފަ އެވެ. ގިނަ އަދަދެއްގެ ގަސް ކަނޑަން ޖެހޭނެތީ މިއީ ރަށުގެ ފެހިކަމަށް އަދި ބިންގަނޑަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ. އަދި އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމާއި އެ މީހުންނަށް ބަދަލުދޭނެ ގޮތެއްވެސް އަދި ކަނޑައަޅާފައި ނުވާކަން ފާހަގަކޮށްފައިވެެ އެވެ.

އެއާޕޯޓު ބޮޑު ކުރުމަށް ރަށުގެ ފަޅު ތެރެއިން އިތުރު 57 ހެކްޓަރު ހިއްކަން ޖެހެ އެވެ. އީޕީއޭގެ ޑިސިޝަން ސްޓޭޓްމަންޓުގައި ބުނެފައި ވަނީ އެއާޕޯޓު ބޮޑުކުރުމަށް މާފަރު ފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ރަށުގެ ފަޅުން ތާ އަބަދަށް ބޮޑު ބައެއް ގެއްލިގެން ދިޔުން ކަމަށާއި މިއީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިދާނެ ކަމެއްކަމަށެވެ. އަދި ބިން ހިއްކުމަށް މާފަރު ފަޅުން ވެލި ނެގުމުގެ ސަބަބުން ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދު ގިރަން މެދުވެރިވެދާނެ ކަމަށްވެސް އީޕީއޭއިން ބުންނެވެ. އަދި އެކަމުގެ ސަބަބުން އިތުރު ހަރަދުތަކެއް ދާނެ ކަމަށް ބުނެފައިވެ އެެވެ. މާފަރަކީ ވެލާ ބިސްއަޅާ ރަށަކަށް ވެފައި، އެރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަކީ ވެލާތަކަށް އެސޮރުމެން ބިސްއަޅަން ބޭނުންކުރާ ސަރަހައްދު ގެއްލޭނެ ކަމަކަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެ ރަށުގެ ފަޅު ތެރޭގައި ހުންނަ ސީގްރާސްވެސް އެއްކޮށް ނެތިގެންދާނެ ކަމަށްވެ އެވެ.

އެ ހުރިހާ ސަބަބުތަކެއް އެހެން ހުރި ނަމަވެސް، މި މަހުގެ 12 ވަނަ ދުވަހު އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އެއާޕޯޓު ބޮޑު ކުރަން ހުއްދަ ދެއްވީ، އެ މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއި، އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ މެނޭޖްމަންޓް އަދި މޮނިޓަރިންގް ޕްލޭނަކާއިއެކު އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެ އެވެ.

އިސްތިއުނާފުގެ ނިޒާމު އޮތީ އެންމެ ރަނގަޅަށްތަ؟

މާފަރު އެއާޕޯޓުގެ ބޮޑު ކުރަން ހުއްދަ ދޭން މިނިސްޓަރު ނިންމުމުން ތިމާވެއްޓަށް ލޯބި ކުރާ ގިނަ ބަޔަކު އެކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔެވެ. އީޕީއޭއިން ނިންމާ ނިންމުމެއް މިނިސްޓަރަށް ބަދަލު ކުރެވޭ ގަވައިދެއް އޮތުމުން އެފަދަ ގަވައިދެއް އޮވެގެން ނުވާނެ ކަމަށް ބުންޏެވެ.

ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ހުމެއިދާ އަބްދުއްޣަފޫރު (ހުމޭ) ދެކެވަޑައިގަންނަވަނީ ގަވައިދު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ގަވައިދު ހަދާފައި އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. މަޝްރޫއުތައް ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ގާނޫނު އަސާސީއިން ލާޒިމު ކުރާ އިރު އެ ގަވައިދު އެކަމާ ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގަވައިދު ބަދަލު ކުރަން ފެނޭތޯ ސުވާލު ކުރުމުން، އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، އެއީ "ސެންސިޓިވް" ވާހަކައެއް ކަމުން، އޭނާގެ މަގާމުގެ ގޮތުން އެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު، މިހާރު ގަވައިދު އޮތް ގޮތުން އެއީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު އެޅުމުގެ މަޝްރޫއަށް ގިނަ އަދަދެއްގެ ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކުރި އިރު އެތަން އޮތް ގޮތް --

"މިހާރު އޮތް ގޮތް އެއީ. އެންމެ ރަނގަޅު ގޮތް ކަމެއް ނޫން ކަމެއް ދަންނަވާކަށް ނޭނގެ. މިހާރު އޮތީ އެހެން. އެކަން އެގޮތަށް އޮތީމަ އެކަން އެހެން ކުރެވޭނެ،" ނައީމް ވިދާޅުވިއެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މަޝްރޫއުތަކާ ގުޅޭ ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފު ކުރުމުގެ ބަދަލުގައި ވަކިން މިނިވަން ޓްރައިބިއުނަލަކުން އެކަން ކުރެވޭ ގޮތަށް އޮތުން ކަމަށެވެ.

"އަސްލު އަޅުގަނޑުމެންނަށް އެންމެ ރަނގަޅީ އެޕީލް ޓްރައިބިއުނަލެއް އިނިއްޔާ. އެޕީލް ޕްރޮސެސްއެއް މިތަނުގެ ބޭރުން މިތަނުގެ އިންފްލުއެންސް ނެތި އިންނަން. މިސާލަކަށް ޓްރައިބިއުނަލަށް ގޮސްފިއްޔާ އެތަނުގައި ނުތިބޭނެތާ މިނިސްޓްރީގެ އިންޓްރެސްޓުގައި ނޫނީ އީޕީއޭގެ އިންޓްރެސްޓުގައި މަސައްކަތް ކުރާނެ ބައެއް. އެ ޓްރަައިބިއުނަލްގައި ތިބޭނީ މިނިވަން ބައެއްތާ،" އިބްރާހިމް ވިދާޅުވި އެވެ.

މިހާރު ނިޒާމު އޮތް ގޮތާ ބެހޭގޮތުން އޭނާ ފާހަގަކުރެއްވީ، އީޕީއޭ އަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުގައި އެންވަޔަރަމަންޓް މިނިސްޓަރުގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި އޮންނަ ތަނެއް ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި، އީޕީއޭ މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއްގެ ގޮތުގައި އޮންނަ ހިނދެއްގައި އީޕީއޭގެ ނިންމުމަކީ ހަމަ މިނިސްޓަރުގެވެސް ނިންމުމެވެ. ރާއްޖޭގައި ތިމާވެށީގެ ނިންމުންތައް އިސްތިއުނާފު ކުރާނެ ކޯޓެއް ނުވަތަ ޓްރައިބިއުނަލެއް ނުހުންނަ އިރު، އަދި ނިޒާމު މިހާރު އޮތް ގޮތަށް ބަލާއިރު، ނިންމުންތައް އިސްތިއުނާފުު ކުރަން ހަދާފައި އޮތް އުސޫލު ރަނގަޅު ކަމަށް އޭނާ ގަބޫލުފުޅު ކުރައްވަ އެވެ.

މާރުގެ އެއާޕޯޓު ބޮޑު ކުރުމުން އެ އެއާޕޯޓުގެ ސަރަހައްދު ދައްކުވައިދޭ ފޮޓޯއެއް -- ފޮޓޯ/ އީއައިއޭ ރިޕޯޓު

ތަރައްގީވެފައިވާ ގައުމުތަކުގައިވެސް މަޝްރޫއުތައް ހިންގަން ހުއްދަދޭ އިރު އޭގެ ތެރެއަށް ސިޔާސީ އަދި އިގުތިސާދީ ހިޔާލު ވަންނަކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަސްލު އީއައިއޭ ޕްރޮސެސްއަކީ އޭގެ ތެރެއަށް ސިޔާސީ އަދި އިގުތިސާދީ ގޮތުން އެއަށް ގެންނަން ޖެހޭ އިންޕުޓްތައް ލެވޭ ގޮތަށް އޮންނަ އެއްޗެއް. މިސާލަކަށް އީއައިއޭ އެންމެ ފުރަތަމަ ހަދަން ފެށި ގައުމަކީ އެމެރިކާ. އެމެރިކާގައިވެސް ވަރަށް ގިނަ ޑިސިޝަންތައް އެބަ ހުރި މަތީ ލެވަލްއިން އޯވަރައިޑުކޮށްފައި އީޕީއޭއިން ދެކޮޅު ހެދިކަމަށްވިޔަސް. އޮސްޓްރޭލިއާ ކަހަލަ ގައުމުތަކުގައިވެސް ވަރަށް ފަހުން ހަމަ އެތަނުގެ އެންވަޔަރަމެންޓަލިސްޓުން ދެކޮޅު ހެދި ވަރަށް ގިނަ ކަންކަން އެބަ ހުރި އެތަގެ ފެޑެރަލް ގަވަމެންޓުގެ ބާރުގެ ދަށުން ކޮށްފައި،" އިބްރާހިމް ވިދާޅުޅުވި އެވެ.

އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި މަޝްރޫއުތައް އެންމެ ރަނގަޅަށް ހިންގުމަށް މުޅި ގައުމީ ތަރައްގީގެ ޕްލޭނަށް ހެދިފައި އޮންނަ ސްޓްރެޓަޖިކް އެންވަޔަރަމަންޓް އެސެސްމަންޓު އޮތުން ވަރަށް މުހިންމު ކަމަށެވެ. މިސާލަކަށް އެފަދަ އެސެސްމަންޓަކުން ރާއްޖޭގައި ބިން ހިއްކޭނީ ފަޅުތަކުގެ ކިތައް ޕަސެންޓުތޯ ކަނޑައެޅޭނެ އެވެ. ސްޓްރެޓަޖިކް އެންވަޔަރަމަންޓް އެސެސްމަންޓު 2020ގެ ނިޔަލަށް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ.

ސަރުކާރުތަކުން މަޝްރޫއުތައް ރާވައި ފަންޑު ހަމަޖެއްސުމުގެ ކުރިން ތިމާވެށީގެ މީހުންގެ ބަސް ހޯދަން ޖެހޭ ކަމަށްވެސް އިބްރާހިމް ވިދާޅުވި އެވެ. ގިނަ ފަހަރު ތިމާވެށީގެ މާހިރުންގެ ލަފައާ ހިސާބަށް ދެވެނީ އެ މަރުހަލާތައް ނިންމާފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ކިތަންމެ ގެއްލުންވިޔަސް ޕްރޮޖެކްޓު ހުއްޓާލަން ސަރުކާރުތަކުން ބޭނުން ނުވާކަން އިބްރާހިމް ފާހަގަ ކުރެއްވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ނޯވޭގެ ވެރިރަށް އޯޒްލޯގައި ކުރިއަށްދިޔަ "އަވަރ އޯޝަން ކޮންފަރެންސް" ގައި --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ ރައީސް، ހޯރަފުށި ދައިރާގެ މެމްބަރު އަހުމަދު ސަލީމް އެ ގަވައިދާ މެދު ދެކޭ ގޮތް ބެލުމަށް އޭނާއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު ހައިތަމް ވިދާޅުވީ، އެއީ ވަރަށް "ސެންސިޓިވް" ވާހަކައެއް ކަމުން ޖަވާބު ދެއްވޭނީ މުގައްރިރާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެކަމަކު އެފަހުން އޭނާގެވެސް ހަބަރެއް ނުވި އެވެ.

އެ ދެ ބޭފުޅުންގެ ބަހެއް ނުލިބުނު ނަމަވެސް، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އެހެން މެމްބަރަކު ނަން ހާމަ ނުކުރަން ޝަރުތުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.

"އެ ގަވައިދު ބަދަލު ކުރަން ޖެހޭ. އީޕީއޭގެ މަގުސަދު ހާސިލުވާނީ އެ ގަވައިދު ބަދަލުކުރީމަ،" އެ މެމްބަރު ވިދާޅުވި އެވެ.

ތިމާވެށީގެ ކަންކަމުގައި ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު!

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ތިމާވެއްޓަށް ގެއްލުން ލިބުނު އެތައް މަޝްރޫއުތަކެއް ހިންގުމާ ގުޅިގެން އޭރުގެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔެވެ. އެ ބޭފުޅުން 2018ގެ ރިޔާސީ ކެމްޕޭނުގައިވެސް އަދި އެފަހުންވެސް ތިމާވެށި ހިމާޔަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމީ އީޕީއޭ މިނިވަންކުރަން. ފުރިހަމަ އިހުތިޔާރާއި ގާނޫނީ ބާރު ލިބިދީފައި އޮތް ތަނަކަށް އީޕީއޭ ހެދުމަށް. އެހެންނަމަވެސް އަދި މިހާތަނަށް އައި އިރުގައި ވަރަށް ގިނަ ސަބަބުތަކާ ހެދި އެކަން ނުވެ މިއޮތީ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" މިދިޔަ އަހަރުގެ ޖޫން 13ގައި، ކުރީގެ ތިމާވެށި މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ޖޫން 13، 2019: ކުރީގެ ތިމާވެށީގެ ވަޒީރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން: އެމަނިިކުފާނާ އެކު އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަަސަން ބައިވެރިވެވަޑައިގެންނެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިމާވެެއްޓާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، އީޕޭއޭ ފަދަ ޓެކްނިކަލް އެޖެންސީއެއް އޮވެފައި، އެ އެޖެންސީގެ ނިންމުން ސިޔާސީ ބަޔަކަށް ބަދަލު ކުރެވޭ ނަމަ އެ އެޖެންސީ އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އީޕީއޭއިން ނިންމާ ނިންމުމެއް ސަރުކާރަށް ބަދަލުކުރެވެންޏާ އީޕީއޭ އޮތުމުގެ ބޭނުމެއް ނެތެއްނުން. މިނިވަންކޮށް އެކަން ކުރާ ބަޔަކު ތިއްބާ، ޕްރޮފެޝަނަލީ ހުރިހާ ގޮތަަކަށް ބަލާފައި އެކަން ކުރާ ބަޔެއްގެ ޕްރޮފެޝަނަލް އޮޕީނިއަން ސަރުކާރަށް ބަދަލުކުރެވެންޏާ އީޕީއޭ އޮތުމުގެ ބޭނުމެއް ނެތްތާ،" އަލީ ހުސެއިން ވިދާޅުވިއެވެ

އޭނާ ވިދާޅުވީ، މައްސަލައަކީ ވަކި ގޮތަކަށް ގަވައިދެއް އޮތުން ނޫން ކަމަށެވެ. ގަވައިދެއް ކޮންމެ ގޮތަކަށް އޮތަސް، މަޝްރޫއުއިން ކިތަންމެ ގެއްލުންވިޔަސް، އެ މަޝްރޫއު ހިންގަން ބޭނުންވާ ސަރުކާރަކުން އެކަން ކުރާކަން މާޒީއިން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޓޮމްލައިނަކީ، އީޕީއޭ އަކަސް އަނެކައްޗަސް، އެއިރެއްގައި އޮންނަ ސަރުކާރަކުން ތިމާވެށި ހިމާޔަތް ކުރަން ނުކުރި މަސައްކަތެއް ކުރާނެ ބަޔަކު ނޯންނާނެ. ޕޮލިސީ އެގޮތަށް އެލައިންވާން ޖެހޭނެ ތެދުވާން ޖެހޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ ގޮތުގައި ރައީސް ސޯލިހު ހުންނެވި އިރު، ތިމާވެށި ރައްކާތެރި ކުރަން ވަކާލާތު ކުރާ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް މީހުން އެމަނިކުފާނާ ބައްދަލު ކުރެއްވި އެވެ. އީކޯކެއާ އަދި ސޭވްމޯލްޑިވްސް ފަދަ ފަރާތްތަކުން ތިމާވެށީގެ ރޮނގުން ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް އިންތިހާބީ ރައީސަށް ހުށަހެޅުއްވި އެވެ. އެކަމަކު، އެ ސިޔާސަތުތައް އަދިވެސް ތަންފީޒު ނުވާ ކަމުގެ ޝަކުވާ އެބަ އޮތެވެ.

ސޭވް މޯލްޑިވްސްގެ އިޝާމް ވިދާޅުވީ، ސަރުކާރުން އިހުލާސްތެރިކަމާ އެކު ތިމާވެއްޓާއި މޫސުމާ ބެހޭ ކަންކަމުގައި ފިޔަވަޅު އަޅަން ބޭނުން ނުވާކަން މިކަމުން އެނގޭ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވަނީ ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށި ރައްކާތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުގެ ވާހަކަ ސަރުކާރުން ދައްކަނީ ބޭރުގެ ފަރާތްތަކުން ފަންޑު ހޯދަން ކަމަށެވެ.

"މިއަދާ ހަމައަށް އައި އިރުވެސް އެ ކޮމިޓެމެންޓް ދީފައެއް ނެތް. އެ ކޮމިޓްމަންޓް ނުދެއޭ މިބުނީ ޕްރެޒިޑެންޝަލް އެޑްރެސްގައިވެސް އީޕީއޭގެ މަސައްކަތަށް ހުރަސް އަޅައި އެކަހަލަ ކަންތައްތަކަށް ހުރަސް ނާޅާނެ ކަމަށް ބުނި. ބުނި ގޮތަކަށް ނޫން އަމަލު މި ކުރަނީ ސަރުކާރުންނެއް،" އިޝާމް ވިދާޅުވި އެވެ.

"ތިމާވެއްޓާ ޖެހުނީމާ ނިޔަތެއް ނެތްކަން ވަރަށް ސާފުވޭ،" ހުމޭވެސް ވިދާޅުވިއެވެ. "ސަރުކާރު ހިންގަން އަންނަނީ ކޮންމެހެން އެއްޗެއް ބަދަލުކުރަން ބޭނުންވާތީތޯ ނޫނީ ސަރުކާރުގައި ތިބެން ބޭނުންވާތީތޯ؟ މެނިފެސްޓޯ ހަދައިގެން ކުރިން ތިބި މީހުންނާ ދެކޮޅު ހަދައިގެން ސަރުކާރުގަ ތިބެން ބޭނުންވެގެން އެތަން މިތާ ވަކާލާތުކޮށް އެތައް މަސައްކަތެއްކޮށް އެތައް ހަރަދެއްކޮށް، އައިސްސަ އަދިވެސް ދިވެހިންނަށް ހަމަ މިކުރަނީ އަނިޔާ. މުޅި ރާއްޖެއަށް މާބޮޑު މަންފާއެއް ނުވޭ،"

އީޕީއޭ މިނިވަން ތަނަކަށް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ. އެކަން ހާސިލު ކުރަން އަމާޒު ހިފާފައި ވަނީ 2020ގެ ނިޔަލަށެވެ. އެ މަގުން ކަންތައް ކުރުމުގެ ގޮތުން މިހާރު އީޕީއޭގެ މުޅިން އާ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އެ ގާނޫނުގެ ތެރެއިން އީޕީއޭއާއި ތިމާވެށީގެ ކަންކަން ރެގިއިލޭޓު ކުރާ ނިޒާމުގައި ހުރި މައްސަލަތައް ހައްލުވެގެންދާނެ ކަމުގެ އުންމީދު އެ ދާއިރާގެ މީހުން ކުރެ އެވެ.

comment ކޮމެންޓް