ވިޔަފާރިތަކަށް އަމާޒުކޮށްގެން ބޭއްވި ބިޒްނަސް އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި އެކްސްޕޯގައި އެކި ދާއިރާތަކުން 60 އަށްވުރެ ގިނަ ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.

ފެބްރުއަރީ 23، 2020: ބިިޒްނަސް އެކްސްޕޯ 2020 ތެރެއިން -- ސަންފޮޓޯ / އަހްމަދު ސައީދު
އޯކާ މީޑިއާ ގުރޫޕުން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ބިޒްނަސް އެކްސްޕޯގެ އެންމެ ހާއްސަ ކަމަކަށް ވީ ހަތަރު ދާއިރާއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސަމިޓުތަކެވެ.
އެއީ މޯލްޑިވްސް ވިމެންސް ސަމިޓް، މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަލަސް ސަމިޓް، މޯލްޑިވްސް އޮންޓްރަޕްރެނާސް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.
މި ހަތަރު ސަމިޓުގައި ވެސް އެ ދާއިރާއެއްގެ ތަޖުރިބާކާރުން ވަނީ މުހިންމު މައުލޫމާތުތަކާއި އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާ ކުރައްވާފަ އެވެ.

ފެބްރުއަރީ 23، 2020: ބިިޒްނަސް އެކްސްޕޯ 2020 ތެރެއިން -- ސަންފޮޓޯ / އަހްމަދު ސައީދު
ބިޒްނަސް އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ހުރިހާ ދާއިރާއަކަށް ވެސް ނިސްބަތްވާ ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތައް އެއްތަނަކުން ގުޅުވައިދިނުމެވެ.
ކާމިޔާބުކަމާއެކު ބިޒްނަސް އެކްސްޕޯ ނިންމާލިއިރު، އެ އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންގެ އަދަދު 3000 އަށްވުރެ މަތިވާނެ ކަމަށް އޯކާ މީޑިއާ ގުރޫޕުން ވަނީ ލަފާކޮށްފަ އެވެ.